ގދ. ތިނަދޫން މީހުން ބޭލި މައްސަލައިގެ އަޑުއެހުން ލަސްވަނީ ބަޔާންދޭނެ މީހަކު ނެތުމުން ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ބުނެފިއެވެ.
އެ އޮފީހުގެ މީޑިއާ އޮފިޝަލް މިރޭ "ވަން" އަށް ވިދާޅުވީ، ތިނަދޫން މީހުން ބޭލި މައްސަލައާ ގުޅިގެން މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އަޑުއެހުންތައް ލަސްވަނީ ބަޔާންދިނުމަށް މީހުން ރަޖިސްޓްރީ ކޮށްފައިނުވުމުން ކަމަށެވެ.
އަދި ވިދާޅުވީ މީގެ ކުރިން ތިނަދޫގައި ބޭއްވި އަޑުއެހުންތަކުގައި ބަޔާންދިން މީހުންގެ ބަޔާންތަކުގައި ފާހަގަ ކުރެވުނު މީހުންނަށް ވެސް ގުޅަމުންދާ ކަމަށާއި ނަމަވެސް ބަޔާން ދިނުމަށް އަދި އެއްވެސް ފަރާތަކުން އެއްބަސްނުވާ ކަމަށެވެ.
އިންތިގާލީ އޮފީހުން މިހާރު ކުރަމުންދަނީ ތިނަދޫގައި ބޭއްވި އަޑުއެހުންތަކުގައި މީހުން ދިން ބަޔާންތައް އެނަލައިޒް ކުރުމުގެ މަސައްކަތްކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ތިނަދޫން މީހުން ބޭލުވި މައްސަލަ ބަލައިދިނުމަށް އޮމްބަޑްސްޕާސަން އޮފީހަށް މައްސަލަ ހުށަހެޅީ ތިނަދޫ ކައުންސިލުންނެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންދާއިރު އެންމެ ފުރަތަމަ އަޑުއެހުން ބޭއްވީ ތިނަދޫގައެވެ.
އެ އަޑުއެހުމުގައި ބަޔާންދިން މީހުން ވަނީ ތިނަދޫ މީހުން ބޭލި ހާދިސާގައި ސިފައިން ކަންތައް ކުރިގޮތާއި ރަށުން ބާލުވައި އެހެން ރަށެއްގައި އުޅެން ޖެހުމުން ދިމާވި ދަތިތަކުގެ ވާހަކަ ކިޔައިދީފައެވެ.
ބަޔާން ދިން މީހުން ބުނެފައި ވަނީ ސިފައިން ތިނަދޫގެ ބައެއް އަންހެނުންނާއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށެވެ. އަދި ތިނަދޫން އެ މީހުން ބޭލުވީ ވިއްސާރަ ރެއެއްގައި ކަމަށާއި އޭ ރޭ ކަނޑު ވަރަށް ގަދަ ކަމަށެވެ. އެހެންވެ ބައެއް މީހުން ވަނީ އެ މީހުންގެ އާއިލާ މީހުން ކަނޑުވި ކަމަށް ބަޔާންދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު