ޚަބަރު

ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމާ ގުޅޭގޮތުން އަސްލަމް ވާހަކަ ދެއްކެވީ ހަގީގަތް އޮޅޭގޮތަށް: ކައުންސިލް

މުހައްމަދު އިޝާން

ވ. ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ނުފެށި ލަސްވަނީ، ރަށު ކައުންސިލަށް ފޮނުވި ކޮންސެޕްޓް ލިބިފައިނުވާތީ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި ވާހަކަތައް އެރަށު ކައުންސިލުން ދޮގުކޮށްފިއެވެ.

ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މިއަހަރުގެ ޕީއެސްއައިޕީގައި ހިމެނިފައިވާ އިރު، މަސައްކަތް ނުފެށި ލަސްވާ ސަބަބު ހޯއްދެވުމަށް ފެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަސްލަމް މިއަދު ވިދާޅުވީ، ފެލިދޫގެ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ކޮންސެޕްޓެއް ތައްޔާރުކޮށް މިދިޔަ އޭޕްރީލް މަހުގެ 20 ގައި ރަށު ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ.

އެ މަސައްކަތް ކުރިއަށް ގެންދެވޭނީ، ރަށު ކައުންސިލުން އެ ފާސްކޮށް ތައްގަނޑު ޖަހައި މިނިސްޓްރީއަށް ފޮނުވުމުން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ ދަށުން އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) މަރުހަލާ އާއި ޓެންޑަރިން މަރުހަލާ ކުރިއަށް ގެންދެވޭނީ ރަށު ކައުންސިލުން ދޭ ޖަވާބަށް ފަހުގައި ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމްގެ އެ ވާހަކަތަކާ ގުޅިގެން ފެލިދޫ ކައުންސިލުގެ ރައީސް އަހުމަދު ނަސްރުﷲ މިރޭ "ވަން" އަށް ވިދާޅުވީ، އަސްލަމް ދެއްކެވި ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި ރޯދަ މަހުގެ ފަހު ދިހައިގައި ޕްލޭނިން މިނިސްޓްރީން ކޮންސެޕްޓް ފޮނުވި ކަމަށެވެ. ނަމަވެސް އެއީ ފަހު ދިހައިގެ ރޭތަކަށްވުމުން ކައުންސިލުން މަސައްކަތް ކުރަމުން ގެންދިޔައީ ދީނީ ޕްރޮގްރާމުތައް ހިންގުމަށް ކަމަށް ވިދާޅުވިއެވެ.

ނަސްރުﷲ ވިދާޅުވީ، ޕްލޭނިން މިނިސްޓްރީއަށް ގުޅައި ފަހު ދިހައިގެ ދުވަސްތައް ނިމުމުން އެއަށް ޖަވާބު ދޭނެކަމަށް އެންގުމުން، މިނިސްޓްރީން އެގޮތަށް އެއްބަސްވި ކަމަށެވެ.

"މިނިސްޓަރު އަސްލަމްގެ ވާހަކަތައް އަޅުގަނޑު ފާހަގަކުރަނީ ފިތުނަ އުފެއްދުމުގެ ނިޔަތުގައި ކުރި ކަމަކަށް. ސިޓީ ފޮނުވާފައި އެދުނީ ދެ ދުވަސް ތެރޭގައި ޖަވާބު ދޭން. ކައުންސިލުން ކަންތައް ކުރަނީ ރަށުގެ ރައްޔިތުންގެ މަޝްވަރާ ހޯދުމަށްފަހު އެއާ އެއްގޮތަށް،" ނަސްރުﷲ ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން ކޮންސެޕްޓް ފޮނުވުމުން އެކަމާމެދު ގޮތެއް ނިންމައި މިނިސްޓްރީއަށް އަންގާނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ކަމަށް އަންގާފައިވާނެ ކަމަށް ނަސްރުﷲ ވިދާޅުވިއެވެ. އަދި ވިދާޅުވީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ އީއައިއޭ ވެސް ނުހަދާ ކަމަށެވެ.

ނަސްރުﷲ ވިދާޅުވީ، ޕްލޭނިން މިނިސްޓްރީން ކައުންސިލަށް ކުއްލިއަކަށް ކޮންސެޕްޓް ފޮނުވީ ފެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު ފަޒުލް، އަސްލަމާ ސުވާލުކުރަން ހުށަހެޅުމުން ދައްކާނެ ވާހަކައެއް ހޯދަން ކަމަށެވެ.

"ހަތަރު އަހަރު ވެގެން މިދިޔައީ ސަރުކާރަށް. ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއެއް ނެތް. އެތާނގައި ރުށްތައް ވެސް ވެއްޓިއްޖެ. މެމްބަރު ސުވާލުކުރަން ހުށަހެޅީމަ ހަމަ ކުއްލިއަކަށް ކޮންސެޕްޓް ފޮނުވާފައި މިބުނަނީ ގޮތެއް ނިންމައިދެއްވާށޭ. މިއީ މަޖިލީހަށް ގޮސް ކަމެއްކު ރާކަން ދެއްކުމުގެ ގޮތުން ކުރިކަމެއް،" ނަސްރުﷲ ވިދާޅުވިއެވެ.

ނަސްރުﷲ އިތުރަށް ވިދާޅުވީ، ރޯދަ މަހުގެ ފަހު ދިހައިގެ ފަހުން ވެސް ކޮންސެޕްޓާ ގުޅޭގޮތުން ރައްޔިތުންނާ ބައްދަލުކޮށް ގޮތެއް ނިންމިފައިނުވަނީ ސަރުކާރުގެ އެކި އިވެންޓުތައް އެރަށުގައި ކުރިއަށް ގެންދިއުމުން އެކަންތައް އިންތިޒާމުކުރަން ޖެހުމުގެ ސަބަބުން ކަމަށެވެ. އަދި ފަސްޓްލޭޑީ ފަޒްނާ އަހުމަދު އަންނަ ހަފުތާގައި ފެލިދޫއަށް ވަޑައިގަންނަވާތީ އެ ކޮންސެޕްޓާ ގުޅޭގޮތުން މި ހަފުތާގައި ޖަވާބު ނުދެވޭނެ ކަމަށެވެ.