"ކިހިނެއްވީ؟" ޝެލީ ހުއްޓުނު ގޮތުން ސާހިލް އެހިއެވެ. ޝެލީ އިނގިލި ދިއްކޮށްލީ ދިމާ ކުރިމައްޗަށެވެ. އަލިއެޅިފައި އޮތް ތަންކޮޅަކުން ހިޔަންޏެއްވިހެން ސާހިލްއަށް ވެސް ހީވިއެވެ.
"މަންމަ ކަންނޭނގެ" ވައިއަޑުން ޝެލީ ބުންޏެވެ. ސާހިލް ވިސްނާލިއެވެ. ހިޔަނި އެޅޭ ތަންކޮޅަށް ބަލަން ހުރެފައި ދެން ފަހަތަށް އެނބުރި ކުޑަދޮރާ ދިމާލަށް ބަލައިލިއެވެ. ދެން ހީލައިފިއެވެ.
"އެއްވެސް މީހެއް ނޫން. ފަހަތުގަ އެހެރަ މަންމަގެ ގަސްތައް ވަޔާ ހެލެނީ" ސާހިލް ބުންޏެވެ. ޝެލީ ފަހަތް ބަލައިލިއެވެ. މީހެއްގެ ހިލަމެއް ނެތްކަން އެނގުމުން ޝެލީ ހިތްހަމަޖެހުނެވެ.
ކޮޓަރިއަށް ވަންގޮތަށް ސާހިލް އެދުނީ އޭސީގެ ފިނި މަޑުކޮށްދިނުމަށެވެ. އޭރު މީހާ ހީކަރުވައިގެން ރޫރޫ އަޅަމުން ދިޔައެވެ. ސާހިލް އެދުނު ފަދައިން ޝެލީ ކަންތައްކޮށްދިނެވެ. ދެން ބޭރަށް ނުކުމެފައި އައިއިރު ޝެލީގެ އަތުގައި އިސްތިރި އޮތެވެ. އެނދާ ދިމާލުން ހުރި ސްވިޗްތަކާ އިސްތިރި ގުޅާލިއެވެ.
"ގެނޭ ގަމީސް ބާލާފަ އިސްތިރިކޮށްލާނަން. ތެތްކޮށް އޮތީމަ ގައިގަ ޖެހޭ ކޮންމެ ފަހަރަކު ހީކަރުވާނެ" ޝެލީ ބުންޏެވެ. ސާހިލް ދިއްކޮށްލި ގަމީހުގައި ހިފަމުން ޝެލީ އަތުގައި އޮތް ތުވާލި ސާހިލްއަތަށް ދިނެވެ.
"ޖީންސު ނުތެމޭ ދޯ އެހާ ބޮޑަކަށް" ގަމީސް އިސްތިރިކުރަން ހުރެ ޝެލީ ބުންޏެވެ.
"ތެމުނަސް ނުބުނާތި މި ބާލާފަ އިސްތިރިކުރަން ދޭށޭ. ނުކެރޭނެ. ލަދުގަނޭ" ސާހިލް ބުންޏެވެ. ޝެލީއަށް ހެވުނެވެ.
ޝެލީގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ސާހިލް އިނެވެ. ހީވީ ކުޑަވަގުތުކޮޅަކަށް އަނބިމީހާއާއެކު އެއްކޮޓަރީގައި މަޑުކޮށްލައިގެން ހުރެވުނު ހެންނެވެ.
"އިރުކޮޅަކު ކޮނޑުގަ އަޅުވާފަ ބާއްވާލާނީ. ހިކޭނެ ވަރަށް އަވަހަށް" ޝެލީ ބުންޏެވެ. ދެން ސާހިލް ދިއްކޮށްލި ތުވާލި ގެންގޮސް ހަރުގައި އެޅުވިއެވެ. ސާހިލް ބަހެއްނުކިޔާ އިނުމުން މަޑުމަޑުން ހިނގާލާފައި އައިސް ސާހިލް އާ ޖެހިގެން އިށީނެވެ. ދެކުދިންގެ ދެމެދުގައި އެކަކަށް އިށީނދެވޭހާ ޖާގަ ހުއްޓެވެ.
"ކީއްކުރަންށޯ އައީ" ޝެލީ އެހިއެވެ.
"އަހަރެންގެ އަންބަކަށް ޝެލީ ވާން އުޅެނީ. އަދިވެސް އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ" ސާހިލް ބުންޏެވެ.
"ގަބޫލުކުރޭ. ސާހިލްއަށް ސާހިލް ލޯބިވި މީހާ ލިބެނީ. ތިއީ ވަރަށް ނަސީބުގަދަ މީހެއް" ޝެލީ ބުންޏެވެ. ޝެލީގެ އެޖުމްލައާއެކު ސާހިލްގެ ހިތަށް ތަދުވެލިއެވެ. އެނދުން ތެދުވިގޮތަށް ޝެލީގެ ކުރިމަތީގައި ކުރުކަކޫ މައްޗަށް އިށީނެވެ. އުނގުމަތީގައި އޮތް ޝެލީގެ ދެ އަތުގައި ސާހިލް ހިފަހެއްޓިއެވެ. ސާހިލް އާއި ޝެލީ ހަތަރުކަޅި ހަމަކުރީ ގަދަކަމުންނެވެ. ކަރުނަތަކުން ފުރިފައިވި ޝެލީގެ ދެލޯ ފެނުމުން ސާހިލް އިންތިހާއަށް ދެރަވެއްޖެއެވެ.
"އިނގޭ ޝެލީ އަހަރެންދެކެ ލޯބިނުވާކަން" ސާހިލް ބުންޏެވެ. "އެކަމަކު ޝެލީވެސް ތިއީ ހަމަ ވަރަށް ނަސީބުގަދަ ކުއްޖެއް. ޝެލީއަށް ލިބެން ތިއުޅެނީ ދުނިޔޭގައި ވާހާ ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް ޝެލީދެކެ ލޯބިވާ މީހެއް" ސާހިލް ބުންޏެވެ.
"ތަގުދީރުގައި ކަންތައްތައް ވާނެ ގޮތެއް ބުނަން އެއްވެސް މީހަކަށް ނޭނގޭނެ. ޝެލީ އާ ކުރިން ދިމާވީ އަހަރެން. އަހަރެންނަށް ޝެލީދެކެ ލޯބިވެވުނީ ގަސްދަކު ނޫން. އަހަރެން ފިނޑިކަމުން އެއިރު ޝެލީދެކެ ލޯބިވާކަމަށް ދުލުން އިގުރާރު ނުވެވުނީ. އެނބުރި އައިތަނާ ޝެލީ އާ ދިމާވީ އަހަރެންގެ ކޮއްކޮ. އެކަކު އަނެކަކުދެކެ ލޯބިވެ ކައިވެންޏަކާ ހަމައަށް ތިދެމީހުން ދިޔައީ. އެކަމަކު ތިދެމީހުން ދެކުނު ހުވަފެން ހަގީގަތަކަށް ނުވެ ދިޔައީ. ފަހުން އަހަރެންނާ ޝެލީ ބައްދަލުވެ އަނެއްކާވެސް މިވަނީ ކައިވެންޏަކާ ހަމައަށް އައިސްފަ. ޝެލީ، މައި ރޯޒްމެލޯ، ކައިވެންޏަށްފަހު އަހަރެން ޝެލީއަށް ވަގުތުދޭނަން. އަހަރެންދެކެ ލޯބިވާކަމަށް ޝެލީ ނުބުނާހާ ހިނދެއްގައި އަހަރެން ހުންނާނީ ހަމައެކަނި އެކުވެރިއެއްގެ ގޮތުގަ" ސާހިލް ވާހަކަދެއްކިއެވެ.
"އަހަރެން... ލޯބި.... " ޝެލީއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ސާހިލް ޝެލީގެ ތުންފަތުގައި އިނގިލި ހުރަސްކޮށްލައިފިއެވެ.
"ފަހުން... އަހަރެން މިއައީ ޝެލީ އާ ވާހަކަދައްކާލާހިތުން. އަހަރެންނާ އިންނަން ޝެލީ ރަންކިއީމަ އުފަލުން. އެންމެންތެރޭގަ އަހަރެންނަށް ރަނގަޅަށް ޝެލީއަށް ބަލާވެސްނުލެވޭ" ސާހިލް ބުންޏެވެ. ޝެލީ އަވަސް އަވަހަށް ބޯޖަހާލިއެވެ.
"އެކަމަކު އަދި ވާރޭ" ބުންޏެވެ.
***********
ނިދާފައި އޮތް އިކާނަށް ހޭލެވުނީ ބާރު އަޑުފަށްގަނޑެއް އިވިގެންނެވެ. ކޮޓަރި ލައިޓްތައް ދިއްލާލާފައި ބަލައިލިއިރު ތިރީގައި އޮތް ރަޖާގަނޑު އޮތީ ހުހަށެވެ. އެތަނުގައި އާޝިގާއެއް ނެތެވެ. އަސަލްވެސް ނެތެވެ. ބޮލެއްގައި ރިއްސާތީ އުޅެފައި މާއަވަހަށް އިކާނަށް ނިދުނީއެވެ. އިރުކޮޅެއްވީތަނާ ކަންފަތުގައި އައިސް ޖެހުނު އަޑާއެކު އިކާނަށް ފާހާނާ އާ ދިމާލަށް ބަލައިލެވިއްޖެއެވެ. ފާހާނައިގައި އުޅެނީ އާޝިގާކަން ދެވަނަ ވިސްނުމަކަށް ނުގޮސް އިކާނަށް އެނގުނެވެ. އިކާން އަވަސް އަވަހަށް ގޮސް ފާހާނާގެ ދޮރަށް އެރިއެވެ. ފާހާނާ ތަށީގެ ތެރެއަށް ގުދުވެގެން އޮތް އާޝިގާ ހޮޑުލަމުން ދިޔައެވެ. އިކާނު ލަސްލަހުން އާޝިގާ އާ ގާތްވެލިއެވެ. ގުދުވެ އޮތް އާޝިގާގެ ބުރަކަށީގައި ފިރުމަމުން އިކާން ދިޔައެވެ. ބޯހިއްލާލާފައި ބަލައިލިރު ކައިރީގައި އިކާން ހުރިކަން އެނގުމާއެކު އާޝިގާއަށް ރޮވުނެވެ. ފިރިމީހާގެ އޯގާތެރި ބީހިލުމެއް އެލިބުނީ ދެވަނަ ދަރިފުޅަށް ބަލިވެ އިނުމުންނެވެ. އެ ފިރުމުމަށް އާޝިގާ އެދޭތާ ކިހާ ދުވަހެއް ހެއްޔެވެ؟
"ދުރަށްދޭ" މޫނުދޮންނަ ތައްޓާ ދިމާލަށް ދަމުން އާޝިގާ ބުންޏެވެ. އިކާން ދުރަށް ނުޖެހުނެވެ. އިސްކުރު ދޫކޮށްލާފައި ފެންފޮދަކުން އާޝިގާގެ މޫނު ދޮއްވާލަން އިކާން އުޅުނެވެ.
"ދުރަށްދާށޭ..." އިކާންގެ މޭގައި އަތްއަޅާފައި އިކާން ފަހަތަށް ކޮށްޕާލަމުން އާޝިގާ ބުންޏެވެ. މިފަހަރު އިކާން ފަހަތަށް ޖެހުނެވެ. އެހެންނަމަވެސް ފާހަނައިން ނުނިކުމެ ހުއްޓެވެ.
ފާހާނައިން ނުކުތް އާޝިގާ ގޮސް ސޯފާގައި އިށީނުމާއެކު އިކާން ދޮރާ ދިމާލަށް ދިޔައެވެ. އެވަގުތު އިކާން ބޭރަށް ނުކުތީ ދަންވަރުގެ ވަގުތަށްވެފައި ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވާތީއެވެ. އިކާން މިސްރާބުޖެހީ ބަދިގެ އާ ދިމާލަށެވެ. އިކާން ނުކުތްކަން އެނގުމާއެކު އާޝިގާއަށް ހަމަ ރަނގަޅަށްވެސް ރޮވެމުން ދިޔައެވެ. މިހާރު އިކާން އާޝިގާއަށް ހަމްދަރުދީވާންވީ ކީއްވެގެން ހެއްޔެވެ؟ މިހުރިހާ ދުވަހުވެސް އާޝިގާ އުޅުނެވެ. އިކާނުގެ އެހީތެރިކަމާނުލާ ވެސް ދަރިއަކު އުފަންކުރިއެވެ.
ދޮރުހުޅުވާލާފައި އެތެރެއަށް ވަން އިކާންގެ އަތުގައި ޖޫސްތައްޓެއް ހުއްޓެވެ. އާޝިގާއަށް ހައިރާންކަމެއް ލިބުނެވެ. އިކާން އެ އުޅެނީ ކިހިނެއްވެގެން ހެއްޔެވެ؟ ގައިގައި އަތްނުލާ ދިން އަނިޔާ ކުޑައީ ހެއްޔެވެ؟
"މި ބޯލަންވީނުން" އިކާން ބުންޏެވެ. އާޝިގާ ފުންމައިގެން ތެދުވިއެވެ.
"ކަލޭ ކިހިނެއްވެގެން މާ މާތް މީހަކަށްވެގެން ތިއުޅެނީ. ބުނަންތަ ވާހަކައެއް. ކަލޭ ތިކުޅޭ ކުޅިވަރު ހުއްޓާލާ. އަހަރެންނަށް ދެވުނު އަނިޔާ ކުޑައީތަ؟ ފަހަރެއްގަވެސް ކަލޭ ހީނުކުރައްޗޭ އަހަރެންނަށް ބޭނުންހާ ގޮތެއް ކަލެއަށް ހެދިދާނޭ. އަހަރެން މިގޭގަ މިހުރީ ހަމައެކަނި އަހަރެންގެ ދަރިފުޅަށްޓަކައި. މާދަމާވެސް އެދަރިފުޅު ބޮޑުވެގެން އަހަރެންނަށް ކުރާނެ ސުވާލުތަކަށް ޖަވާބުނުދެވި އެދަރިގެ ހިތްހަލާކުވެދާނެކަމަށްޓަކައި. ކަލޭ އަތުން އޯގާތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް މި އާޝިގާއެއް ބޭނުމެއްނުވޭ" އިކާން ބަހެއްވެސް ނުކިޔައި އާޝިގާގެ ކުރިމަތީގައި އިށީނދެގެން އިނެވެ. އާޝިގާ ތެދުވެގެން ގޮސް ތަންމަތީގައި އޮށޯންނަންދެން އިކާން އެތަނުގައި އިނެވެ.
**********
އޮފީހުން މަގަށް ނުކުތްގޮތަށް ކަންފަތުގައި ޖަހާފައި އޮތް ފޯނު ލަކްޔަން ކަންފަތާ ދުރުކޮށްލިއެވެ. އަވި އައިނު ދެލޮލަށް ހެޔޮވަރުކޮށްލާފައި މަގު ހުރަސްކޮށް ދިޔައީ ޕާކިން އޭރިޔާއާ ދިމާލަށެވެ. ސައިކަލު ނެރެގެން ދުއްވާލީ މީހަކާ ބައްދަލުކުރަންވެފައި އޮތުމުން އެދިމާލަށެވެ.
ކެފޭއަށް ވަދެގެން ގޮސް އެއްފަރާތުގައި ހުރި ސިޑިން ލަކްޔަން އެރީ މައްޗަށެވެ. ވަގުތުގެ ގޮތުން މާގިނަ ބަޔަކު ނެތެވެ. މަގުމަތި ފެންނަ ދިމާލުގައި ހުރި މޭޒެއްގެ ދޮށުގައި އިން ސިރާޖް ފެނުމާއެކު ލަކްޔަން އެދިމާލަށް ދިޔައެވެ. ފޯނާ ކުޅެން އިން ސިރާޖް ބަލައިލި އިރު ލަކްޔަން ގޮނޑި ދުރުކޮށްލާފައި އިށީނދެއްޖެއެވެ.
"ކިހިނެއްތަ؟" ސިރާޖް އެހިއެވެ.
"އަހަރެން ރަނގަޅު. ހާދަ ފާޑަކަށް ތިއިނީ. ހުރިހާކަމެއް ރަނގަޅުތަ؟" ލަކްޔަން އެހިއެވެ. ކުރިން ސިރާޖް މޫނުމަތިން ފެންނަ އުފާވެރިކަމެއް ނެތެވެ. ޖޯޝާއި ފޯރިއެއްވެސް ނެތެވެ. ލަކްޔަންއަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ދުންފަތުގެ އިސްތިއުމާލުކުރަން ދެވިހިފާފައިވާ މީހާގެ ދެ އިނގިލި ދޭތެރޭ ހުސްކޮށް އޮތްތަން ފެނުމުންނެވެ. އަމުދުން ސިނގިރޭޓަކާ ނުލާއި ކޮފީއަކަށް އަރައި އިންއިރު ބޮޑު އައިބުކަމެއް ހުއްޓެވެ.
"އެއްވެސް ކަމެއް ރަނގަޅެއްނޫން. ކަންތައްތައް ވަރަށް ގޯސްވެއްޖެ" ސިރާޖް ބުންޏެވެ. އެކުވެރިޔާގެ އަޑަށް ވެރިވެފައިވާ މަޑުމައިތިރިކަން ލަކްޔަންއަށް ފާހަގަވިއެވެ. ކަންތައްތައް ހަމައެކަނި ގޯސްވީކީ ނޫނެވެ. ވަރަށް ގޯސްވީއެވެ.
"ކިހިނެއްވީ އަނެއްކާ. ޒުމް ރަނގަޅުތަ؟ ލަކްޔަން އެހިއެވެ.
"އަހަރެން... އަހަރެން ވަރަށް ބަލިވެއްޖެ. އަވަހަށް ފަރުވާ ނުފެށުނިއްޔާ އަހަރެން މަރުވެދާނެ. ފުރައިގެން ދާން މިއުޅެނީ. އޭގެކުރިން ކަލޭ އާ ބައްދަލުކުރަން ބޭނުންވީ. އަހަރެންގެ ފަރާތުން ގޯހެއް ހެދިފަވާނަމަ އަހަރެންނަށް ހިތްހެޔޮކޮށްދެއްޗެ. އަހަރެން މިބަލިން ރަނގަޅުވުމަށް އެދި ދުއާކޮށްދެއްޗެ" މޭޒުމަތީގައި އޮތް ލަކްޔަންގެ އަތްމަތީގައި އަތްއަޅުވާލަމުން ސިރާޖް ބުންޏެވެ.
"ކޮން ބައްޔެއް؟" ލަކްޔަން އެހިއެވެ. ސިރާޖްގެ ވާހަކަތައް ހުރިގޮތުން ލަކްޔަންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ހިނގާލިއެވެ.
"ލަންގް ކެންސަރ" އިސްޖަހައިލަމުން ސިރާޖް ބުންޏެވެ. ލަކްޔަންގެ ދުލުގައި ތަޅެއްލެވުނު ކަހަލައެވެ. ދެރަވީވަރުން ސިރާޖްގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ.
"މިއީ އަހަރެންނަށް އުޅެވުނު ވިޔާނުދާ ގޮތްތަކުގެ ސަބަބުން ހެއްދެވިފަރާތުން އަހަރެންނަށް ދެއްވި އިންޒާރެއް. މިހާރު އަހަރެންނަށް ވިސްނިއްޖެ. މީހުން ބުނަނީ ތެދެއް. ގިނަފަހަރަށް ހެޔޮވިސްނުން ވިސްނޭއިރު މީހާ އޮންނަނީ މަރުގެ ތުންފަތްމަތީގައި. އެހެންވިޔަސް އަހަރެން އުފާކޮށްފިން. މަރުވުމުގެ ކުރިން ހެޔޮކަމެއް ކުރާނެ ފުރުސަތެއް އަހަރެންނަށް ލިބުނީތީ. ވިޔާނުދާ ހުރިހާ ކަމެއް އަހަރެން ދޫކޮށްލައިފިން. އަހަރެންގެ ހަޔާތުން ދެން އެންމެ ވަގުތެއްވެސް ބޭކާރުގޮތުގައި ފާއިތުވާކަށް ނުކެރޭނެ. އަހަރެންގެ އަނބިމީހާ އާއި ދަރިފުޅުގެ ފައިތިލަވެސް ސީދާވެގެންވާ މަގަށް އަނބުރާލާނަން. ދުނިޔެވީ އުފަލަކީ އެއްވެސް އެއްޗެއް ނޫން. ހަގީގީ ދިރިއުޅުން މިފެށެނީ އިންސާނާ މަރުވުމަށްފަހު. މިދުނިޔެއަށް އަހަރެމެން ފޮނުއްވީ ހިތަށް އެރިހާ ގޮތަކަށް އުޅޭކަށް ނޫން. ހެއްދެވިފަރާތަށް އަޅުކަން އަދާކުރުމަށް. ހެޔޮގޮތުގައި ކައިވެނިކޮށްގެން ސޯލިހް ދަރިފަސްކޮޅެއް އާބާދުކުރުމަށް. މި ބިންމަތީގައި ފައިތިލަ ސާބިތުކުރި އެންމެ މާތް އިންސާނާ މި އުންމަތަށް ގެނެސްދެއްވި ރީތި ސޯލިހް އެއްވެސް ކަމެއްގައި އަހަރެންނަށް ނުހިފުނު. ދެރައީ އަހަރެންނަށް ވިސްނުނު އިރު ހަޔާތުން ބޮޑު ބައެއް ބޭކާރު ގޮތުގައި ފާއިތުވެފައިވާކަން" އިސްޖަހާލި ސިރާޖްގެދެލޮލުން ކަރުނައެއް ވެއްޓިގެން ދިޔައެވެ.
"ސޮރީ... އައިމް ސޮރީ ސިރާ" ލަކްޔަން ބުންޏެވެ. ހަގީގަތުގައިވެސް ލަކްޔަން ވަރަށް ދެރަވެއްޖެއެވެ. ވިސްނުން ތަފާތުވުމުގެ ސަބަބުން ދުވަސްތަކެއް ވަންދެން އެކުވެރިޔާއާ އޮތް ގުޅުން ހީނަރުވެފައި އޮތަސް ލަކްޔަން ކުރާ ކޮންމެ ދުއާއެއްގެ ފަހަތުގައި އެކުވެރިޔާގެ ނަން ޝާމިލްކުރެއެވެ. އެހެނީ ސިރާޖަކީ ލަކްޔަންގެ ހަޔާތުގައި މުހިންމު މީހެކެވެ. ލަކްޔަންގެ ހަޔާތުގައި އައި ހިތާމަވެރި ދުވަސްތަކެއް އެންމެ ގާތުން ހިތްވަރުދީ އެހީތެރިވެދިނީ ސިރާޖެވެ. ލަކްޔަންއަށްޓަކައި ސިރާޖަކީ ހަމައެކަނި އެންމެ ގާތް އެކުވެރިޔާއެއްވެސް ނޫނެވެ. ލަކްޔަން ސިރާޖް ދެކެނީ އެއްބަނޑުއެއްބަފާ ކޮއްކޮއެއްގެ ހައިސިއްޔަތުންނެވެ. ރާވީ ދެކުނީ އިކާނު ފަދައިން އަމިއްލަ ދަރިއެއްގެ ގޮތުގައެވެ.
"ކެންސަރަކީ ހުރިހާކަމެއްގެ ނިމުމެއްނޫން. ހަގީގަތުގަ އެއީ ފެށުމެއް. މާތްﷲ އިރާދަފުޅުކުރެއްވިއްޔާ ސިރާ ތިކަމުން ސަލާމަތްވާނެ. ސަލާމަތްވެގެން އަހަރެމެން ދެމީހުން އެކުގައި ހައްޖުގެ އަޅުކަން އަދާކުރާނީ ދޯ..." ލަކްޔަން ބުންޏެވެ. ލަކްޔަންގެ ޖުމްލައާއެކު ސިރާޖް ހިނިތުންވެލިއެވެ.
**********
ވަޒީފާ ނިންމާފައި ގެއަށް ވަންނަން އައި ސާހިލްއަށް ފަހަތުން މީހަކު ގޮވާލިއެވެ. ބަލައިލި އިރު ޒުވާން އަންހެނަކާއި ފިރިހެނަކު ފަހަތުގައި ތިއްބެވެ. އެއީ ކޮންބައެއްކަން ދެނެގަންނަން ސާހިލްއަށް އުނދަގު ނުވިއެވެ. ސާހިލް ހަނދާންނެތުނީ އެދެމީހުންގެ ނަމެވެ.
"ޖިނާން... މިއީ އަންހެނުން ޝަހާނާ" ސަލާންކުރަން ސާހިލްގެ އަތުގައި ހިފަހައްޓައިގެން ހުރެ ޖިނާން ބުންޏެވެ. ސާހިލް ނިކަން ބޮޑަށް ހިނިތުންވެލިއެވެ.
"ބުނީމެއްނު ބައްދަލުކޮށްލައި ވާހަކަދައްކާލަން އަންނާނެ ވާހަކަ" ޖިނާން ބުންޏެވެ.
"ލައްބަ. ހިންގަވާ އެތެރެއަށް. މަންމަ ކައިރީގަވެސް ބުނެލިން ބަޔަކު އަންނާނެ ވާހަކަ" ސާހިލް ބުންޏެވެ. ދޮރާށިން އެތެރެއަށް ވަދެގެން ގޮސް ލިފްޓަށް އެރުމާއެކު ޖިނާން ސާހިލް އާ ސުވާލުކުރިއެވެ.
"ލައްބަ. މިގެޔަކީ އަޅުގަނޑުގެ ބައްޕަގެ ގޯއްޗެއް. މިބައިގަ އަޅުގަނޑާ މަންމަ އުޅެނީ އަނެއްބައި މިހާރު ހަދަނީ" ސާހިލް ބުންޏެވެ.
ސާހިލްއަށް ދޮރުހުޅުވާލެވުނު އިރު ސަމީރާ އިނީ އަސަރުކޮށްގެން ނުކުމެ ހަވީރުގެ ޒިކުރުތައް ކިޔުމުގައެވެ. ސާހިލްގެ ފަހަތުގައި ތިބި ދެމީހުން ފެނުމާއެކު ސަމީރާ ހީލިއެވެ.
"އަޅުގަނޑު މިއަންނަނީ ހެދުން ބަދަލުކޮށްލައިގެން" ސަމީރާއަށް ސާހިލް ބުންޏެވެ.
"ސައިބޮއެގެން ދޯ ވާހަކަދައްކާލާނީ. އެބައަންނަން" ސަމީރާ ބުންޏެވެ. ޝަހާނާ އާއި ޖިނާން އިށީންނަން ގޮނޑި ދައްކާފައި ސޯފާމަތީގައި އޮތް ދުއާފޮތް ހިފައިގެން ސަމީރާ ދުރަށް ހިނގައިގަތެވެ.
ސޯފާގައި އިނދެފައި ޝަހާނާ ޖިނާންގެ މޫނަށް ބަލައިލިއެވެ.
"ހާދަ ހިތްހެޔޮ މީހެކޭ ދޯ" ޝަހާނާ ބުންޏެވެ. ޖިނާން ބޯޖަހާލިއެވެ. އިރުކޮޅަކުން ސާހިލް އައިސް ސޯފާގައި އިށީނދެއްޖެއެވެ.
"ދަރިފުޅާ އާދޭ އެމީހުން ގޮވައިގެން ސައިބޯން" ކާމޭޒު ކައިރީގައި ހުރި ސަމީރާ ގޮވާލިއެވެ.
***********
އަސަލްއަށް ޖޫސް ހަދަން ބަދިގޭގައި އުޅުނު އާޝިގާގެ ހަރަކާތްތަކުގައި ލަސްކަމެއް ވިއެވެ. އޭނާގެ ހިޔާލާއި ވިސްނުމާ ގުޅިފައިވަނީ އިކާނާއެވެ. އެގެއަށް އައިފަހުން ޒުވާބުކުރުމާއި ޖަދަލުކުރުމުގެ އެއްވެސް ކަމެއް އިކާނުގެ ނެތެވެ. އޭގެބަދަލުގައި އިކާންގެ ފުށުން އޭނާއަށް ފެންނަނީ ހިމޭންކަމާއި މަޑުމޮޅިކަމެވެ. އާޝިގާ ކުރާށޭ ބުނި ކަމެއް ކުރެއެވެ. ހުންނަނީ އާޝިގާ ބެހެއްޓި ހިސާބެއްގައެވެ.
"ކޮންވިސްނުމެއްގަ" ޝިއުރާގެ އަޑު އިވުމާއެކު އާޝިގާގެ ހިޔާލުތައް ވިއްސިވިހާލިވެގެން ދިޔައެވެ. ބަލައިލި އިރު ފޯނަށް ބަލަހައްޓައިގެން ޝިއުރާ މޭޒު ކައިރީގައި އިނެވެ.
"އަސަލްގެ ޖޫސްކޮޅު ހަދަން އައީ" އާޝިގާ ބުންޏެވެ.
"ކުޑާ ކޮންކަމެއްގަ ތިއުޅެނީ" އިތުރު ސުވާލެއް ޝިއުރާ ކުރުމުގެ ކުރިން އާޝިގާ އެހިއެވެ.
"ލޫހް ގެ ޓިއުޝަން ކަންތަކުގަ" ޝިއުރާ ބުންޏެވެ. "އަދިވެސް އަސަލް ނިދާފަތަ؟"
"ލައްބަ. ހޭލުމުގެ ކުރިން ޖޫސް ތައްޔާރުކޮށްލާފަ ހުރިއްޔާ ފަސޭހަވާނެއްނު" ތަށި ހިފައިގެން އާޝިގާ ހިނގައިގަތެވެ.
ކޮޓަރި އާ ހަމައަށް ނުދެވެނީސް އާޝިގާއަށް ކުޑަކުއްޖެއްގެ ހުނުމުގެ އަޑު އިވުނެވެ. އެއީ އަސަލްގެ އަޑުކަމާމެދު އާޝިގާއަށް ޝައްކުވިއެވެ. އަސަލް އޮތީ ނިދާފައެވެ. އެހެންނަމަވެސް އަޑު އަންނަނީ ކޮޓަރިންނެވެ. އާޝިގާ ކުރިއަށް ޖެހިލާފައި ކުޑަކުޑަކޮށް ދޮރުހުޅުވާލާފައި ބަލައިލިއެވެ. މުށިތަކުގެ މަތީގައި ހަތަރު މުއްގަނޑު ޖަހައިގެން އަސަލް އާ ދިމާލަށް ގުދުވެގެން އޮތީ އިކާނެވެ. އެވަގުތު އެއީ މަޖާވެފައި އިކާނު ބުރަކަށި މައްޗަށް އަރަން އުޅުނު އަސަލް ބާރު ހިނިގަނޑެއް ޖަހާލި ވަގުތެވެ. ދަރިފުޅުގެ ހުނުމުގެ އެ އަޑުން އާޝިގާއަށް ހިތްހަމަޖެހުމެއް ގެނުވިއެވެ. އެއަށްވުރެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ އެ މަންޒަރުންނެވެ. އާޝިގާގެ ދެލޮލުން ކަރުނަތައް އޮހިގަތީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ސިޔާ އެދުނު ފަދައިން އިކާނަށް ދެވަނަ ފުރުސަތެއް ހައްގު ހެއްޔެވެ؟
**********
"މިހާރު މިކަންވެސް މިނިމުނީ. ދައްތަމެންނަށް އަދި ނޭނގޭ ތިއީ ކޮންގެޔަކު ކުދިބައެއް ކަމެއް" ސައި ކަންތައް ނިންމާފައި ހުރިހާ މީހުން ތިބީ ސޯފާގައެވެ. ސަމީރާގެ އެ ޖުމްލައާއެކު ޝަހާނާ ބަލައިލީ ޖިނާންގެ މޫނަށެވެ. ސަމީރާގެ އެސުވާލަށް ޖަވާބުދޭށޭ ޖިނާން ބުނާ ކަހަލައެވެ. އެހެންނަމަވެސް ބުނާނެ އެއްޗެއް ޖިނާނަށް ނޭނގުނެވެ. ދެމީހުންގެ ނަން ބުނެލާފައި ޖިނާން ހިމޭންވިތަން ފެނުމުން ޝަހާނާ ވާހަކަދައްކަން ފެށިއެވެ.
"އަޅުގަނޑުމެންނަކީ.... މިބުނީ ދައްތަ ދަންނަންތަ ޖަމާލް" ޝަހާނާ ބުންޏެވެ. ސަމީރާ ދެބުމަ ގޮށްޖެހުނެވެ. ސާހިލްއަށް ބަލައިލެވުނީ ހައިރާންކަން އެކުލެވިގެންވި ބެލުމަކުންނެވެ.
"އެއީ އަހަރެންގެ ފިރިމީހާ. މިހާރު ދުނިޔޭގަ ނެތް. ނިޔާވިތާ ކިތަންމެ ދުވަހެއް. އޭގެފަހުން އަހަރެންގެ ދަރިއެއްވެސް ނިޔާވެއްޖެ" ސަމީރާ ވާހަކަދެއްކިއެވެ.
"ތިއީ އަނެއްކާ ޖަމާލުގެ ތިމާގެ ކުދިބައެއްތަ؟" ސަމީރާ އެހިއެވެ.
"ނޫނޭ. ޖަމާލުބެގެ ތިމާގެބައެއް ނޫން. އަޅުގަނޑަކީ ޖަމާލްބެ އެންމެ ކުރިން ކައިވެނި ކުރި މީހާގެ އެއްބަނޑު އެއްބަފާ ދައްތަ" ޝަހާނާ ބުންޏެވެ. ސަމީރާ ހަނދާންވިއެވެ. މާބޮޑަށް ހަނދާނުގައި ނެތަސް ޖަމާލް އެންމެ ފުރަތަމަ ކައިވެންޏެއްކުރީ ޖަމާލަށް ވުރެ އުމުރުގެ ގޮތުން އެތައް ތަނެއް ހަގު ކުއްޖަކާއެވެ. އެއީ ކޮން ބޭނުމެއްގައި އައި ކުދިބައެއްކަން ސަމީރާއަށް އަންދާޒާކޮށްލެވުނެވެ.
"ހަނދާންވެއްޖެ... ކޮންކަހަލަ ކަމަކުތޯ އަނެއްކާ އެހާ ދުވަސްކޮށްލާފަ" ސަމީރާ ބުންޏެވެ.
ޝަހާނާ ފުންނޭވައެއް ދޫކޮށްލިއެވެ. އަސްލު ވާހަކަފެށެންވީ ވަގުތު ޖެހުނީކަން އެނގުނެވެ. އެހެންކަމުން ލޯބިވާ ކޮއްކޮއަށްޓަކައި އެ ކޮއްކޮގެ ހިތުގެ އެދުމެއް ފުއްދައިދޭން ޝަހާނާ ތައްޔާރުވެލިއެވެ.
"އަސްލު ދައްތާ... ބައްދަލުކުރަން ބޭނުންވީ ދައްތަ އާއި ސާހިލް އާ އެކުގައި. އަޅުގަނޑުމެންނަށް އެނގިއްޖެ ސާހިލްއަކީ ކާކުކަން. މިބުނީ ސާހިލްއަކީ އަޅުގަނޑަށް ބޮޑުދައިތަ ކިޔާ ކުއްޖެއްކަން. ހަގީގަތުގަ ސާހިލް ފާހަގަވީ އަޅުގަނޑަކަށް ނޫން. އެސޮރުގެ އަސްލު މަންމައަށް" ޝަހާނާ ވާހަކަދެއްކިއެވެ.
ސާހިލްގެ މޫނުމަތީގައި ހައިރާންކަން ވަށާލިއެވެ. އެހާ ދުވަސްފަހުން އަސްލު މަންމަ އޭ ކިޔައި ވާހަކަދައްކާ އަޑު އަހާކަށް ސާހިލް ތައްޔާރެއް ނޫނެވެ. އެހެންކަމުން އެވާހަކަތަކާމެދު ސާހިލް ޝައުގުވެރިއެއް ނުވިއެވެ. ތެދުވެގެން ދާން އުޅުނު ވަގުތު ސަމީރާގެ އެދުމަށް ސާހިލް ތެދުވި ތަނުގައި އަލުން އިށީނެވެ.
"ދައްތާ، ކޮންމެ އިންސާނަކަށްވެސް ކުށެއް ކުރެވިދާނެ. ކޮއްކޮ ގަބޫލުކުރޭ ކޮއްކޮއަށް ކުރެވުނު ކުށް. އެކަމަކު ޝަޒާ މިއަދާ ހަމައަށްވެސް ކޮއްކޮއަށް އެދަނީ ލިބެމުން. އެތައް އަހަރެން މިވަނީ ކޮއްކޮގެ ދަރިފުޅު ދެކިލާހިތުން އުޅޭތާ. ދައްތާ، ކޮއްކޮއަށް ނުވިސްނުނީ. ޅަ އުމުރުގައި ދަރިއަކު ލިބުމުން ކޮއްކޮ ނަފްސާނީގޮތުން ބަލިވީ. އެއްގޮތަކަށްވެސް އަޅުގަނޑު ކޮއްކޮ ރަނގަޅު ނުކުރަން. އެކަމަކު މިހުރިހާ ދުވަހު ކޮއްކޮ ސާހިލްއަށްޓަކައި ތެޅުނު ތެޅުމާއި ރުއި ރުއިން އެންމެ ކައިރިން ފެންނާނީ އަޅުގަނޑަށް. އެހާ ދުވަހަށްފަހު ސާހިލްގެ އެންމެ ފެނިލުމަކާއެކު ކޮއްކޮއަށް ސާހިލް އެނގިއްޖެ. އެއީ ކޮއްކޮގެ ދަރިފުޅުކަން ދެނެގަތް. ކޮއްކޮ ބޭނުންވޭ ސާހިލް އާ ބައްދަލުކުރަން. ވާހަކަދައްކާލާ ސާހިލްގެ ކިބައިން މައާފަށްއެދެން" ޝަހާނާ ވާހަކަދެއްކިއެވެ.
"އަޅުގަނޑު ތައްޔާރު. ކޮންތާކަށް ދާންވީ" ސަމީރާއަށް ވުރެ ކުރިން ސާހިލް ބުންޏެވެ. ޝަހާނާ ތެދުވެގެން ގޮސް ސާހިލްގެ ކައިރީގައި އިށީނެވެ. ކުޑަކޮށް ލަދުގަނެފައި އިން ސާހިލްގެ އަތުގައި ޝަހާނާ ހިފާލިއެވެ.
"ތިއީ މިދައްތަގެވެސް ދަރިއެއް. ޝެލީގެ މަންމައަކީ ދައްތަގެ ބެސްޓްފްރެންޑް. އެރޭ ރަންކިޔުމުގެ ހަފްލާއިން ދަރިފުޅު ނުފެނުނުމަ އަދިވެސް ދައްތައަށް ދަރިފުޅު ވީތަނެއް ނޭނގުނީސް. އެދުވަހު ހޮސްޕިޓަލުން ފެނުނު ފަހުން ދައްތަ ދަރިފުޅު ހޯދިން...." ޝަހާނާއަށް ރޮވުނެވެ.
"އަހަރެންގެ ހިތުގައި އޭނައަށް ޝަކުވާއެއްނެތް. ހިތް ސާފު. އެކަމަކު އަހަރެންނަށް މިދަރި އާ ނުލައި ދުނިޔޭގައި ނޫޅެވޭނެ. މިއީ އަހަރެންގެ ހުރިހާވެސް މީހަކީ. ކައިވެންޏަށް ލިބުނު ހަމައެކަނި ދަރިފުޅުވެސް ވަނީ ކުއްލިއަކަށް ނިޔާވެފަ. ސާހިލް ނެތްނަމަ އަހަރެން މިއަދު ދުނިޔޭގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ" ސަމީރާ ވާހަކަދެއްކިއެވެ.
***********
ޝެލީގެ ކައިވެންޏަށް މުޅި ގޭތެރެ ތައްޔާރުކުރެވެމުން ދިޔައެވެ. މުޅި ގޭތެރެއަށް ވެރިވެފައިވަނީ އުފާވެރިކަމުގެ މާހައުލެކެވެ. ގޭތެރޭގައިވާ ކޮންމެ އެއްޗެއް އުފާފާޅުކުރާ ކަހަލައެވެ. އަލްމާޝް އާއި ނިމާންގެ ހަރަކާތްތަކުގައި ޖޯޝާ ފޯރި ވިއެވެ.