މިއަހަރު ކުރިއަށްގެންދާ ބޯހިމެނުމުގެ މަސައްކަތަށް 2،395 އެނިއުމަރޭޓަރުން ބޭނުންވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ބުނެފިއެވެ.
އެމްބީއެސްގެ އޮފިޝަލަކު 'ވަން' އަށް މިއަދު ވިދާޅުވީ ބޯހިމެނުން 2022 އަށް މުޅި ރާއްޖެއިން 4،400 އެނިއުމަރޭޓަރުން ބޭނުންވާ ކަމަށާއި ނަމަވެސް މިހާތަނަށް ލިބިފައިވަނީ އެންމެ 2،005 ހުށަހެޅުން ކަމަށެވެ. ވަކީން ހާއްސަކޮށް މާލެސަރަހައްދުން އެކަމަށް ލިބިފައިވާ ތަރުހީބު ކުޑަކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އެންބީއެސްގެ އޮފިޝަލު ވިދާޅުވީ މާލެ ސަރަހަށްދަށް އެކަނިވެސް އިތުރު 1،826 އެނިއުމަރޭޓަރުން ބޭނުންވާ ކަމަށާއި އަތޮޅުތަކުން އިތުރަށް 569 އެނިއުމަރޭޓަރުން ބޭނުންވާ ކަަމަށެވެ. އަދި އެނިއުމަރޭޓަރުންނަށް މަސައްކަތާ ގުޅޭ ތަމްރީނާއި ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
މި އަދަދު ތަކުން ބަލައި އިރު މާލޭގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރަކަށް އެލަވަންސްގެ ގޮތުގައި ގާތްގަނޑަކަށް 6،110 ރުފިޔާ ލިބޭނެއެވެ. ތަމްރީނުތަކަށް ފަހު މަސައްކަތް ކުރަންޖެހޭނީ ގިނަވެގެން 11 ދުވަހު އެވެ. ތަމްރީނުތައް އޮންނާނީ އޮގަސްޓް އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.
މިފަހަރު ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދަން ރާވާފައިވަނީ ޓެބްލެޓް މެދުވެރިކޮށެވެ. އެމްބީއެސް އިން ބުނީ އެނިއުމަރޭޓަރަކަށް ވުމަށް އެދި ހުށަހެޅުމުގެ ސުންގަޑި މި މަހުގެ ނިޔަލަށް ހަމަވާނެ ކަމަށާއި އެ މަގާމަށް އެދޭ ފަރާތްތަކުން https://statisticsmaldives.gov.mv/applicationform/census2022/ މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގައެވެ. އެގޮތުން ކޮންމެ ދިހަ އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސް، 1931 ވަނަ އަހަރު މެދުކެނޑުމެއް އައިސްފައިވެއެވެ.
އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުއެވެ.