ސްރީލަންކާގެ ބޮޑުހުޅުގައި އެގައުމުގެ އެންމެ ދެކުނުގެ ހަމްބަންޓޮޓާ ސަރަހައްދުގައިވާ ދާރުލްއާސާރެއްވެސް ހުސްވި ހަފުތާތެރޭގައި ވަނީ އަނދައި އަޅިޔަށްވެފައެވެ. ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ އާއްމުން ދާރުލްއާސާރެއްގައި ހުޅުޖެހީ ކީއްވެގެންބާވައެވެ. އެތަނާއި ސަރުކާރުގެ ސިޔާސަތާއި ހުރީ ކޮން ގުޅުމެއް ބާވައެވެ. ވަރަށް ބޮޑު ގުޅުމެއް އެބައޮތެވެ. އަންދައިލީ ރާޖަޕަކްސާ އާއިލާގެ އަމިއްލަ ދާރުލްއާސާރެކެވެ. އެތަނަށް ކިޔަނީވެސް ރާޖަޕަކްސާ މިއުޒިއަމެވެ. އެތަނުން ރަމްޒުކޮށްދެނީ ރާޖަޕަކްސާ އާއިލާގެ ބާރާއި ހައިބަތެވެ. ދާރުލްއާސާރެކޭ ކިޔަސް އެއީ ހަގީގީ ދާރުލްއާސާރެއް ނޫނެވެ. އެއީ ރާޖަޕަކްސާއިންގެ އާރާއި ބާރުގެ ރަމްޒެކެވެ. ހަނދާނީ ބިނާއެކެވެ. މަގާމުގެ ބޭނުން ނުހަމަގޮތުގައި ހިފުމާއި ކޮރަޕްޝަނުގެ ވެސް ރަމްޒެކެވެ.

މިވާހަކަ މިމޭރުމުން ލިޔުނީމާ ބައެއް މީހުން ސުވާލުކުރުން އެކަށީގެންވެއެވެ. ކޮރަޕްޝަނުގެ ރަމްޒަކަށްވާ ސަބަބަކީ ކޮބައިހެއްޔެވެ. މި ދާރުލްއާސާރު ޚާއްސަކުރެވިގެންވަނީ ރައީސްކަމުގައި އެހުންނެވި ގޮޓާބަޔާ ރާޖަޕަކްސާޔާއި ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސާގެ މަންމަޔާއި ބައްޕައަށެވެ. މިތަނުގައި ބަހައްޓާފައިހުރީ ޑޮން އަލްވިން ރާޖަޕަކްސާޔާއި އޭނާގެ އަންހެނުން ޑަންޑީނާގެ ފޮޓޯތަކާއި އެދެމަފިރިން ބޭނުންކުރި އަންނައުނެވެ. ގޭގައި ބޭނުންކުރި ހިފައިގެންގުޅޭ ތަކެއްޗާއި އެދެމަފިރިންގެ އަތުން ލިޔެފައިވާ ސިޓީތަކެވެ. މީގެ އިތުރުން އެދެމަފިރިންގެ ސޫރައިގައި މަށިން ހަދާފައިވާ ބުދެވެ. މެދަމުލަނާއޭ ކިޔުނު އަވަށުގެ އަމިއްލަ ބިމެއްގައި ހަދާފައިހުރި މިތަނަކީ ކޮރަޕްޝަނުގެ ލައްކަ ގިނަ އަމަލުތަކާއި ގުޅިފައިވާ ތަނެކެވެ.

މިތަނެއް ހުޅުވުނީ މަހިންދަ ރާޖަޕަކްސާގެ ރައީސްކަމުގެ ފަހު ދައުރުގެ ތެރޭގައި 2014 ވަނަ އަހަރުއެވެ. މިހާރުގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސާޔަކީ އޭރު ޑިފެންސް ސެކްރެޓަރީއެވެ. މިތަން އިމާރާތްކުރައްވައި މި މަޝްރޫއު ހިންގެވި މޭސްތިރިޔަކީ ގޮޓާބަޔާއެވެ. މިކަމަށް ބޭނުންކުރެއްވީ ދައުލަތުގެ ފައިސާއެވެ. ގޮޓާބަޔާގެ އެންގެވުމަށް އިމާރާތް ކުރުމުގެ މަސައްކަތް ފުރިހަމަކުރީ ސްރީލަންކާގެ ކަނޑުގެ ސިފައިންގެ އިންޖިނޭރުންނެވެ. ކުރެހުމާއި ފަރުމާކުރުމުގެ މަސައްކަތްކުރީ ގޮޓަބަޔާ އަންގަވައިގެން ސީދާ ޑިފެންސް އެންޑް އާރބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ފަންނުވެރިންނެވެ. ޚަރަދުކުރީ ސިފައިންގެ ބަޖެޓުންނެވެ. މަހިންދަ އަކަސް ގޮޓަބަޔާއަކަސް އަދި އެހެން ރާޖަޕަކްސާއަކުވެސް އަމިއްލަ ޖީބުން ލޯލާރިއެއްހައި މިންވަރުވެސް ޚަރަދެއް ނުކުރައްވައެވެ.

މިތަން ހުޅުވިތާ އަހަރެއްހައި ދުވަސްފަހުން ދެން ދިމާވީ ރާޖަޕަކްސާއިންގެ އެކަކުވެސް ހީނުކުރާ ގޮތެކެވެ. އިންތިޚާބުން މަހިންދަ ރާޖަޕަކްސާ ބަލިވެ 2015 ގައި ވެރިކަން ގެއްލުނީއެވެ. މައިތިރިޕާލާ ސިރިސޭނާގެ ވެރިކަން ފެށުމާއެކު އެންމެ ފުރަތަމަވެސް ފެށި އެއްކަމަކީ މި ދާރުލްއާސާރެއް ހެދުމުގައި ރާޖަޕަކްސާއިން ހިންގަވާފައިވާ ކޮރަޕްޝަން ތަހުގީގު ކުރުމެވެ. ތުހުމަތު ކުރެވޭގޮތުގައި ދައުލަތުގެ ފައިސާގެ ތެރެއިން ގާތްގަޑަކަށް ފަސްދޮޅަސް މިލިއަން ރުޕީސް ވަނީ މި މިއުޒިއަމަށް ޚަރަދުކޮށްފައެވެ. މި ތުހުމަތުތައް ގޮޓަބަޔާ ދޮގު ކުރައްވައެވެ. އެހެންނަމަވެސް އެފައިސާގެ ތެރެއިން ކޮންމެވެސް މިންވަރެއް ގޮޓާބަޔާ ވަނީ ދައުލަތަށް އަނބުރާ ދެއްވައިފައެވެ. މުޅިން ޚަލާސް ނުކުރެވެނީސް 2019 ވަނަ އަހަރުގެ އިންތިޚާބުގައި ރައްޔިތުން ގޮޓާބަޔާ ރާޖަޕަކްސަ ރައީސް ކަމަށް އިންތިޚާބުކޮށްފިއެވެ.

ރައީސާއި ދެކޮޅަށް މައްސަލައެއް ކުރިއަކަށް ނުގެންދެވޭނެތާއެވެ. ރައީސްގެ އިމްތިޔާޒުތައް އެއަށްވުރެ މާބޮޑެވެ. އެހެންވީމާ ރިއާސީ އިމްތިޔާޒޭ ބުނެފައި ދައުވާތައް އެހިސާބުން ކުނި ވަށިގަނޑަށް ވައްޓައިލީއެވެ. ގާނޫނުތަކަށް ބަދަލު ގެނެސްގެން ރައީސްގެ އިމްތިޔާޒުތަކާއި ބާރުތައް އިތުރުކުރީވެސް ވަކިވަރެއް ބަލައިފައެއް ނޫނެވެ. މިއުޒިއަމްގެ ކޮރަޕްޝަނުގެ ކަންތައްގަނޑުގައި މަހިންދަ ރާޖަޕަކްސާގެ މައްޗަށް އެއްވެސް ކުށެއް ސާބިތެއް ނުވެއެވެ. ސާބިތުވި ކުށެއްވިއްޔާ ވެފައިއޮތީ ރައީސް ގޮޓާބަޔާގެ މައްޗަށެވެ. އެއީ އަމަލީގޮތުން މި މަޝްރޫއު ހިންގެވީ އޭނާކަމަށް ވުމުންނެވެ. ދިފާއީ ވުޒާރާގެ ބަޖެޓުން ޚަރަދުކުރީ އޭނާ އަންގަވައިގެން ކަމަށް ވުމުންނެވެ. ކަނޑުގެ ސިފައިން ލައްވައި މަސައްކަތް ކުރުވީ އޭނާ އަންގަވައިގެން ކަމަށް ވުމުންނެވެ.

ޑޮން އަލްވިން ރާޖަޕަކްސާޔާއި ޑަންޑީނާ ރާޖަޕަކްސާގެ ހަނދާނުގައި ބޮޑު މިއުޒިއަމެއް ހަދަން ގޮޓާބަޔާ ބޭނުންފުޅުވީ ކީއްވެގެން ބާވައެވެ. ސްރީލަންކާގައި ތިރީސް އަހަރަށް ދެމިގެންދިޔަ ދާޚިލީ ހަނގުރާމަ ނިމުނީ މަހިންދަ ރާޖަޕަކްސާގެ ރައީސް ކަމުގައި 2009 ވަނަ އަހަރުއެވެ. ތަމަޅަ ޓައިގަރުން ބަލިކުރުމުގެ މޭސްތިރިއަކީ ޑިފެންސް ސެކްރެޓަރީގެ ގޮތުން ގޮޓާބަޔާ ރާޖަޕަކްސާއެވެ. އެހެންވީމާ ޓެރަރިޒަމްގެ ވަކިތަކުން ގައުމު ސަލާމަތްކޮށްދިން ބަތޮލުންނަކީ އެއީއޭ، ސްރީލަންކާގައި ވެއްޓުމެއް ފަނޑުވުމެއް، ނިމުމެއް ނުވާ ވެރިކަމެއް ދެން އޮންނާނީ ރާޖަޕަކްސާއިންގެ މުށުތެރޭގައޭ ހީކުރައްވައި އާއިލީ ޑައިނާސްޓީއެއްގެ މޮނިއުމަންޓެއް ހެއްދެވީއެވެ. ދެބެއިންގެ މަންމަޔާއި ބައްޕަގެ ހަނދާންތަކުން ޑައިނާސްޓީއެއްގެ ބިންގާ އެޅުއްވީއެވެ.