އަބަދު ރަށްރަށުގެ މީހުންނާ އަޅައިގެން ވަށްބަހުން މަލާމަތްކުރުމަކީ އެމްޑީޕީއަށް ލިބޭ ހުތުރުކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް ރައްދު ދެއްވައިފިއެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)އަށް މާލެ ސިޓީ އާއި ފުވައްމުލަކު ސިޓީން ވަނީ މެޖޯރިޓީ ވޯޓު ލިބިފައެވެ. އައްޑޫ ސިޓީއާއި ކުޅުދުއްފުށީ ސިޓީގެ މެޖޯރިޓީ ލިބުނީ ޗެއާޕާސަންގެ މަގާމަށް ދެން ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށެވެ.

އެކަމާ ގުޅިގެން ބޮންޑޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ ހުރިހާ ވަސީލަތްތަކާއި ބިރާއީ ނުފޫޒާ ދެކޮޅަށް މާލޭގެ 15 ދާއިރާއިން 12 ދާއިރާ ކާމިޔާބުކުރެއްވީ އިންތި ކަމަށެވެ.

އައްޑޫގެ މެޖޯރިޓީ ފައްޔާޒަށް ލިބުމާ ގުޅިގެން ބޮންޑޭ ވިދާޅުވީ ރާއްޖޭގެ ޖިއޮގްރަފީ ބަލާފައި ވަރަށް ފަސޭހައިން ބަސްތާއަކަށް 300 ކާށި ގުނާފައި އެޅިދާނެ ކަމަށާއި 600 ބޯ ފޮޅިވެސް އެޅިދާނެ ކަމަށެވެ.

ބޮންޑޭގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ރޮޒެއިނާ ވިދާޅުވީ، ރަށްރަށުގައި އުޅޭ މީހުންނާ މަލާމަތްކުރުމުން މާލެއަށް ނިސްބަތްވާ މީހުން ވެސް ލަދުގަންނަ ކަމަށެވެ.

"ރަށްރަށުގެ މީހުންނާ އަޅައިގެން ވަށްބަހުން މަލާމަތްކުރަން ނޫޅެބަލަ ބޮންޑޭ. ތިއީ މި ޕާޓީއަށް ވެސް ހުތުރުވާ ކަމެއް. އަދި އަޅުގަނޑުމެން މާލެއަށް ނިސްބަތްވާ މީހުން ވެސް ލަދުން ބޯ ހަލާކުވާވަރުވޭ. ބޮންޑޭގެ ބޯ ހަމަޖެހޭތޯ މީހުން އެބައަހާ،" ރޮޒެއިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފައްޔާޒް ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 58 ޕަސަންޓު ހޯއްދަވައިގެންނެވެ. އިންތިއަށް ލިބިވަޑައިގެންނެވީ 42 ޕަސަންޓެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވައި، ފައްޔާޒަށް މަރުހަބާ ދެންނެވުމަށް އިންތި މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.

"ނިމިދިޔަ އިންތިހާބުގައި އަޅުގަނޑާއެކު މަސައްކަތްކޮށް ވޯޓުދެއްވި އެންމެހާ މެމްބަރުންނަށް ހިތުގެ ފުނުން ޝުކުރިއްޔާ! އަޅުގަނޑުމެން މިވީހާ ދުވަހު ނަގަހައްޓަމުން މިއައި ހަމަތަކާ އަސާސްތަކުގައި މިޕާޓީއާއެކު ދެގޮތެއް ނުވެ، އަބަދުވެސް ދެމިހުންނާނަން،" އިންތި ވިދާޅުވިއެވެ.

އިންތިއަށް ލިބުނު ނާކާމިޔާބީއާއެކު އޭނާގެ ޓީމުގެ ބައެއް ފަރާތްތަކުން ވަނީ އެމްޑީޕީން ވަކިވެފައިވާކަން އިއުލާނުކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އިދިކޮޅު ޕީޕީއެމާ ގުޅެންވީ ވަގުތު ޖެހިއްޖެ ކަމަށްވެސް ބުނެފައެވެ.

ޗެއާޕާސަންގެ އިންތިހާބުގައި އިންތި ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކުއެވެ. ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ވާދަކުރެއްވި ކެންޑިޑޭޓެވެ.

ފައްޔާޒަށް މަރުހަބާ ދަންނަވައި ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފައްޔާޒުގެ ޗެއާޕާސަން ކަމުގެ ދަށުން އެމްޑީޕީ އިތުރު ކާމިޔާބުތަކެއް ހޯދާނެކަމާ މެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ.

އެ ޓުވީޓު، ރީޓުވީޓު ކުރައްވަމުން ފައްޔާޒް ވިދާޅުވީ، ނަޝީދުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޑިމޮކްރަސީ ކުރިއަރުވައި ރާއްޖެ އިތުރަށް ތަރައްގީކޮށް ކުރިއަރުވާނެ ކަމަށެވެ.