އއ. އުކުޅަހާއި އދ. ދިގުރަށު ބަނދަރު ތަރައްގީކުރުމާއި ށ. މާއުނގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އުކުޅަހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 4،954 މީޓަރުގެ ބަނދަރު ފުންކުރުމާއި، 489 މީޓަރު ސޭންޑް ފިލް ބްރޭކްވޯޓާ ޖެހުމާއި، 69 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 264 މީޓަރުގެ ސްކޯރިން އެޕްރޮން ޖެހުމާއި، 264 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، ތިން މީޓަރު ފުޅާ ކޮންކްރީޓް ބުރިޖެއް ހެދުމާއި، 130 މީޓަރު ދިގު އަދި ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީ ހެދުމާއި، ދިހަ މަގުބައްތި ހަރުކުރުމުގެ އިތުރުން 955 އަކަ މީޓަރުގެ ޕޭވްމަންޓެއް ހަދާނެއެވެ.

އެ މަޝްރޫއަކީ 37.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއު ނިންމުމަށް ދީފައިވަނީ އެއް އަހަރު ދުވަހެވެ.

އދ. ދިގުރަށު ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ދަށުން 33،712.50 މީޓަރުގެ ބަނދަރު ފުންކުރުމާއި، ބަނދަރަށް އިތުރުކުރެވޭ 30،704.10 މީޓަރު ފުންކުރުމާއި، ބަނދަރަށް ވަންނަ ނެރުން 6،770 މީޓަރު ފުންކުރުމާއި، 277 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮށިލުމާއި، ދިހަ މީޓަރުގެ ސަބްމާޖްޑް ބްރޭކްވޯޓާ ޖެހުމާއި، 98 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 491 މީޓަރުގެ ސްކޯރިން އެޕްރޮން ޖެހުމާއި، ދެ ނޭވިގޭޝަން ލައިޓް ހަރުކުރުމާއި، 294 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، އަށް މޫރިން ބޮއި ހަރުކުރުމާއި، 11 މީޓަރުގެ ރޭމްޕް ހެދުމާއި، 180 މީޓަރުގެ ކޮންކްރީޓް ޖެޓީ ހެދުމާއި، 15 މަގުބައްތި ހަރުކުރުމުގެ އިތުރުން 2،324 މީޓަރުގެ ޕޭވަމަންޓް ހަދާނެއެވެ.

އެ މަޝްރޫއަކީ 53 މިލިއަން ރުފިޔާ ހަރަދުކޮށްގެން، 570 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މާއުނގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ބަނދަރަށް އިތުރުކުރާ 59،013.29 މީޓަރު ފުންކުރުމާއި، ބަނދަރަށް ވަންނަ ނެރުގެ 3،245.48 މީޓަރު ފުންކުރުމާއި، 362 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށި ޖެހުމާއި، 105 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 54 މީޓަރު ސްކޯރިން އެޕްރޮން ޖެހުމާއި، ދެ ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 312 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، ދިހަ މޫރިން ބޮއި ހަރުކުރުމާއި، ރޭމްޕް ހެދުމާއި، 15 މަގު ބައްތި ހަރުކުރުމުގެ އިތުރުން 1،508.90 މީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ.

އެ މަޝްރޫއަކީ 59.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން 475 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.