ނަރުހުންނަކީ ސިއްހީ ދާއިރާގެ މައިބަދަ ކަމަށާއި ސިއްހީ ދާއިރާއަށް ގުޑުމެއް ނާރާނެހެން މައިބަދަ ވަރުގަދަކޮށް ބެހެއްޓުމަކީ މުޖުތަމައުގެ ދުޅަހެޔޮކަމަށް ވަރަށް މުހިއްމު ކަމެއް ކަަމަށް، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލް (އެމްއެންއެމްސީ) އިން ބުނެފިއެވެ.
ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އެމްއެންއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޅި ދުނިޔެއަށް ދިމާވި ބަލިމަޑުކަމުގެ ތެރޭގައި ނަރުހުންގެ މުހިންމުކަން އެނގިގެން ގޮސްފައިވާ ކަމަށެވެ. އަދި ކޮވިޑުގެ ތެރޭގައި ނަރުހުން ވަނީ ހުއްޓުމެއްނެތި، ވަރުބަލިކަމެއް ނެތި މަސައްކަތް ކޮށްފައި ކަމަށާއި ނަރުހުން މަދުކަންވެސް އޭރު ފާހަގަވެފައިވާ ކަމަށް ބުނެފައިވެއެވެ.
މިހާރު މުޅި ދުނިޔޭގައިވެސް ތިބީ 27.9 މިލިއަން ނަރުހުން ކަމަށާއި ނަމަވެސް އިތުރަށް ހަ މިލިއަން ނަރުހުން ބޭނުންވާކަން ކޮވިޑުގެ ހާލަތުގައި އެނގިގެން ގޮސްފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
"ކޮވިޑުގެ ބަލިމަޑުކަމުގައި ރާއްޖޭގެ ވެސް ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ އިރު، އަމިއްލަ އާއިލާއާ ދުރުގައި، ސަލާމަތީ ގިއަރު އަޅައިގެން މަސައްކަތް ކުރި އެއް ބަޔަކީ ނަރުހުން. އަދި ނަރުހުންނަކީ އާއްމު ހާލަތްތަކާއި ކުއްލި ނުރައްކަލުގެ ހާލަތު ފަދަ ގައުމަށް ދިމާވާ ކޮންމެ ހާދިސާއެއްގައި ވެސް ދެވަނައެއް ނެތް ނަމޫނާ ދައްކާފައިވާ ހިދުމަތްތެރިން. މިއީ ގައުމުގެ މައިބަދައަށް ވާއިރު މި މައިބަދަ ދުޅަހެޔޮކޮށް ވަރުގަދަ ކުރުމަށް ގިނަ ނަރުހުން ދާއިރާއަށް ނެރެންޖެހޭ،" އެ ބަޔާނުގައި ބުނެފައިވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އާއި ނަރުހުންގެ ޖަމިއްޔާއިން ހަދާފައިވާ ދިރާސާއަކާ ހަވާލާދީ އެމްއެންއެމްސީން ބުނީ ކޮވިޑާ ގުޅިގެން ދުނިޔޭގެ ސިއްހީ ނިޒާމުގެ ބަލިކަށިކަން ހާމަވެ، މި ބަލިމަޑުކަމުގައި އެންމެ ބޮޑު ތަކުލީފަކާއި ގޮންޖެހުންތައް އުފުލަން ޖެހުނު ބަޔަކީ ނަރުހުން ކަމަށެވެ. ތަފާތު ދާއިރާތަކުން ނަރުހުން ބިނާކުރުމަކީ ކުރިއަށް އެޅޭނެ ބޮޑު ފިޔަވަޅެއް ކަމަށާއި އަދި އެކަން ރާއްޖެ ފަދަ ގައުމަކަށް އިންތިހާއަށް ބޭނުންވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އޭގެ އިތުރުން ފާއިތުވި ދެ އަހަރު އިގުތިސާދީ ގޮތުންނާއި ނަފުސާނީ ގޮތުން މުޅި ދުނިޔެއަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަން ފާހަގަކޮށް އެ ކައުންސިލުން ބުނީ އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިވަނީ ސިއްހީ ދާއިރާއަށް ކަމަށެވެ. އެގޮތުން އިގުތިސާދީ ގޮތުން ތަރައްގީ ނުވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކަށް ނަރުހުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަން ފާހަގަވެފައިވާ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު