ބ. ކެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޑަބްލިޔުއެސްސީން ބުނެފި އެވެ.
ކެންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން ފެން ކުންފުނިން ބުނީ، މިހާރު ކުރަމުންދަނީ ފެނާއި ނަރުދަމާގެ ނިޒާމުގައި ހިމެނޭ މައި ނެޓްވޯކު ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތަށް ބޭނުންވާ ހޮޅި އެރަށަށް މިހާރު ގެންގޮސްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ ދަށުން ކެންދޫގައި 5.26 ކިލޯ މީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓުވޯކު ގާއިމު ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުން ހިމެނެ އެވެ. އޭގެ އިތުރުން ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމާއި ގެތަކުގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައިދީ ރައްކާތެރި ފެން ފޯރުކޮށްދިނުން ހިމެނޭ ކަމަށްވެސް ފެން ކުންފުނިން ބުންޏެވެ.
ނަރުދަމާ ނިޒާމުގެ މަޝްރޫއުގެ ދަށުން ކެންދޫގައި 4.88 މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓުވޯކު ގާއިމު ކުރުމާއި 556 މީތަރުގެ ޕަންޕިން ލައިން އެޅުމާއި، ދެ ޕަންޕިން ސްޓޭޝަނާއި އެއް ސީއައުޓް ފޯލް ގާއިމު ކުރުން ހިމެނޭ ކަމަށް ފެން ކުންފުނިން ބުންޏެވެ. އޭގެ އިތުރުން ގޭގޭގައި ޖަންގްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައި ގެތަކަށް ނަރުދަމާ ނިޒާމުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
ފެނާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފަ އެވެ.
ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން މި މަސައްކަތް އެމްޑަބްލިޔުއެސްސީ އާ ހަވާލު ކޮށްފައިވަނީ 56.24 މިލިއަން ރުފިޔާ އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު