"ނޭވައެއްނުލެވޭ...." ޝެލީ ބުންޏެވެ. ސާހިލް ޝެލީ ދުރަށް ޖައްސާލީ ދެނެވެ.
"ވަޓް އަ ސަޕްރައިޒް... އަސްލުވެސް.... ވަރަށް ހެޕީވެއްޖެ.... އަހަރެން ޝެލީދެއްކެ ވަރަށް ވަރަށް ލޯބިވޭ" ޝެލީގެ ދެއަތްތިލައިގައި ހިފަހައްޓާލައިގެން ހުރެ ސާހިލް ބުންޏެވެ.
ލުއިލުއިކޮށް ޝެލީ ހީލި އަޑު އިވުނެވެ. ޝެލީގެ އަތުގައި ހިފައިގެން އައިސް ސާހިލް އިށީނީ އެނދުގައެވެ. ކައިރީގައި އިށީންނަން އުޅުނު ޝެލީ ބޭންދީ އޭނާގެ އުނގުގައެވެ. ޝެލީ ލަދުން އިނަސް ސާހިލް ހިތްހަމަޖެހޭވަރުގެ ކަމެއް ކޮށްދެވުނީތީ އުފަލުން އިނެވެ.
"ސާހިލް އުފަލުންތަ ތީނީ" ޝެލީ އެހިއެވެ.
"ވަރަށް ބޮޑަށް" ސާހިލް ބުންޏެވެ.
"އަހަރެން... އަހަރެން...." އެގޮތަށް ސާހިލްގެ އުނގުގައި އިންނަން ޖެހުމުން ޝެލީއަށް ލަދުވެތިކަމެއް އިހުސާސުވަމުން ދިޔައެވެ. ކުރިއާ ބަލާފައި މިހާރުވެސް އެތައް ކަމެއް ބަދަލުވެއްޖެއެވެ. އެދެމެދުގައި އެކުވެރިކަމަކަށް ވުރެ ބޮޑަށް އެހެން ގުޅުމެއް އުފަންވެއްޖެއެވެ. ޝެލީއަށް ކުރެވެނީ އެހެން އިހުސާސެކެވެ.
"ކިހިނެއްވީ؟ ތިހާ ގާތަށް އައިސްފަ ރޯޒްމެލޯ އަހަރެން ދުރުކޮށްނުލައްޗޭ" ސާހިލް ބުންޏެވެ.
"މަންމަ އައިސްދާނެ" ޝެލީ ބުންޏެވެ. އެގޮތަށް އުނގުގައި އިންނަންވުމުން ޝެލީ ލަދުން އުޅޭކަން އަދި ސާހިލްއަށް އެނގުނީއެވެ. އެހެންކަމުން ހީލާފައި ޝެލީގެ ގައިން ދޫކޮށްލިއެވެ. އިސްޖަހާލައިގެން އިން ޝެލީ މަޑުމަޑުން ސާހިލް އާ ދުރަށް ޖެހިލިއެވެ.
"އަހަރެންނަށް މިއަދު މުޅިން އެހެން ޝެލީއެއް މިފެންނަނީ" ސާހިލް ބުންޏެވެ.
"ނޫން. މިއީ ހަމަ" ޝެލީއަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. ލަދުން އިން ޝެލީގެ އުނގަނޑުގައި އަތްއެޅުވިގޮތަށް ކައިރިއަށް ސާހިލް ދަމާލުމުންނެވެ. ދެމޫނު ނުހަނު ގާތްވެގެން ދިޔަ ވަގުތު ޝެލީ ސާހިލްގެ މޫނަށް ބަލައިލިއެވެ. އެހާ ގާތުން ޝެލީގެ މޫނު ފެނި ސާހިލް ހިމޭންވިއެވެ. ދެއަތް އުފުލާލާފައި ހިފަހައްޓާލީ ޝެލީގެ ދޮން މޫނުގެ ދެފަރާތުގައެވެ. ކުރިއަށް ވުރެވެސް ޝެލީގެ މޫނު ގާތްކޮށްލާފައި ދެ މޫނު ދޭތެރޭގައިވާ ދާއިރާ އިތުރަށް ހަނިކޮށްލިއެވެ.
"ސާހިލް.... ޝެލީގެ ދެއަތްތިލަ ގެނެސް ޖައްސާލީ ސާހިލް ދެއަތުގައެވެ. އެ ދެ އަތްތިލައިގެ ފިނިކަން ސާހިލްއަށް އިހުސާސް ކުރެވުނެވެ. ޝެލީ ހީކުރިގޮތާ ހިލާފަށް ކައިވެނިން ބޭރުން ޝެލީގެ ފަރާތުން އެއްވެސް އުފަލެއް ހޯދަން ބޭނުމެއްނުވިއެވެ. ޝެލީގެ ނޭފަތް ސާހިލްގެ ނޭފަތުގައި ޖައްސާލާފައި ޝެލީގެ ނިތުގައި ބޮސްދިނެވެ.
"އަހަރެން ހީކުރީ..." ޝެލީގެ މޫނުން ސާހިލް ދޫކޮށްލުމާއެކު ޝެލީ ބުންޏެވެ.
"ހީކުރީ... ރޯޒްމެލޯ ހާދަ ގޯސްކޮށޭ ދޯ ވިސްނަނީ" ސާހިލް ބުންޏެވެ. އެހިނދު ޝެލީގެ ދެ ކޯތާފަތް ރަތްވެގެން ދިޔަތަން ފެނި ސާހިލް ހީލިއެވެ.
"އެހެނެއްނޫން" ޝެލީ ބުންޏެވެ.
"ދެން ބުނެބަ ކޮންއިރަކުން ތިގެއަށް ހެކިވެރިން ފޮނުވަންވީ" ސާހިލް އެހިއެވެ.
**********
އަލްމާޝް އާ ބައިވެރިވެގެން ސިޔާ ބަދިގޭގައި އުޅުނެވެ. މެންދުރަށް ކަނޑު ކުކުޅު ކައްކަން އުޅުނު އަލްމާޝް ކުރި ކޮންމެ ކަމެއްގައި ސިޔާ އަތްގާތް ކޮށްދިނެވެ. ކެއްކުމުގެ ކަންކަން މާބޮޑަށް ނޭނގުނު ނަމަވެސް އަލްމާޝްގެ ފަރާތުން ސިޔާ ދަސްކުރަމުން ދިޔައެވެ. އަލްމާޝް ހީކުރިގޮތަށް ސިޔާއަކީ ކަންނެތް ކުއްޖަކަށް ނުވުމުން އުފާވިއެވެ. ހަގީގަތުގައިވެސް ސިޔާއަށް ލިބިފައިވާ ތަރުބިއްޔަތާމެދު އަލްމާޝް ހިތްހަމަޖެހުނެވެ. އަލްމާޝްގެ ހިތުން ސިޔާ ޖާގަހޯދީ މިކާލާ ކައިވެނި ކުރުމަކުން ނޫނެވެ. ސިޔާއަކީ ލަކްޔަންގެ ދަރިއެއްކަން އެނގުނު ހިސާބުންނެވެ.
"މި ނިމުނީނު. ދެން ދޭ ދަރިިފުޅު ނަމާދުކޮށްލަން" ބަދިގޭ ހުރިިހާ މަސައްކަތް ނިންމާލާފައި އަލްމާޝް ބުންޏެވެ.
"އަޅުގަނޑަށް ނަމާދު ނުކުރެވޭ" ސިޔާ ބުންޏެވެ.
"އެހެންތަ. އެހެންވީމަ ދޭ ކޮޓަރިއަށް. ގުޅާފަ ބަލާބަލަ މިކީއަށް މެންދުރު ކާން ގެއަށް އާދެވޭނެތޯ. މަންމަ މިދަނީ ބައްޕައަށް ގުޅަން" އަލްމާޝް ބުންޏެވެ.
ބަދިގެއިން ނުކުމެ ހިނގައިގަނެފައި ސިޔާ އަލްމާޝްއަށް ގޮވާލިއެވެ.
"މަންމާ، އަޅުގަނޑު ހެޔޮތަ ބައްޕަމެންގެ ގެއަށް ގޮސްލިޔަސް" ސިޔާ އަލްމާޝްގެ ހުއްދައަކަށް އެދުނެވެ.
"މަންމަގެ މައްސަލައެއް ނެތް" ކޮޓަރިއަށް ވަންނަމުން އަލްމާޝް ބުންޏެވެ.
ބޭރުން އައިސް ވަންނަން ސިޔާއަށް ބެލްއަޅަން ނުޖެހެއެވެ. ސިޔާ އަތުގައި ކީ ކާޑު އޮވެއެވެ. ސިޔާ އާއި މިކާލް ގޭތެރެއަށް ވަންއިރު އެއްވެސް މީހަކު ފެންނަން ނެތެވެ. ބަދިގެއިން ތަށި ތަޅުވާ އަޑު އިވޭތީ ސިޔާ ދިޔައީ އެދިމާލަށެވެ. ބީރައްޓެހިކަމާއެކު މިކާލް ސޯފާގައި އިނެވެ.
ބަދިގޭ ދޮރަށް އެރުމާއެކު ސިޔާއަށް ލިބުނީ ހައިރާން ކަމެކެވެ. އުނދުން ކައިރީގައި ތައްޓަށް ރިހައަޅަން ހުރި އާޝިގާ ފެނިފައެވެ. ބީރައްޓެހި ބެލުމެއް ދެމެދުގައި ބަދަލުކުރެވުނެވެ. ކުރިން ހިނިތުންވެލީ އާޝިގާއެވެ.
"ކުޑާ... ކުޑާ އެބައުޅޭތަ ގޭގަ" ހިނިތުންވެލާފައި ސިޔާ އެހިއެވެ.
"ކޮޓަރީގަ" އާޝިގާ ބުންޏެވެ.
ސިޔާ ބޭރަށް ނުކުތެވެ. މިކާލް ކުރިމަތިން ހުރަސްކޮށް ޝިއުރާގެ ކޮޓަރި އާ ދިމާލަށް ދަނިކޮށް ކުޑަކުދިންތަކެއްގެ ސަކަރާތުގެ އަޑު ސިޔާއަށް އިވުނެވެ. ލަސްލަހުން ސިޔާ ދޮރުހުޅުވާލިއެވެ. ޝިއުރާގެ ކޮޓަރީ މުށިތަކުގެ މަތީގައި އަޅާފައި އޮތް ރަގް މަތީގައި ކުޅޭ އެއްޗެހިތަކެއް ހިފައިގެން އަސަލް އިނެވެ. ކައިރީގައި މަޖާވެފައި އުޅުނު ލޫހްގެ އަޑުން މުޅިތަން ފަޅުފިލުވާފައިވެއެވެ. އެތެރެއަށް ވަން ސިޔާގެ ނަޒަރު އަސަލްއަށް ހުއްޓިފައިވިއެވެ. ހިތުގައި ސުވާލު އުފެދިފައެވެ. ހަގީގަތުގައިވެސް އެއީ ދޮންބެގެ ދަރިއެއް ހެއްޔެވެ؟ ސިޔާއަށް ގަބޫލުކުރަން ދަތިވަނީ ހެއްޔެވެ؟ އެއީ އިކާންގެ ދަރިއަކަށް ވާނަމަ އެއީ ކިހިނެއްވީ ކަމެއް ހެއްޔެވެ؟ މިހުރިހާ ދުވަހު އެކަން ސިއްރެއްގެ ގޮތުގައި އޮތީތީވެސް ސިޔާ ހައިރާންވިއެވެ.
ޝިއުރާ ފާހާނައިން ނުކުތްއިރު އެނދުގައި އިން ސިޔާ ފެނިފައި ހިނިތުންވެލިއެވެ. ސިޔާގެ ނަޒަރު އަސަލްއަށް ހުއްޓިފައިވިތަން ފެނި ޝިއުރާއަށް އެނގުނެވެ. ހުރިހާކަމެއް ސިޔާއަށްވެސް އެނގެން ޖެހެއެވެ.
"ކޮންއިރަކު އައީ"؟ އަތުގައި އޮތް ތުވާލި ގެންގޮސް ހަރުގައި އަޅުވަމުން ޝިއުރާ ބުންޏެވެ. ޝިއުރާ ފާހާނައިން ނުކުތްކަން ސިޔާއަށް އެނގުނީވެސް ދެނެވެ.
"ދެންމެއައީ. ކުޑާ... އަޅުގަނޑަށް ހުރިހާ ވާހަކައެއް ކިޔައިދީބަލަ" ސިޔާ ބުންޏެވެ.
ޝިއުރާ އައިސް އިށީނީ ސިޔާގެ ކައިރީގައެވެ. ވާހަކަތައް ފެށުމުގެ ކުރިން އަރިމަތީ ކަބަޑުމަތީގައި ހުރި އަސަލްގެ ފެންދޭ ފުޅި އަސަލްގެ އަނގައިގައި ޖެއްސިއެވެ. އަސަލް އާ މެދު ޝިއުރާގެ ހިތުގައި އޮތް ލޯބި ފުނެވެ. ހާއްސަކޮށް އެއީ އިކާންގެ ދަރިއެއްކަން އެނގުނު ހިސާބުންނެވެ.
"ކުޑާ.. ހަމަ ޔަގީންތަ؟ މިއީ އޮޅުމެއް ނޫންތަ އަނެއްކާ" ސިޔާ އެހިއެވެ.
"ކޮން އޮޅުމެއް. ސިޔާއަށް ނޭނގޭތަ އިކާނުގެ ގޮތެއް. އެއީ ވަރަށް ވަރަށް ވިޔާނުދާ ފިރިހެނެއް. އާޝިގާ އާ އިނދެގެން އަހަރުމިވީ. ކޮން ހާލެއްގަ އާޝިގާ ގެންގުޅުނީ. މިހާރު އާޝިގާ އޭނީ ދެވަނަ ދަރިއަށް ބަލިވެ. އަނބިމީހާއަށް އަޅާނުލާ ތަނުގައި މިކުޑަކުޑަ ކުއްޖާއަށްވެސް އެއްވެސް ހަރަދެއް ނުކުރޭ. ދަރިފުޅުގެ ހަރަދު ހޯދަން އާޝިގާ ކޯޓަށް ދާ ވާހަކަ ބުނީމަ ކުޑާ މެދުވެރިކޮށް ލަކީ އަތުން ފައިސާ ހޯދީ. އޮންލައިންކޮށް ކިޔަވާ ކަމަށް ބުނެ. ނުވިތާކަށް އިހަށް ދުވަހު ރެސްޓޯރަންޓެއްގެ ފާހާނައިގެ ތެރެއަށް ޝެލީ ވަތްތަން ފެނި ފަހަތުން ވަދެ ދެވަނަ ފަހަރަށް އެކުއްޖާ ރޭޕްކުރަން އުޅެފި. ކިރިޔާ އެހެރީ ކޮއްކޮ އަތުން ސަލާމަތްވެފަ. އެވަރުންވެސް އެއް އަތުގަ ރެނދު ލާފަ. މިގޭ އެއްވެސް މީހަކު އޭނަޔަކާ ވާހަކަނުދައްކާ. ކާން ވައްދަނީ ޖޫލީ" ޝިއުރާ ހުރިހާ ވާހަކަތަކެއް ކިޔައިދިން އިރު އަނގަ މަތީގައި އަތް އެޅިގޮތަށް ސިޔާ އިނީ ގަބުވެފައެވެ. އޭނާގެ ޣައިރު ހާޒިރުގައި ގޭތެރޭގައި ވަރަށް ގިނަ ކަންކަން ހިނގައިފިކަން އެނގިއްޖެއެވެ.
"އަޅުގަނޑު ކައިރީގަ އެއްވެސް މީހަކު ނުބުނޭ. ބައްޕަވެސް ދުވާލަކު އެއްފަހަރު ގުޅާނެ" ސިޔާ ޝަކުވާކޮށްލިއެވެ.
"އެއީ ސިޔާގެ އުފާވެރި ދުވަސްތައް ހަރާބުނުކުރަން ވެގެން" ސިޔާ އަޅައިގެން ހުރި ޝޯލް ރީތިކޮށްލަމުން ޝިއުރާ ބުންޏެވެ.
"ކައިގެންތަ ތިއައީ. ހިނގާ ކާން" ޝިއުރާ ބުންޏެވެ.
"އާޝިގާ އާ ބައްދަލުވެއްޖެތަ؟ އެއީ ސިޔާގެ ދޮންބެދައްތަ އިނގޭ" ކޮޓަރިން ނުކުންނަމުން ޝިއުރާ ބުންޏެވެ.
ގެއަށް ދިޔުމުގެ ކުރިން ސިޔާ އާޝިގާ އާ ބައްދަލުކުރިއެވެ. ހިތްހެޔޮކަމާއެކު ވާހަކަދެއްކިއެވެ. ކޮންމެގޮތެއްވިޔަސް އާޝިގާ ސިޔާގެ ފަހަރިއަށް ވީތީ އެގުޅުން ކަނޑާލެވެން ނެތެވެ. އެންމެފަހުން އާޝިގާ އާ ވާހަކަދައްކަމުން ގޮސް ސިޔާއަށް ރޮވުނެވެ.
*******
މެންދުރު ނަމާދުކުރަން އާޝިގާ ކޮޓަރިއަށް ވަންއިރު ލެޕްޓޮޕަށް ބަލަހައްޓައިގެން އިކާނު އެނދުގައި އޮތެވެ. އާޝިގާ ވަންކަން އެނގުމާއެކު ކައްޓެއްހެން ކޮޅަށްޖެހި އެނދުގައި އިށީނެވެ. ވާހަކައެއް ފަށަން އުޅޭ ނޫޅޭ ކަހަލަ ގޮތަކަށް އާޝިގާއަށް އިކާން ބަލަން ފެށިއެވެ. އާޝިގާއަށް އެކަން ފާހަގަވީނަމަވެސް އިކާނަށް ސަމާލުކަމެއް ނުދެއެވެ. ފާރު ކައިރީގައި ހުރި ފޮށި ހުޅުވާލާފައި އޭގެއިން ބަދަލުކުރަން ބޭނުންވާ އަންނައުނު ނަގައިގެން ފާހާނާ އާ ދިމާލަށް ހިނގައިގަތެވެ.
"ކޮބާ އަސަލް...؟" އިވުނީ އިކާންގެ އަޑުކަމެއް ޔަގީންނުވެފައި އާޝިގާ ހުއްޓެވެ. އިކާނާ ކުރިމަތިލީ ދެވަނަ ފަހަރަށް އިކާން ސުވާލު ތަކުރާރު ކުރުމުންނެވެ.
"ސޮރީ... ޔަގީނެއްނުވޭ ތިބުނި އެއްޗެއް" އާޝިގާ ބުންޏެވެ.
އިކާން ދެން އެއްޗެއް ނުބުންޏެވެ. ޒުވާބެއް އުފައްދަން އާޝިގާ އުޅޭހެން ހީވިޔަސް އެފުރުސަތު އިކާން ނުދިނެވެ.
"އަހަރެންނަށް ހީވީ މަގޭ ދަރިއޭ ބުނިހެން. ތީ ވަރަށް ބޮޑު ކުއްހީއެއް. އެއީ މަގޭ ދަރިއެއް. އަސަލްގެ މަޔަކީވެސް ބަފަޔަކީވެސް އަހަރެން" އާޝިގާ ބުންޏެވެ. ދެން ފާހާނާއަށް ވަނެވެ.
**********
**********
ކުއްލިއަކަށް ޝެލީ ފެނުމުން އީމާއަށް ލިބުނީ ހައިރާންކަމެކެވެ. އުފާވެސްވިއެވެ. ޝެލީގެ ގައިގައި ބައްދައިލެވުނީ އެހެންވެއެވެ.
"ތިދެމީހުން ޓެރަސްގަ މަޑުކޮށްލާ. މިދަނީ ކޮފީ ހިފައިގެން" އީމާ ބުންޏެވެ. މާއިޒް އާއި ޝެލީ ހިނގައިގަތުމުން ޝެލީގެ އަތުގައި ހިފައިގެން އީމާ ހިނގައިގަތީ ބަދިގެ އާ ދިމާލަށެވެ.
"އީމްގެ މަންމަ ރަނގަޅުތަ؟" ޝެލީ އެހިއެވެ.
"އެކޮޅަށް ގޮސް ބޭސްކުރިފަހުން ވަރަށް ބޮޑުތަން ރަނގަޅު. މިހާރު ކޮޅަށް ހުރެ ނަމާދުކޮށްލެވޭވަރުވޭ" އީމާ ބުންޏެވެ. ކާމޭޒު ކައިރީގައި ޝެލީ އިށީނުމާއެކު އީމާ އަވަސްވެލީ ފެންހޫނުކުރާށެވެ. އަތްމަތި އަވަސްކޮށްލާފައި ހަތަރު ކޮފީ އީމާ ތައްޔާރުކޮށްލިއެވެ. އެ ހިފައިގެން ނުކުތުމުގެ ކުރިން އީމާ ޝެލީ އާ ވަކިން ވާހަކަދައްކާލަން ބޭނުންވިއެވެ.
"އަދިވެސް އެ ވިސްނުމުގަތަ؟ ސޮރީ ޝެލީ ހިތްހަމަނުޖެހުނަސް އަހަރެންނަށް އަނެއްކާ އެވާހަކަތައް މިފެށުނީ" އީމާ ބުންޏެވެ.
ޝެލީ ދެފަރާތަށް ބޯހޫރާލިއެވެ. ހިނިތުންވެލާފައި އީމާގެ ކަންފަތާ ޝެލީ ގާތްވެލިއެވެ.
"އެކަމަކު މިއުޅެނީ މެރީކުރަންވެގެން" ޝެލީ ބުންޏެވެ. އީމާގެ ދެބުމަ ގޮށްޖެހުނެވެ.
"އަނެއްކާ. މިފަހަރު ކާކު؟ ޝެލީ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟" އީމާ އެހިއެވެ.
"އާދެބަލަ. މެރީކުރަން އުޅޭ ވާހަކަ ދެއްކޭނީ އެންމެން އެއްތާތިބެގެންނޭ" ޝެލީ ބުންޏެވެ.
ޝެލީ އާއި އީމާ މައްޗަށް އެރިއިރު މާއިޒް އާއި ސާހިލް އޮލަ ވާހަކައެއްގައި ތިއްބެވެ. އެދެމީހުން ދައްކަމުން ދިޔައީ މީގެކުރިން ޝެލީ އާ ބައްދަލުވި އަންހެންކުއްޖާ ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. ގޮތް ނޭނގޭ މަރުތައް ރާއްޖޭގައި ގިނަވާތީ އެވާހަކަތެކެވެ.
"އާއެނކޭ... އެކުއްޖާ އެކޮޅުން އަދި ނުގެނޭ ދޯ ޕޯސްޓްމޯޓަމް ހަދާފަ" ގޮނޑީގައި އިށީންނަމުން އީމާ ބުންޏެވެ.
"ރިންނި. ދެންމެ އެކުއްޖާގެ ފެމެލީ ކުއްޖަކާ ދިމާވިއޭ. ވަރަށް އަސަރުކޮށްފަ ހުރީ. ދޯ ސާހިލް" ޝެލީ ބުންޏެވެ.
"އެވާހަކަ އޭ މާޒްއަށް މިކިޔައިދިނީ" އީމާ ދިއްކޮށްލި ކޮފީތަށިން ކޯވަރެއް ބޯލަމުން ސާހިލް ބުންޏެވެ. ހަތަރުކުދިން އިށީނދެގެން ތިބީ ޓެރަސްމަތީގައި ހުރި އުނދޯލިތަކުގައެވެ.
"ޝެލީ މެރީކުރަނީ އޯ. މިފަހަރު ނޭނގެ ކާކު ކަމެއްވެސް" އީމާ ބުންޏެވެ.
"އަހަރެންވެސް މިއުޅެނީ މެރީކުރަންވެގެން" ސާހިލް ބުންޏެވެ. އީމާ އާއި މާއިޒްގެ ނަޒަރު ސާހިލްއަށް ހުއްޓުނެވެ.
"އަނެއްކާ ތިދެމީހުން ދެމީހުންނާތަ އިންނަނީ" ނޭނގިހުރެ އީމާ ސުވާލުކުރިއެވެ. އެވަގުތު ސާހިލް އާއި ޝެލީ އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެލިއެވެ.
"ރަނގަޅަށް ތިހީވީ. މިއަންނަ ހުކުރު ވިލޭރޭ ރަންކިޔުމުގެ ހަފްލާ އެބައޮތް. އަންނައްޗޭ ދެކުދިން" ޝެލީ ބުންޏެވެ.
"ވެއިޓް... ސީރިޔަސްލީ... ތިއީ ޖޯކެއް ނޫން ދޯ" އީމާގެ މޫނުމަތިން ހައިރާންކަން ކެނޑި ހިނިތުންވުމެއްގެ އަސަރު ފާޅުވެއްޖެއެވެ. ޝެލީ ބޯޖަހާލުމާއެކު އީމާއަށް އުފަލުން ޝެލީގެ އަަތަށް ފިތާލެވުނެވެ. އީމާގެ އެ އަމަލުގައި ޝެލީގެ ނިންމުން އެއީ އެންމެ ރަނގަޅު ނިންމުމޭ ބުނެލި ކަހަލައެވެ. މާއިޒް އިނީ އުފަލުންނެވެ. އެންމެފަހުން ސާހިލް ކުރި ދިގު އިންތިޒާރު ނިކުމަމަށް އަންނަން އުޅޭތީ މާއިޒް ހިތްހަމަޖެހުނެވެ. ޝެލީއަށްޓަކައި ސާހިލް ކުރި ދިގު އިންތިޒާރު އެންމެ ކައިރިން ފެނުނު މީހަކީވެސް މާއިޒްއެވެ.
**********
ފެންވަރައިގެން ނުކުތްގޮތަށް އާޝިިގާ އެނދުގައި އިށީނެވެ. އިސްތަށިގަނޑުގައި އޮޅާލާފައި އޮތް ތުއްވާލި ނައްޓާލާފައި ފިކުރަކަށް ގެއްލިފައި އިން ހެން އާޝިގާ އިނެވެ. ސިޔާ ދެއްކި ވާހަކަތައް އަދިވެސް އާޝިގާއަށް އިވޭ ކަހަލައެވެ. އާޝިގާއަށް ނޭނގެނީ އޭނާ އެއަށް އަމަލުކުރާނެ ގޮތެކެވެ. އެހެންނަމަވެސް ސިޔާގެ ކަރުނަތަކުގެ ކުރިމަތީގައި ފާޅުގައި ނޫނެކޭ ބުނަންވެސް އާޝިގާއަށް ނުކެރުނެވެ. ދަރިން ބޮޮޑެތިވަމުން އަންނަ އިރު އެދަރިފުޅު ކުރިމަތިކުރުވާ ސުވާލުތަކަށް ޖަވާބުދެވޭނީވެސް ސިޔާ އެދުނު ފަދައިން ކަންތައްކޮށް ކާމިޔާބުވެގެންނެވެ. އުޖަލާ މުސްތަގުބަލަކަށް އެދެވޭ އިރު އެގޮތަށް އުޅެގެން އެދުވަސް ދުވަހަކުވެސް ނާންނާނެއެވެ. ހިތްވަރުކުރަން އެބަޖެހެއެވެ. އާޝިގާ އާ އެއްކޮޅަށް އެގޭ ކޮންމެ މީހަކު އެބަހުއްޓެވެ. ވިސްނަންޖެހޭ އެއްވެސް ކަމެއްނެތެވެ. އަސަލްއަށް ބޭނުންވާ ހުރިހާކަމެއް ހުރީ ފުރިހަމަކޮށްދީފައެވެ. ލަކްޔަން އާއި އައްބާސްގެ ފަރާތުން ކާފައެއްގެ ލޯބި އެންމެ ފުރިހަމައަށް އަސަލްއަށް ލިބެމުން ދިޔައެވެ. މަޑުމަޑުން އެމީހުންނަށް އަސަލް ހޭނެން ފަށައިފިއެވެ. ދުރުކަމެއް އޮތީ އިކާނާއެވެ. އަސަލް އަދިވެސް އިކާނަށް ބަލާލަނީ ބީރައްޓެހި ބެލުމަކުންނެވެ. އާޝިގާ ކަންބޮޑުވީ ބަނޑުގައި އޮތް ދަރިފުޅާ މެދުގައެވެ. އެދަރިފުޅު އުފަންވާނީ ޔަގީނުންވެސް ބޮޑު އާއިލާއެއްގެ ތެރެއަށެވެ.
ހިޔާލާ ފިކުރުތަކުގެ ކަނޑުން އާޝިގާއަށް ނުކުމެވުނީ ދޮރުލެއްޕުނު އަޑު އިވިފައެވެ. ބަލައިލި އިރު ދޮރުމަތީގައި ހުރީ އިކާނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އާޝިގާއަށެވެ. އެބެލުމުން އާޝިގާއަށް އުނދަގުވިއެވެ. ނުފެންނަކަމަށް ހަދާފައި ލޯގަނޑާ ދިމާލަށް ހިނގައިގަތީ އެހެންވެއެވެ. އިކާން އައިސް އެނދުގައި އިށީނުމާއެކު އަޝިގާ ބަލައިލިއެވެ.
"އަޑުއެބައިވޭތަ؟" އާޝިގާ އެހިއެވެ. އިކާނަށް އަދި އެބުނި އެއްޗެއް ނޭނގުނެވެ. ދެކަންފަތުގައި އަތްޖައްސާލިގޮތަށް ބޯޖަހާލިއެވެ. ތިމަންނައަށް އަޑު އިވެޔޭ ބުނާކަހަލަ ގޮތަކަށެވެ.
"އެހެންވިއްޔާ ތިއިންނަނީ ކިހިނެއްވެފަ؟ ވުޟުކޮށްގެން ދޭބަލަ މިސްކިތަށް" އާޝިގާ ބުންޏެވެ.
(ނުނިމޭ)