ކުޑަކުދިންނަށް ރައްކާތެރި އަމާން މާހައުލެއް ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުޑަކުދިންނަށް އަމާން އަދި ރައްކާތެރި މާހައުލެއް އޮތްކަން އެންމެންވެސް ކަށަވަރުކުރަން ޖެހޭ ކަމަށާއި އެކުދިންނަށް ލޯތްބާއި އަޅާލުމާއެކު ހެދިބޮޑުވެވޭނެ، މާހައުލެއް ލިބިދޭން ޖެހޭ ކަމަށެވެ.

"އަހަރެމެންގެ ދަރިންނަކީ އަހަރެމެންގެ މުސްތަގުބަލު އެންމެން ގުޅިގެން އެކުދިން ރައްކާތެރިކޮށްދޭން ޖެހޭ." ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން އަންނަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުޑަކުދިން ރައްކާތެރިކުރުމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ ގާނޫނުތަކަށް މިފަހުންވެސް ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ.