ވާހަކަ

މޮޔަކޮށްލި މާ - 56

3

އިރުކޮޅަކުން ވަދެގެން އައި ސަމީރާ އާއި ސާހިލްގެ އިތުރުން އާޝިގާ ފެނިފައި ޝެލީ ފުންމައިގެން ތެދުވިއެވެ. އެދިޔަގޮތަށް ގޮސް ފުރަތަމަވެސް ޝެލީ ހިފީ ސާހިލްގެ އަތުގައެވެ. ސާހިލް ޝެލީގެ މޫނަށް ފުން ނަޒަރަކުން ބަލައިލިއެވެ. ހުރިހާ މީހުންގެ މެދުގައި ޝެލީ އެފަދަ ކަމެއް ކުރުމުންނެވެ. މޭޒާ ދިމާލަށް ހިނގަމުން އައި ޝެލީގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. މިއަދު ޝެލީ އެންމެންގެ ކުރިމަތީގައި ކުރަން އުޅޭ ކަންތައް ހަނދާންވެފައި އެ ހިނިތުންވުން ފުންވިއެވެ. ޔަގީނުންވެސް ޝެލީގެ އެ ނިންމުމުގެ ސަބަބުން އެތައް ބަޔަކު އުފާކުރާނެއެވެ.

ހުރިހާ މީހުންނަށް ހައިރާންކަމެއް ލިބުނީ ޝެލީ ދެން ކުރި ކަމަކުންނެވެ. ނިމާންގެ ކަނާތްފަރާތުގައި ހުރި ގޮނޑީގައި ސާހިލް ބޭންދުމުންނެވެ. އެއީ ޝެލީ އިން ގޮނޑިއެވެ. ވާނުވާ ނޭނގި ސާހިލް ލަދުވެސްގަތެވެ. އަވަހަށް ޖީބުގައި އޮތް ފޯނު ނަގާފައި ޝެލީއަށް މެސެޖެއް ލިޔެލާފައި ފޮނުވިއެވެ. ސިޔާ ކައިރީގައި އިށީން ޝެލީ މެސެޖް ބަލާލާފައި ސާހިލްއަށް ހިނިތުންވުމެއް ދިނެވެ.

**********

ކޮފީތައްޓެއް ހިފައިގެން ކޮޓަރިއަށް ވަންއިރު އިކާން ފެންނަން ނެތެވެ. ޖޫލީ އެތެރެ ބަލައިލިއެވެ. ބެލްކަންޏަށް ނުކުމެވޭ ދޮރު ހުޅުވާފައި ހުރުމުން ޖޫލީ ދިޔައީ އެދިމާލަށެވެ. ވީވެސް އެހެންނެވެ. އޮށޯވެވޭގޮތަށް ހުރި ގޮނޑިއެއްގައި ފިކުރެއްގައި އިކާން އޮތެވެ. ޖޫލީ އެތެރެއަށް ވަދެފައި ދެން އައީ ބޭސްކާޑެއްވެސް ހިފައިގެންނެވެ.

"މިތަނުގަ ކިހިނެއްވެފަ ތިއޮތީ" ޖޫލީ އެހިއެވެ. ކައިރީގައި ޖޫލީ ހުރިކަން އެނގުމުން އިކާން ތެދުވެ ގޮނޑީގައި އިށީންނަން އުޅުނެވެ. އެހެންނަމަވެސް އެއް އަތުގައި އަޅާފައިވާ ޕްލާސްޓަރާއެކު އެކަނި ތެދުވަން އިކާނަށް ދަތިވިއެވެ. މޭޒުމަތީގައި ގެނައި އެއްޗެހި ބަހައްޓާފައި ޖޫލީ އިކާނަށް އެހީވެދިނެވެ.

"ބޭސްކާ ގަޑި ޖެހިއްޖެ" ޖޫލީ ބުންޏެވެ. ކިރުތައްޓާއެކު އިކާނަށް ބޭސްދީފައި ވަކިން ހުރި ގޮނޑީގައި ޖޫލީ އިށީނެވެ.

"ކީއްވެ ދައްތަމެންނާއެކު ނުދިޔައީ" ޖޫލީ އެހިއެވެ.

"ނެތް ދާހިތެއް. އެހެންނޫނަސް މިގޭ ހިޓްލަރު ބައްޕަ ބުންޏެއްނު ގެއިން ނުނިކުންނާށޭ" ފާޑަކަށް ހީލަމުން އިކާން ބުންޏެވެ.

"މިއަދު ސިޔާ އަތުވެއްޖެ. އެކަން އެނގޭތަ؟" ޖޫލީ އެހިއެވެ. އިކާން ބޯޖަހާލިއެވެ.

**************

އިކާންގެ އާއިލާ އެއްވެސް މީހަކާ ނަޒަރު ސީދާކުރަން ލަދުން އާޝިގާ އިނަސް އެއިން އެއްވެސް މީހެއްގެ ނަޒަރު ބިންމަތީގައި ކުދި ފިޔަވަޅުތަކެއް އަޅަމުން އުޅުނު އަސަލް އިން ނުނެއްޓެއެވެ. ހާއްސަކޮށް ޝިއުރާއެވެ. އެންމެފަހުން ކެތްނުވެގެން ޝިއުރާ ތެދުވިއެވެ. އަސަލް އުރާލައިގެން އައިސް ކުރިން އިންތަނުގައި އިށީނެވެ. ކައިރީގައި އިން ސިޔާ އަސަލްއަށް ދެއްކިއެވެ. އެއީ އަސަލްގެ ދޮންތި ކަމުގައި ބުންޏެވެ. އެގޮތަށް ޝިއުރާ މުހާތަބްކުރީ އަސަލް އާއި ސިޔާއާ ލޭގެ ގުޅުމެއް އޮވެގެންނޫންހެން ހީވެފައި ސިޔާ އިނެވެ. ޝިއުރާ އަތުން އަސަލް ނެގީ އައްބާސްއެވެ. ލޯބިކޮށްލާފައި ދެން ދިނީ ލަކްޔަންއަށެވެ. ފުރަތަމަ ފަހަރަށް ލަކްޔަންއަށް އަސަލްގެ ދެލޮލުން އިކާން ސިފަވިހެން ހީވިއެވެ. ކިތަންމެ ނޫންކަމަށް ހެދުނަސް އެއީ ލަކްޔަންގެ އެއްބަނޑު ކޮއްކޮގެ މާމަ ދަރިފުޅެވެ. އިކާން ކުރި ކުށެއްގެ އަދަބު އެ ތުއްތު ކުއްޖާއަށް ލިބެން ނުޖެހެއެވެ. އަސަލްގެ ކުޑަކުޑަ ހަށިގަނޑުގައި ލަކްޔަން ބައްދާލިއެވެ. އެހިނދު ލަކްޔަންގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

"އެންމެންނަށް މިއަދު ކިހިނެއްވާ ދުވަހެއް؟ ކީއްވެ އަސަލްދެކެ އެހާ ލޯބިން އެ އުޅެނީ. އަލަކަށްވެސް ނޫން އެކުއްޖާ ފެނުނީ" ސިޔާ އެހިއެވެ. ޝެލީ ހީލިއެވެ. އެ ހަގީގަތް ސިޔާއަށް އެނގެންވީ ވަގުތު ޖެހުނީކަން ޝެލީއަށް އެނގުނެވެ.

"އެއީ ސިޔާގެ ދޮންބެގެ ދަރިއެއްނު. އަސަލް މަންމަ އެއީ އިކާންގެ ވައިފް" ސިޔާގެ ކަންފަތްދަށުގައި ސިއްރުން ޝެލީ ބުނެލިއެވެ.

"ކީކޭ...؟" ސިޔާގެ މޫނުމައްޗަށް ހައިރާންކަމެއް ވެރިވިއެވެ. އެއީ ކިހިނެއްވީ ކަމެއް ހެއްޔޭ ހިތަށް އެރިއެވެ.

"ދެން ފަހުން ތިވާހަކަދައްކާނީ. މިހާރު ދޮންތަ މިއުޅެނީ އެނައުންސްމަންޓެއް ކުރަންވެގެން" ސިޔާއަށް އެއް ލޯ މަރާލާފައި ޝެލީ ބުންޏެވެ.

ސައި ފެށި އެއްބަޔަކު އަނގަތަޅަން މަޑުކޮށްލައިގެން ތިއްބެވެ. މިއިން ދުވަހަކުވެސް މާގިނަ ވާހަކަތަކެއް ދައްކާފައިނުވާ ލަކްޔަން އާއި ނިމާން ތިބީ އޮލަ ވާހަކައެއްގައެވެ. އެމަންޒަރު އަލްމާޝްއަށް ވީ މުޅިން އާ މަންޒަރަކަށެވެ. އެހެންކަމުން ނުބަލަން ހުއްޓަސް އެދިމާލަށް އަލްމާޝްއަށް އިރުކޮޅަކާ ބަލައިލެވެއެވެ.

"މަންމާ، އަޅުގަނޑު ވާހަކައެއްބުނަން ބޭނުން" ޝެލީ ބުންޏެވެ. އަލްމާޝް އާއި ނިމާންގެ ސަމާލުކަން ޝެލީއަށް ހުއްޓުނެވެ.

"އަޅުގަނޑު މެރީކުރަން ބޭނުން" ޝެލީ ބުންޏެވެ. އަލްމާޝްގެ ދެތުންފަތް ދެފަރާތަށް ދެމިލިއެވެ. ޝެލީ ކައިވެންޏެއް ކުރުމަކީ މިހާރު އަލްމާޝް އެންމެ އެދޭ ކަންތަކެވެ.

ވަގު ލޮލުން ޝެލީ ސާހިލްއަށް ބަލައިލިއެވެ. ބޯން ނެގި ފެންތައްޓާއެކު ސާހިލް ގަބުވެފައި އިނެވެ. އަނެއްކާވެސް ޝެލީ މީހަކާ އިންނަ ވާހަކަދެއްކީތީ ސާހިލް ކަންބޮޑުވެއްޖެއެވެ. މިފަހަރު އިންނަން އުޅެނީ ކާކާ ކަމެއްވެސް ނޭނގެއެވެ. ސާހިލް އިނީ ޝެލީ ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.

"ވަރަށް ބޮޑަށް މަރުހަބާ ދަރިފުޅާ. އެކަމަކު ބައްޕައަށް ވަލީދެވޭނީ އެއީ ކޮންކުއްޖެއްކަން އެނގުނީމައެއްނު" ސަމާސާ ރާގެއްގައި ނިމާން ބުންޏެވެ. ޝެލީ ހީލިއެވެ.

"ބައްޕަގެ ކަނާތްފަރާތުގަ ތިއިނީ" ޝެލީ ބުންޏެވެ. އަލްމާޝް އާއި ނިމާނާ އެކު ބަލައިލިއެވެ. ވާނުވާ ނޭނގިފައި އިން ސާހިލްވެސް އޭނާގެ ކަނާތްފަރާތަށް ބަލައިލިއެވެ.

"ސާބަހޭ. ދަރިފުޅުގެ ކަނާތަފްރާތެއް ނޫނޭ. ނިމާންގެ ކަނާތްފަރާތުގައޭ ދަރިފުޅު ތީނީ" ސާހިލް ބޮލުގައި ޖަހައިލަމުން ސަމީރާ ބުންޏެވެ. ގަބޫލުނުކުރެވިފައި ސާހިލް ޝެލީއަށް ބަލައިލިއެވެ. މަޖާވާން ވިޔަސް ޝެލީ އެފަދަ ސަމާސާއެއް ކުރީތީ ސާހިލް ދެރަވިއެވެ. އެއްވެސް ސިފައެއްގައި ސާހިލްގެ އިހުސާސްތަކާ ކުޅުމުގެ ހައްގެއް ޝެލީއަށް ނޯންނާނެއެވެ. ހިނިތުންވުމެއްގެ ބަދަލުގައި ސާހިލްގެ މޫނުމަތިން މާޔޫސްކަމެއް ފެނުމުން ޝެލީ ހާސްވިއެވެ. ޝެލީ ހުށަހެޅި ހުށަހެޅުން ސާހިލްއަށް ގަބޫލުނުކުރެވެނީކަން ޝެލީއަށް އެނގުނެވެ. އެހެންކަމުން ޝެލީ ވިސްނާލިއެވެ. ސާހިލްއަށް އެކަން ޔަގީންކޮށްދޭނީ ކިހިނެއް ހެއްޔެވެ؟

ކުއްލިއަކަށް ޝެލީ ތެދުވެގެން އައިސް ހުއްޓުނީ ނިމާންގެ ކައިރީގައެވެ.

"ދީބަލަ ބައްޕަގެ ތަޅުދަނޑިފަތި" ޝެލީ ބުންޏެވެ. ނިމާން ޖީބަށް އަތްލާފައި ދެ ތަޅުދަނޑީގެ ފައްޗެއް ނެގިއެވެ. އެތަނުން ޝެލީ ނެގީ ނިމާންގެ އޮފީސް ތަޅުދަނޑިއެވެ. އޭގައި އިން ރިހިކުލައިގެ އަނގޮޓި ޝެލީ ނެގިއެވެ. ޝެލީ ކުރަން އުޅޭ ކަމެއް ނޭނގި ހުރިހާ މީހުން ތިބީ ބަލަހައްޓައިގެންނެވެ. އެހުރިހާ މީހުންނަށް ހީލެވުނީ ސާހިލްގެ ކުރިމަތީގައި ކުރުކަކޫ މައްޗަށް ޝެލީ އިށީނުމުންނެވެ.

"އަހަރެންނާ އިންނާނަންތަ؟" ޝެލީ އެހިއެވެ. ސާހިލްއަށް ހެވުނެވެ. ދެއަތްތިލައިން މޫނުގައި އަތްއެޅުނުހެން ހީވެ އަވަހަށް ދެއަތް ނަގައިފިއެވެ. ކޮޅަށް ތެދުވިގޮތަށް ނިކަން އަވަހަށް ޝެލީގެ ދެކޮނޑުގައި ހިފައި ނެގިއެވެ.

ބޯޖަހާލާފައި ޝެލީ އަތުގައި އޮތް އަނގޮޓި އިނގިލީގައި އެޅިއެވެ. ދެން ޝެލީގެ ކޮނޑުގައި އަތް ވަށާލާފައި ނިމާނާ ކުރިމަތިލިއެވެ. އެންމެންގެ ތެރޭގައި ކައިވެންޏާ ގުޅިގެން ޝެލީ ސަމާސާއެއް ނުކުރާނެކަން ސާހިލްއަށް ޔަގީންވެއެޖެއެވެ. އެހެންކަމުން އެ ހުށަހެޅުން ސާހިލް ގަބޫލުކުރިއެވެ.

"ނިމާންބޭ. އަޅުގަނޑު ރޯޒްމެލޯ....." ސާހިލްއަށް ހެވުނެވެ. އުފަލުން ގޮސް ވާހަކަދައްކަންވެސް ސާހިލްއަށް ދަތިވިއެވެ. "ސޮރީ ޝެލީގެ ކައިވެންޏަށް އެދެން" ސާހިލް ބުންޏެވެ. ނިމާން ހީލާފައި ބޯޖަހާލިއެވެ. ދެން ތެދުވިގޮތަށް ނިމާންގެ ގައިގައި ބައްދާލިއެވެ. ދެލޮލުން ފޭދުނު ކަރުނަތިކި އަލްމާޝް ފޮހެލިއެވެ. ޝެލީއަށް ބަލަހައްޓައިގެން އަލްމާޝް އިނީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. އަލްމާޝް ދެއްކި ވާހަކަތައް އަޑުއަހައި އެގޮތަށް ޝެލީ އަމަލުކުރީތީ އަލްމާޝް ހިތްހަމަޖެހުނެވެ.

ކައިވެނިކުރާނެ ވަކި ތާރީހެއް ކަނޑަނޭޅިޔަސް އެކައިވެންޏަށް ޝެލީގެ މުޅި އާއިލާ ރުހި ގަބޫލުވިއެވެ. ހާއްސަކޮށް މިކާލެވެ. ޝެލީއަކީ އިއްފަތްތެރިކަން ނަގާލާފައި ހުރި ކުއްޖެއްކަން އެނގި ސާހިލް އެވަރުގެ ބޮޑު ނިންމުމެއް ނިންމީތީ މިކާލްގެ ހިތުގައި ސާހިލްއަށް އޮތް އިހުތިރާމާއި ގަދަރު އެތައް ތަނެއް ބޮޑުވެގެން ދިޔައެވެ. ބާކީ ތިބި ހުރިހާ މީހުން ޝެލީ އާއި ސާހިލްއަށް މަރުހަބާ ކިއިއެވެ.

"މިދަނީ ދާން އިނގޭ. މަންމަ އުންމީދުކުރަން މާލަސްތަކެއް ނުވެ ދަރިފުޅު އެގެއަށް އަންނާނެ ކަމަށް" ދިޔުމުގެ ކުރިން ސަމީރާ ޝެލީއާ ބައްދަލުކޮށް ބުނެލިއެވެ. ޝެލީ ބޯޖަހާލިއެވެ.

"އަހަރެމެން ވާހަކައެއް ދައްކާލަން ބޭނުން" ޝިއުރާ ބުންޏެވެ.

ސަމީރާ ބަލައިލުމާއެކު ޝިއުރާ ގޮސް ހިފީ ސަމީރާގެ އަތުގައެވެ. އާޝިގާ އާ އެއްވެސް ވާހަކައެއް ދެއްކުމުގެ ކުރިން ސަމީރާގެ ހުއްދައެއް ހޯދުން ޝިއުރާއަށް މުހިންމުވިއެވެ.

*********

ބާލީސް މަތީގައި ބޯއަޅައިގެން އޮތް އިކާންގެ ނަޒަރު ހުއްޓިފައިވަނީ މަތިން އެނބުރެމުން ދިޔަ ފަންކާއަށެވެ. މާޒީގައި ދިރިއުޅެވުނު ގޮތްތަކާ މެދު އިކާން ވިސްނަމުން ދިޔައެވެ. ޕްލާސްޓަރު އަޅާފައި އޮތް އަތުގެ ޕްލާސްޓަރު ގަނޑުގެ ތެރެއިން އަތް ހިރުވަން ފެށުމުން އެކަން އިކާނަށް ތަކުލީފަކަށް ވެއްޖެއެވެ. އެއީ އިކާންގެ ވިޔާނުދާ އުޅުމުގެ ސަބަބުން ލިބުނު އަނިޔާއެއް ކަމަށް ހުދު އިކާންވެސް ގަބޫލުކުރެވެއެވެ. އެދުވަހު ލަކްޔަން ރުޅިއައިސްގެން ގޮނޑި މަޅާލި ވަގުތު ދެއަތް އުފުލާލެވުނު ވަގުތު ބޮޑުވަރުވީ އިކާންގެ ވާއަތަށެވެ. ގޮނޑިން ޖެހި ވާއަތުގެ ކަށިގަނޑެއްގައި ރެނދުލީއެވެ. ބިންދައިގެން ނުގޮސް އިނީ ކިރިޔާއެވެ. އެދުވަހު އަތް ނުނެގުނުނަމަ ބޮލުން ތަންގަނޑެއް ފަޅައިގެން ދިޔައީހެވެ. އަތް ދުޅަވެ ރިއްސާވަރުން ހޭބުއްދި ފިލައިގެންވާރު ވިއިރުވެސް އެއްވެސް މީހެއްގެ ގާތު އެވާހަކަ ބުނަން ނުކެރިފައި ކޮޓަރީގައި އިނެވެ. އެވޭނުގައި އެނދުގައި ތެޅިފޮޅެމުން ދަނިކޮށް ރޭގަނޑުގެ ކާއެއްޗެހި ހިފައިގެން ކޮޓަރިއަށް ވަން ޖޫލީ އިކާނަށް ހަމްދަރުދީވިއެވެ. އިކާން ގޮވައިގެން ޖޫލީ ހޮސްޕިޓަލަށް ދިޔައީ ލަކްޔަންގެ ހުއްދަ ނުހޯދައެވެ. ލަކްޔަންގެ ސިކުނޑި އެދުވަހު އެންމެ ރަނގަޅަށް މަސައްކަތް ނުކުރާތީ ލަކްޔަން ކައިރީގައި އަހަން ނުކެރުނީއެވެ.

ކުއްލިއަކަށް އިކާން ސިހުނީ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށި އަޑަށެވެ. ގުޅަނީ ރާވީއެވެ. ރާވީ އާ އެއްގޮތަކަށްވެސް އިކާން އެއްވެސް ގުޅުމެއް ނުބާއްވާތާ މަސްދުވަސް ވެއްޖެއެވެ. އެފަހަރުވެސް އެފޯނަށް ޖަވާބުދޭން އިކާން ބޭނުމެއް ނުވިއެވެ. އެ ފޯނަށް ޖަވާބުދީފިނަމަ ދެން ކަންތައް ވާނީ ކިހިނެއްކަންވެސް އިކާނަށް އެނގެއެވެ. ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަން ވިސްނަން ބޭނުންނުވިޔަސް އަބަދުހެން އިކާނަށް ވިސްނެނީ އެކަމާއެވެ.

ގޭތެރޭގެ އަޑުގަދަވެގެން އުޅޭހެން ހީވުމުން އިކާން އެނދުން ތެދުވިއެވެ. ދޮރާ ދިމާލަށް ދަނިކޮށް އެ ކޮޓަރި ދޮރުހުޅުވިއްޖެއެވެ. ދޮރުމަތީގައި ހުރި ޝިއުރާ ފެނުމުން އިކާން ބަލަހައްޓައިގެން ހުއްޓެވެ. އިކާނާ ވާހަކަނުދައްކާ ތަނުގައި އެހިސާބަށް ވެސް ޖޫލީ ފިޔަވާ އެއްވެސް މީހަކު ނާދެއެވެ. ކުއްލިއަކަށް ޝިއުރާ އައިސް ހުރުމުން އިކާން ހިތުގައި ސުވާލު އުފެދުނެވެ.

"ވަދޭ އެތެރެއަށް. މިއީ ތިދެމައިންގެވެސް ކޮޓަރިއަކީ. މިތަނުގައި އާޝިގާއަށް ދަތިވާނެ އެއްވެސް ކަމެއް ނޯންނާނެ. ކަމަކަށް ބޭނުމިއްޔާ އަހަރެން ކައިރީގައި ބުނޭ އިނގޭ. މާދަމާ އަސަލްގެ ކޮޓަރި ހެދުމުގެ ކަންކަމުގަ ލަކީކޮއްކޮ އުޅޭނެ" ދުރުގައި ރަކިވެފައި ހުރި އާޝިގާގެ އަތުގައި ހިފައި އެތެރެއަށް ވައްދަމުން ޝިއުރާ ބުންޏެވެ. އާޝިގާގެ ކޮނޑުމަތީގައި އަސަލްއަށް ނިދިފައި އޮތެވެ. ކޮޓަރި ތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ކުރިމަތީގައި ހުރި އިކާން ފެނުމުން އާޝިގާ ކަންބޮޑުވިއެވެ. އަންހެނުންނަށް އިހުތިރާމާއި ގަދަރު ނެތް އިންސާނަކާ އެއް ކޮޓަރި ހިއްސާކުރަން ޖެހުމުން އާޝިގާ ޖެހިލުންވިއެވެ. ނިދާފައި ތިއްބާވެސް ކޮންމެގޮތެއްވެސް ހަދާފާނެއެވެ.

"މިކޮޓަރީގައި ދެން އުޅޭ މީހާ އާ މެދު ކަންބޮޑުނުވައްޗެ. އޭނައަށް އެއްކަމެއްވެސް ނުކުރެވޭނެ" އާޝިގާގެ ކަންބޮޑުވުން ޝިއުރާއަށް އިހުސާސް ކުރެވުނެވެ. އާޝިގާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބައިންދަމުން ޝިއުރާ ނުކުންނަން ހިނގައިގަތެވެ.

"ޝިއުރާއްތާ..." އާޝިގާ ގޮވާލިއެވެ.

"ކުޑާ... ކުޑާ ކިޔާ އިނގޭ" ފަހަތަށް އެނބުރިލަމުން ޝިއުރާ ބުންޏެވެ.

"ސޮރީ. ކުޑަމީހާގެ އެއްޗެހި ބަލާދާން ޖެހޭނެ" އާޝިގާ ބުންޏެވެ.

"އެގޯތި ސާހިލް އަންނާނޭ ސަމީރާއްތަ ބުންޏެއްނު. އެކަމާ ހާސްނުވޭ. އަސަލް ބާއްވާލާފަ ނަމާދުކޮށްގެން ރެޑީވެލާ ފިހާރައަށް ދާން. އަސަލްއަށް ބޭނުންވާ ކާއެއްޗެހި ގަންނަންވާނެއްނު" ހީލަމުން ޝިއުރާ ބުންޏެވެ.

ބަހެއްނުކިޔައި އިކާން ހުއްޓެވެ. އާޝިގާ ކަންބޮޑުވިއެވެ. މަޑުމަޑުން އެނދުން ތެދުވެގެން ގޮސް އަސަލް ބޭއްވީ ސޯފާގައެވެ. އެ ދަރިފުޅަށް އިކާން ނުރުހުމުގެ ބަހެއް ބުނާ އަޑުއަހާކަށް އާޝިގާއަށް ކެތްތެރިއެއް ނުވެވޭނެއެވެ. ސޯފާގައި ހުރި ކުޝަންތައް އަސަލްގެ މަގަތުން ޖަހާފައި އިކާނަށް ބަލައިލުމެއްވެސް ނެތި އާޝިގާ ވަނީ ފާހާނާއަށެވެ.

އާޝިގާ ފާހާނައިގައި ވީ ހަތް ވަރަކަށް މިނިޓެވެ. ނުކުމެފައި ފުރަތަމަވެސް ލޯ ހިންގައިލެވުނީ ސޯފާއަށެވެ. އަސަލް ފެންނަން ނެތުމުން ހީވީ މޭގަނޑު އަނގައަށް އައި ހެންނެވެ. ކުރިއަށް ހިނގައިގަނެފައި އެއް އަރިއަކަށް ބަލައިލިއިރު އެނދުގައި އަސަލް ބާއްވާފައި އިކާން ހިންދެމިލަނީއެވެ.

"ހަބަރުދާރު. މީގެފަހުން މަގޭ ދަރި ގައިގައި ތި މުޑުދާރު ދެ އަތުން އަތްނުލާތި" އިކާނާ ކައިރިވެފައި އާޝިގާ ބުންޏެވެ.

*************

މެންދުރުގެ ކެއުމަށް ގަރުދިޔަ ކެއްކީ ޝިދުނާ ހަމަ ގަސްދުގައެވެ. އެއީ ރާވީ ފަކުރުގަންނަ އެއްޗެއްކަން އެނގި ހުރެއެވެ. ޗުއްޓީއަކަށް ރާއްޖެއިން ބޭރަށް ގޮސްތިބި ރާވީގެ މައިންބަފައިންނާއި ރާވީ ދެއްކި ވާހަކަތަކެއް އިވިފައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ރާވީގެ އުޅުމަށް އެއްވެސް އެދެވޭ ބަދަލެއް އައިސްފައި ނުވެއެވެ. އެހެންކަމުން ފިރިމީހާ ހެޔޮ މަގަށް އެޅުވުމުގެ ވިސްނުމެއް ޝިދުނާގެވެސް ނެތެވެ. ޝިދުނާ ބޭނުންވަނީ ރާވީ މިނެދޭ ނާޅިން މިނެދޭށެވެ.

ކާން ހަދާފައި ޝިދުނާ ކޮޓަރިއަށް ވަނީ މެންދުރު ނަމާދުކޮށްލާށެވެ. ރާވީ ގޭގައި ނެތްކަންވެސް ޝިދުނާއަށް އެނގުނީ ކޮޓަރީގައި ނެތުމުންނެވެ. ނަމާދުކޮށް އަވަދިވެގެން އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުން ކޮޓަރިން ނުކުތް ޝިދުނާއަށް ހައިރާންކަމެއް ލިބުނީ ގޭތެރެއަށް ވަން ރާވީ ފެނިފައެވެ. ތުއިގޮތަކަށް ހީލައިގެން ރާވީގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިގެން ހުރި ކުރު ފަލަ އަންހެންކުއްޖާ ފެނުމާއެކު ޝިދުނާއަށް ނުބައި ގޮތެއްވިއެވެ.

"މިހާރު ކޮން ރަންޑިއެއް ގޮވައިގެން ތިއައީ؟" ޝިދުނާ އެހިއެވެ. ރާވީ އާ ދިމާލަށް ކޮންމެ އެއްޗެއް ބުނާކަށްވެސް ޝިދުނާ ފަސްނުޖެހެއެވެ.

"އޭތް... މައިންޑް ޔުއާ ޓަންގް.... މީތަ ރާވީގެ ވައިފްއަކީ... ޗި... މާމަގަނޑު" އެ އަންހެންކުއްޖާ ބުންޏެވެ. ރާވީ ހީގަތްގޮތުން ޝިދުނާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ބަހެއްނުކިޔައި ޝިދުނާ ގޮސް ވަނީ ބަދިގެއަށެވެ.

"ސަޅި. އެދިޔައީނު. ބޭބް ހާދަ ގަދައޭ..." އަންހެންކުއްޖާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ރާވީ ވަނީ ދެމަފިރިން ނިދާ ކޮޓަރިއަށެވެ.

"ވާއު... ބޮޑު އެނދެއް ދޯ. އަޅެ އަހަރެން ގޮވައިގެން އެނދުގައި އޮށޯވެބަލަ" އަންހެންކުއްޖާ ބުންޏެވެ.

"ތިއީ އެއްވެސް ކަމެއް ނޫނެއްނު. ހިނގާ... އެނގެއެއްނު އޮށޯތީމަ ދެން ވާނީ ކިހިނެއްކަންވެސް" ރާވީ ބުންޏެވެ.

"އިނގެޔޭ... އެއީ މައްސަލައެއް ނޫން. ޔަގީންތަ ރާވީގެ ވައިފް ނާންނާނެކަން" އެނދުގައި އޮތް ރާވީ ދިއްކޮށްލި އަތުގައި ހިފަމުން އަންހެންކުއްޖާ ބުންޏެވެ.

"ހަމަ ޔަގީން. އެދިޔައީ ވަރަށް ނައްޓައިގެން.... ހެހެހެ..." ރާވީ ބުންޏެވެ.

ކުއްލިއަކަށް ކޮޓަރި ދޮރުހުޅުވުނު އަޑަށް ރާވީގެ ގައިގައި ބައްދައިގެން އޮތް އަންހެންކުއްޖާ ބަލައިލިއެވެ. ނުލަފާ ޒާތަކަށް ދެމީހުންނަށް ބަލަހައްޓައިގެން ޝިދުނާ ދޮރުމަތީގައި ހުއްޓެވެ. އެއް އަތުގައި ފިހިގަނޑު އޮތްއިރު އަނެއް އަތް ފުރަގަހަށް ލައި ފޮރުވާފައެވެ.

"އޯއެމްޖީ.. ފިހިގަނޑުން ތަޅައިގަންތަ އެ އުޅެނީ" ފުންމައިގެން އެނދުން ތެދުވި އަންހެންކުއްޖާ ބުންޏެވެ. ރާވީ ބަހެއް ނުބުނެއެވެ. ތަޅައިގަންނަން އުޅޭހެން ރާވީއަށް ހީވަނީއެއް ނޫނެވެ. ތަޅައިގަންނާނެކަން ޔަގީނެވެ. ޝިދުނާ އާ އެކު މިވީ ކުޑަދުވަސްކޮޅުގައި ވަރަށް ރަނގަޅަށް އަނބިމީހާގެ ގޮތް ރާވީއަށް އެނގިއްޖެއެވެ. ހަނދާނަށް އައީ ކައިވެނީގެ ފުރަތަމަ ރޭގެ މަތިންނެވެ.

"ކަލޭމެން ދެމީހުން ޒިނޭކުރަން މަގަށް ނުކުމޭ. ކޮންމެހެން މަގޭ ކޮޓަރި މަގޭ އެނދުގަ ތިބޭނެކަމެއްނެތް. ދޭ ދޭ... މިދެނީ ފުރުސަތެއް ދާން" ޝިދުނާ ބުންޏެވެ. ރާވީ ހިންދިރުވާލިއެވެ. އެނދުން ތެދުވެ ހުރީ ޝިދުނާ ފޮނުވާލާ ކޮންމެ ހަމަލާއަކަށް ރެކިގަނެވޭނެ ގޮތަށް ހުޝިޔާރުވެއެވެ. އަންހެންކުއްޖާ އާއި ރާވީ ހުރީ އެނދުގެ ދެފަރާތުގައެވެ. ޝިދުނާ އަންހެންކުއްޖާއަށް ބަލަހައްޓައިގެން ހުރި ވަގުތު ކުޑަކޮށް ގުދުވެފައި އެނދުގައި އޮތް ޓީޝާޓް ނަގާފައި ބޮލުން މަހާލިއެވެ. ދެން މަޑުމަޑުން ދޮރާ ދިމާލަށް އައެވެ.

"ކަލޭއެއް ނޫން. އެންމެ ފުރަތަމަ މިގެއިން އެހެރަ ރަންޑި ނެރޭ" ޝިދުނާ ބުންޏެވެ. ޝިދުނާގެ ކޮމާންޑާއެކު ރާވީ ހުއްޓުނުއިރު ހީވީ ރިމޯޓަށް މަސައްކަތްކުރާ ރޮބަޓެއްހެނެވެ.

"ދޭ.... ދޭ މިގެއިން" މަޑުމަޑުން ރާވީ ބުންޏެވެ. އެ އަޑު ރާވީ ނޫން އިތުރު މީހަކަށް އިވޭނެހެނެއް ހިއެއް ނުވެއެވެ.

"ޔޫ... ސައިކޯ....." އަންހެންކުއްޖާ ދަތްކުޑި ވިކައިގަތެވެ.

"ޝަޓްއަޕް.... އަހަރެންގެ އެއް އަތުގަ ފިހިގަނޑު. ފިހިގަނޑުން ތަނެއްގައި ޖަހައިފިއްޔާ ޔަގީން އެތަނެއް ބިންދައިދާވަރު ކުރާނަން. އަނެއް އަތުގައި މިއޮތީ ދޮންކޮށްފައި އޮތް ދޭފަތް. މި ޖައްސަން ޖެހިއްޖިއްޔާ ޔަގީން އެތަނެއް ރޯފިލުވައިގެން ރޮއްޓާ ޖަހައިގެން ކާވަރު ކުރާނަން. މިދެގޮތުން ކުރެ ގޮތެއް ބޭނުންނުވަންޏާ މިތަނުން ރައްކާވޭ..." ޝިދުނާ ބުންޏެވެ.

އަންހެންކުއްޖާ ބިރުގަނެއްޖެއެވެ. ރާވީގެ އަނބިމީހާ އަކީ ސިކުނޑި ހަމަޖެހޭ މީހެއް ނޫނޭ ހިތަށް އެރިއެވެ. ދޮރާ ދިމާލަށް ދާން އުޅެފައިވެސް އަންހެންކުއްޖާ މަޑުޖެހުނެވެ. ޝިދުނާ ހުރީ ބަރާބަރު ދޮރުމަތީގައެވެ.

"އަދިވެސް ހުރީތަ؟" ޝިދުނާ ބުންޏެވެ.

"ދާން... ދާން ތަންކޮޅެއް" އަންހެންކުއްޖާ ޖުމްލަ ފުރިހަމަކުރަން ވާއިރަށް ޝިދުނާ އެއްފަރާތަށް ޖެހިއްޖެއެވެ. އަންހެންކުއްޖާ ކޮޓަރިން ނުކުތްގޮތަށް މައިދޮރާ ދިމާލަށް ދުއްވައިގަތެވެ.

"ހަނދާންކުރާތި. މަގޭ ފިރިމީހާއަށް ބަލައިލިޔަސް ނިމުނީ" ސިޑިން ފައިބައިގެން ދިޔަ އަންހެންކުއްޖާއަށް އިވޭވަރަށް ދޮރުމަތީގައި ހުރި ޝިދުނާ ގޮވަމުން ދިޔައެވެ.

ދޮރުލައްޕާފައި ފިހިގަނޑާއި ދޭފަތް ހުންނަ ތަންތަނަށް ލާފައި ކޮޓަރި ދޮރަށް ޝިދުނާ އެރުމާއެކު ރާވީ ފާހާނާއަށް ވަދެ ދޮރުތަޅުލައިފިއެވެ. ޝިދުނާއަށް ހެވުނެވެ.

"ފިރިމީހާ، ކާން އާދޭ. ހުންނާނެ ވަރަށް މީރު އެއްޗެއް ކައްކާފަ" ފާހާނައިގެ ދޮރުގައި ކުޑަކޮށް ޖަހާލާފައި ޝިދުނާ ގޮވާލިއެވެ. ދެން ހިނިއައިސްފައި ހުރެ ކޮޓަރިން ނުކުތެވެ.

*********

ކޮޓަރި ދޮރުހުޅުވާލި ސާހިލް ހުރީ ހިނިއައިސްފައެވެ. ހުޅުވާލުމުގެ މާކުރިންވެސް ދޮރުފަތުގެ ބޭރުގައި ހުރީ ޝެލީކަން ސާހިލްއަށް އެނގިއްޖެއެވެ. ޝެލީގެ އަތުގައި ހިފައި އެތެރެއަށް ދަމައިގަތް ގޮތަށް ދޮރުލައްޕައިފިއެވެ. ދެން ޝެލީ ގެނެސް މެޔާލާ ބޮނޑިކޮށްލިއެވެ. ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައިން ހިނދަކަށްފަހު ހިނދެއް ޝެލީގެ ހަށިގަނޑަށް ބާރުކުރަމުން ދިޔައެވެ.

"ނޭވައެއްނުލެވޭ...." ޝެލީ ބުންޏެވެ. ސާހިލް ޝެލީ ދުރަށް ޖައްސާލީ ދެނެވެ.

"ވަޓް އަ ސަޕްރައިޒް... އަސްލުވެސް.... ވަރަށް ހެޕީވެއްޖެ.... އަހަރެން ޝެލީދެއްކެ ވަރަށް ވަރަށް ލޯބިވޭ" ޝެލީގެ ދެއަތްތިލައިގައި ހިފަހައްޓާލައިގެން ހުރެ ސާހިލް ބުންޏެވެ.

(ނުނިމޭ)