މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ނުދޭތީ އާއި އެ މުވައްޒަފުންގެ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ތައުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ހެޔޮ ބަދަލު ގެނެސް ޓީޗަރުންގެ މުސާރަ ބޮޑު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ވައުދުފުޅާއެކު ރައީސް ސޯލިހު ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަށް ނިންމަވައިފަ އެވެ.

މި ނިންމުމާއެކު ލެކްޗަރާއިންނާއި ކޮލެޖުތަކުގެ އިދާރީ މުވައްޒަފުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ނަމަވެސް ލެކްޗަރާއިންގެ މުސާރައިގެ އޮނިގަނޑަށްވެސް ބަދަލު ގެންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެމްއެންޔޫ އަދި ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ އިދާރީ މުވައްޒަފުންވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުންފާޅޫކޮށްފަ އެވެ.

އެމްއެންޔޫގެ މުވައްޒަފުން އިންތިޒާމުކޮށްގެން ކަޅު ހެދުމުގައި މިއަދު ކުރިއަށް ގެންދިޔަ ހިމޭން އިހުތިޖާޖުގައި އިސްކޮށް އުޅުނު މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މިއަދު ބުނީ އެމީހުން ކުރާ މަސައްކަތާ އަޅައި ބަލާއިރު ލިބެނީ ވަރަށް ކުޑަ އުޖޫރައެއް ކަމަށެވެ. އަދި ލެކްޗަރާއިން ކުރާ މަސައްކަތާ އެއްވަރަށް އަދި އޭގެ ދެގުނަ މަސައްކަތް އިދާރީ މުވައްޒަފުން ކުރާ ކަމަށެވެ.

އެހެން ނަމަވެސް އިދާރީ މުވައްޒަފުންގެ މުސާރައަށް އެއްވެސް ކަހަލަ ބަދަލެއް ގެންނަން ސަރުކާރުގެ ކަމާގުޅޭ އެއްވެސް އިދާރާއަކުން ނުވިސްނާ ކަމަށެވެ.

"ރައީސް އެ ދުވަހު މުސާރައިގެ ވާހަކަ ދެއްކެވީމަ އަޅުގަނޑުމެން ވަރަށް އުއްމީދު ކުރިން އަޅުގަނޑުމެންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް. އެކަމަކު ހުސް ހުވަފެން ދައްކާފަ އަޅުގަނޑުމެން ބާކީ ކޮށްލީ. އަޅުގަނޑުމެންވެސް މިކުރަނީ ކުޑަ މަސައްކަތެއް ނޫން. މިއީވެސް ގައުމީ ބޮޑު މަސައްކަތެއް. ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް 2000 ނުވަތަ 3000 ނޫނީ އެއަށްވުރެވެސް ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރާ އިރު އަޅުގަނޑުމެންވެސް ކުރަން ޖެހޭ މަސައްކަތްތައް ބޮޑުވާނެ ދެއްތޯ.؟" އޭނާ ބުންޏެވެ.

"ވަން" އާ ވާހަކަ ދެއްކި އެހެން މީހަކު މިއަދު ބުނީ އެ މީހުންގެ މުސާރައަށް ބަދަލެއް ނާންނަތާ 10 އަހަރުވެއްޖެ ކަމަށާއި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެމީހުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް އަންނަންޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

އޭނާ ބުނީ ޔުނިވާސިޓީގައި ތިބޭ އިދާރީ މުވައްޒަފުންވެސް ކުރަނީ ބުރަ މަސައްކަތެއް ކަމަށާއި ޕޭ ކޮމިޝަނުގެ އޮނިގަނޑު އެމީހުންނާ ހިއްސާކުރުމަށް ގޮވާލާ ކަމަށެވެ.

އިހުތިޖާޖުގެ ބައިވެރިން ވަނީ ބޯޑުތަކާއި ބެނާތަކުގައި އެމީހުން ޑިމާންޑު ކުރާ ކަންކަން ހިއްސާކޮށްފަ އެވެ. އެގޮތުން ޕޭކޮމިޝަނުގެ "ޕޭ މެޓްރިކްސް" ނިމެނީ ކޮން ދުވަހަކުންތޯ ވަނީ ސުވާލު ކޮށްފަ އެވެ.

އިހުތިޖާޖުގެ ބައިވެރިން ވަނީ ޔުނިވަސިޓީގެ މީހުން ބާކީކޮށްނުލުމަށާއި މުސާރަ ހަމަހަމަކޮށްދިނުމަށް ގޮވާލައިފަ އެވެ. ތައުލީމީ ދާއިރާގެ ހުރިހާ ދިރާސާތައް ހަދާ ބަޔަކީވެސް ޔުނިވަސިޓީގެ މުވައްޒަފުން ކަމަށާއި މަތީ ތައުލީމީ ދާއިރާއަކީ ގައުމުގެ ހައިބަތު ކަމަށް އިހުތިޖާޖުގެ ބައިވެރިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުންވެސް ތައުލީމީ ދާއިރާގެ މީހުންނަށް ދޭން ބުނި ފްލެޓުތަކަށް ވީގޮތްވެސް އަދިވެސް ނޭނގޭ ކަމަށާއި އެކަންވެސް ވީ ގޮތް ބަލައިދިނުމަށް އެމީހުން ވަނީ ގޮވާލައިފަ އެވެ.

މި އިހުތިޖާޖުގައި އެމްއެންޔޫގެ އިސްވެރިންނާއި ކޮލެޖުތަކާއި ޔުނިވަސިޓީތަކުގެ ޑީނުންވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.