ވާހަކަ

މޮޔަކޮށްލި މާ - 55

3

ޝިއުރާ ހިންދިރުވާލިއެވެ. އިކާނުގެ ސޯޓުބެލޭކަށް ގިނައިރެއް ނެތެވެ. ސަމީރާ އާޝިގާއާއި އަސަލް ގޮވައިގެން ގެއަށް ނުވަންނަ ކަމެއްވެސް ނޭނގެއެވެ. ހިފަހައްޓަން އުނދަގުވާނީ ލަކްޔަންއެވެ. ގޭތެރެ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވާނެއެވެ. އެކަކު އަނެކަކުގެ މަރާ އެއްވެސް މީހަކު ހަވާލުނިވިއްޔާ ރަނގަޅެވެ. ހަށީފުރާ ނޭވައެއްލި ޝިއުރާއަށް ބަލައިލެވުނީ ބެލްއަޅާލި ދޮރާ ދިމާލަށެވެ.

ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް ލަކްޔަން ކެތްކުރަމުން ދިޔައެވެ. ގޮތްހުސްވެފައި ސޯފާގައި އިން އައްބާސްއަށްޓަކައެވެ. އެހެންނަމަވެސް އައިސްފައިވާ ރުޅިގަނޑު ކޮންޓްރޯލް ކުރަން ލަކްޔަންއަށް ދަތިވިއެވެ. އެދިޔަ ބާރުމިނުގައި ޓީވީ ރެކްމަތީގައި ހުރި އާއިލާގެ ބޮޑު ފްރޭމް ދުރަށް ހޫރާލިއެވެ. އެވަރުން ފުދުނީއެއް ނޫނެވެ. މައިދޮރުގެ ދެފަރާތުގައިއާއި ދުރުދުރުގައި ބަހައްޓާފައި ހުރި މާ ޓުކުރިތައް އުކަމުން ދިޔައެވެ. ދުނިޔެއެއް ކަމެއް އާޚިރަތެއް ކަމެއް ނޭނގޭ ދަރަޖައަށް ލަކްޔަންގެ ރުޅިގަނޑު އަރާފައިވިއެވެ. ލަކްޔަން އުޅުނުގޮތުން އައްބާސް އިނީ ބިރުގަނެފައެވެ. މީގެކުރިން ލަކްޔަންއަކީ ރުޅިއަންނަން އިނގޭ މީހެކޭ މީހަކު ނުވެސް ބުނާނެއެވެ. އިކާންގެ ސަބަބުން ލަކްޔަންގެ މުޅި ދިރިއުޅުން ބަރުބާދު ވެއްޖެއެވެ. އެއީ މުޅިންވެސް އިކާނަށް ރައްދުކުރި ހަމަލާތަކެވެ. އަވަސް ނޭވާތަކެއްލަމުން ދިޔަ ލަކްޔަން ހުރި ދިމާލުން ތިރިވިއެވެ. ސަޖިދައަށް ތިރިވިގޮތަށް ލަކްޔަން ރޯންފެށިއެވެ. ޝިއުރާ ލަކްޔަން އާ ދިމާލަށް ދުއްވައިގަތެވެ. އެހާލުގައި ލަކްޔަން ދޫކޮށްލަން ޝިއުރާއަށް ކެތެއްނުވިއެވެ.

ލަކްޔަންއަށް ވީގޮތް ފެނި އަލްމާޝް ހުރީ ހައިރާންވެފައެވެ. އެތައް އަހަރެން ވަންދެން ލަކްޔަންއާއެކު އުޅުނުއިރުވެސް ލަކްޔަންގެ ފަރާތުން އެފަދަ މަންޒަރެއް އަލްމާޝްއަށް ފެނިފައިނުވެއެވެ. އަލްމާޝްގެ ހިތުގައި ލަކްޔަންއަށްޓަކައި ހަމްދަރުދީ އުފެދުނެވެ. ކޮންމެގޮތެއް ވިޔަސް އިކާންގެ އެ ވިޔާނުދާ އަމަލުތަކުގެ ވާހަކަ ނުދައްކާ ހުރުމަކީވެސް ރަނގަޅުކަމެއް ނޫނެވެ. އެކަހަލަ ވިޔާނުދާ އަމަލު ހިންގާ މީހަކު މާދަމާ މީހަކު މަރާލާކަށްވެސް ފަހެއް ނުޖެހޭނެއެވެ.

"ކޮއްކޯ... ކެތްތެރިވޭ. ކޮއްކޮއަށް މިއަދު ދައްތަ އެއްވެސް އެއްޗެއް ނުބުނާނަން. އިކާނަކީ ވަރަށް ވިޔާނުދާ ކުއްޖެއް. ކޮއްކޮއަށް ތިއިނގުނީ އޭނާގެ ވިޔާނުދާ އަމަލުތަކުން ބައެއް. ބާކީބައި އަދި ހުރީ... ތެދުވޭ ކޮއްކޯ. މިއަދު ހުރިހާ ކަމަކާވެސް ކުރިމަތިލާންޖެހޭނެ" ޓައިލްސްތަކުގައި ބޯޖައްސައިގެން ގުދަށް އޮތް ލަކްޔަންގެ ބުރަކަށީގައި ފިރުމަމުން ޝިއުރާ ނަޞޭޙަތްތެރިވިއެވެ.

"އައްސަލާމްޢަލައިކުމް" އެ އިވުނީ އަންހެނެއްގެ އަޑެވެ. އައްބާސް އެދިމާލަށް ބަލައިލިއެވެ. ސަމީރާ އެފެނުނީ ހާދަ ދުވަހަކަށް ފަހުގައެވެ. އެކަކު އަނެކަކަށް ހިނިތުންވުމެއް ދޭންވެސް ނޭނގިފައި ތިއްބެވެ. ޒުވާން ދައުރުގެ އެލޯތްބެއް މިހާރު އެއްވެސް ހިތެއްގައި ނެތެވެ.

"ތެދުވޭ... ހިނގާ އިށީންނަން" ލަކްޔަންގެ ދެކޮނޑުގައި ހިފާ ނަގަމުން ޝިއުރާ ބުންޏެވެ.

ޝިއުރާ ލަކްޔަން ގޮސް ބޭންދީ އައްބާސް އާ ޖެހިގެންނެވެ. އައްބާސް ލަކްޔަންގެ ބުރަކަށީގައި ފިރުމަން ފެށިއެވެ. ދުވަހަކުވެސް ލޯބިވާ ޒުވާން ފިރހެން ދަރިފުޅު އެހާލުގައި ހުއްޓާ އައްބާސްއަށް ފެނިފައެއް ނެތެވެ. މިއަދު ލަކްޔަންގެ ދެލޮލުން ކަރުނަ ނޫނީ އެހެން އެއްޗެއް ނުފެނެއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އެ ތުންފަތްމަތިން ފެންނަން ހުރި ހިނިތުންވުން ގެއްލިއްޖެއެވެ.

ޝިއުރާ ބަލައިލީ އިކާނަށެވެ. އިސްޖަހައިގެން ހުއްޓަސް އިކާންގެ މޫނުމަތީގައި މާބޮޑު ކަންބޮޑުވުމެއް ނެތެވެ. ބޭޒާރުވުމުގެ އެއްވެސް ގިލަންވެރިކަމެއް ނެތެވެ. އެހެންނަމަވެސް ހުރިހާކަމެއް އާއިލާ މީހުންނަށް އިނގުމުން ބޮލުން ބުރައެއް ފިލައިގެން ދިޔަ ފަދަ އިހުސާސެއް އިކާނަށް ކުރެވިއްޖެއެވެ. ދެން އޮތީ އާއިލާ މީހުންގެ އަނިޔާއާއި ނަފްރަތާ ރުޅިވެރިކަމާ ކުރިމަތިލުމެވެ.

"މި އެންމެންނަށް އިކާން ބުނެދީބަލަ އާޝިގާ އެއީ ކާކުކަން" ޝިއުރާ ބުންޏެވެ. އިކާން ބަހެއް ނުކިއިއެވެ. ޝިއުރާ ގޮސް ހުއްޓުނީ އިކާންގެ ކުރިމަތީގައެވެ.

"ނިކަން ބުނެދީބަލަ އާޝިގާގެ އުރުގައި އެއިން ކުޑަ ކުއްޖާއަކީ ކާކު ކަން" އަނެއްކާވެސް ޝިއުރާ ސުވާލުކުރިއެވެ. މިފަހަރު ހައިރާންކަމާއެކު ލަކްޔަން އެދިމާލަށް ބަލައިލިއެވެ. އެއްފަހަރު އާޝިގާއަށް ބަލައިލިއްޔާ ދެވަނަ ފަހަރު ބަލައިލަނީ ވާނުވާ ނޭނގިފައި އިން އަސަލްއަށެވެ.

"ދައްތާ... ކީކޭ ތިކިޔަނީ؟" ލަކްޔަން އެހިއެވެ. ގޮނޑީގައި ހަމަޖެހިގެން ލަކްޔަންއަށް ނީނދެވުނެވެ. ތެދުވެގެން އައިސް ޝިއުރާ ކައިރީގައި ހުއްޓުނެވެ.

"އިކާން... ޖަވާބުދީބަލަ" ޝިއުރާގެ އަޑު ބާރުވިއެވެ. ދުވަހަކުވެސް އިކާނަށް އެމޭރުމުން ވާހަކަދައްކާފައި ނުވާ ޝިއުރާ މިއަދު ފުރަތަމަ ފަހަރަށް އިކާނަށް އަޑުލައިފިއެވެ.

"ކު ޑާ... އަޅު...."

އިކާނަށް ބަހެއް ބުނުމުގެ ކުރިން ޝިއުރާ ދޫކޮށްލި އަތުގެ ހަމަލާ އިކާނުގެ މޫނަށް އަރައިގެން ދިޔައެވެ. ކުރިން ފަޅައިގެން ގޮސްފައި ހުރިތަނުން ވަރަށް ފަސޭހައިން ލޭ އަންނަން ފެށިއެވެ. އެމަންޒަރު ފެނުމުން އައްބާސް މޫނުގައި އަތްއަޅާފައި ރޯން ފެށިއެވެ. ގޭތެރޭގެ ކޯޅުންގަނޑު ލޭއޮހޮރުމަކަށް ބަދަލުވެއްޖެއެވެ. އައްބާސް ކައިރިއަށް ޖެހުނީ ފާރޫގެވެ. ގޭތެރޭގައި ހިނގާ ހަމަނުޖެހުން ފެންނަ ހިސާބުގައި އައްބާސް ބައިންދަން ބޭނުންނުވާތީ ފާރޫގް އައްބާސްގެ ދެކޮނޑުގައި ހިފައިގެން ކޮޓަރި އާ ދިމާލަށް ދިޔައެވެ.

"ސަމިއްތާ ހިނގާ ދާން.. އަޅުގަނޑު ވަރަށް ބިރުގަނޭ އެބަ" ސަމީރާގެ އަތުގައި ހިފަހައްޓަމުން އާޝިގާ ބުންޏެވެ.

"މިއޮތީ ވަގުތު އައިސްޖެހިފަ. މިގެއިން ދާ ހިޔާލު ނުކޮށްބަލަ. މިއީ ދަރިފުޅުގެ ހައްގެއް" ސަމީރާ ބުންޏެވެ.

ޝިއުރާ ފަހަތަށް އެނބުރުނުގޮތަށް ހަރުކޮށް ހިނގާފައި އައިސް ހިފީ އާޝިގާގެ އަތުގައެވެ. ޝިއުރާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނި އާޝިގާއަށް ދެކޮޅަށް އެއްޗެއް ބުނަން ނުކެރުނެވެ.

"މިއީ ކާކުހޭ؟ އަޑެއްނީވޭތަ؟ ޖަވާބުދީބަލަ؟" އިކާން ލައިގެން ހުރި ގަމީހުގެ ގިރުވާނުގެ ދެފަރާތުގައި ހިފައި ތަޅުވައިގަންނަމުން ޝިއުރާ އެހިއެވެ. އިސާހިތަކު ޝިއުރާގެ ރުޅިގަނޑު ކަރުނައަށް ބަދަލުވެ މަޑުމަޑުން ރޮވެން ފެށިއެވެ.

"ކަލޭގެ ތި ވިޔާނުދާ ދިރިއުޅުން ބަލަން ކޮއްކޮ މިދުނިޔޭގައި ނެތްކަން ނަސީބު. ޅަ އުމުރުގައި ދުނިޔެއިން އެކުއްޖާ ގެންދެވީވެސް މި މަންޒަރު ނުދައްކަވަން ކަމަށްވެސް ވެދާނެ. މޮޅަށް ދެނެވޮޑިގެންވާނީ ހަމަ އެންމެފަރާތެއް" ޝިއުރާ ކިޔަމުން ދިޔައެވެ.

އިކާންގެ މޫނަށް ބަލަހައްޓައިގެން ހުރި އާޝިގާއަށް ވެސް ރޮވެނީއެވެ. ދުވަހަކުވެސް ފެނިދާނެކަމަށް ހީވެސްނުކުރާފަދަ ދުވަހެކެވެ. ލަކްޔަންއާއި ޝިއުރާ ފަދައިން މިއަދު އާޝިގާވެސް ޖަވާބެއް ބޭނުންވެއެވެ. ކުއްވެރިއެއް ފަދައިން އިސްއޮބާލައިގެން ހުރި އިކާނާ އާޝިގާ އެންމެންގެ މެދުގައި ސުވާލުކުރިއެވެ.

"ކީއްވެ؟ އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެންނަކީ އެދުވަހު މިންވަރު ކުރެއްވި ގޮތަކަށް ދިރިއުޅެމުން އައި ނިކަމެތި އަންހެނެއް. އަހަރެން ދުވަހަކުވެސް އަހަރެންގެ މައިންބަފައިން ނުދެކެން. އެމީހުން ދުނިޔޭގައި ނެތްކަންވެސް އިނގުނީ ބަލާބޮޑުކުރި މީހުން ބުނެދިނީމަ. އުފަން ރަށުގައި ވެސް ކުޑަދުވަހުން ފެށިގެން އަހަރެން ޒުވާނަކަށް ބަދަލުވެގެން އައީ އެކަނިވެރި ދިރިއުޅުމެއްގަ. ބޮޑުދައިތަ ގޯހެއްނޫން. އެކަމަކު ކުޑަކުޑަ ލޯބިކޮޅަކުން އަހަރެންނަށް ނުފުދެނީ. ހުރިހާ ހިތާމަތަކުން މިންޖުވެ އުފާވެރި ދުނިޔެއަށް އަހަރެންނަށްވެސް ލިބިދާނެކަމަށް ހީކުރެވުނީ އިކާން އަހަރެންނާ ކައިވެނިކުރި ދުވަހު. ހިތަށް އެރި އަހަރެންގެ މާޒީ އެގޮތުގައި މާޒީއަށް ދޫކޮށްލާނީއޭ. އިކާނަށް ނޭނގުނަސް އިކާންގެ ދެލޮލުގެ ތެރެއިން އަހަރެންނަށް އުންމީދެއް ހޯދުނު. މުސްތަގުބަލު އުޖާލާކުރެވިދާނޭ ހީވި. ދުވަހަކުވެސް އަހަރެންގެ އަތުން ދޫކޮށްނުލާނޭ ހީވި. އެކަމަކު... އިކާން އަހަރެން ބޭނުންކޮށްލާފަ އެއްލާލީ. ކައިވެނީގެ ފުރަތަމަ ރޭ އަހަރެން މާލެއަށް ދޫކޮށްލާފަ ފިލީ. ކޮބާ އަހަރެންގެ ކުށަކީ؟ އިކާންދެކެ ލޯބިވުންތަ؟ އަހަރެން ބަލައިބޮޑުކުރި މީހުންގެ ބަސްޤަބޫލުނުކޮށް އިކާނަށް އިތުބާރު ކުރެވުންތަ؟ ބުނެބަލަ؟ ޖަވާބުދީބަލަ؟ އަހަރެން މިއަދު ޖަވާބެއް ބޭނުން. ކީއްވެ އަހަރެންނަށް އޮޅުވާލީ؟ ޖަލުގަ ހުރީ މުޅިން އެހެން ކަމެއްގައޭ ބުނެ ދޮގުހެދީ. މަކަރުހެދީ. ޙަޤީޤަތަކީ ތިއީ އަންހެނުންނާ ހެދި މޮޔަވާ މީހެއް. އަން ކިޔައިފިއްޔާ ތިކަހަލަ މީހުންނަށް އަންނާރެއްވެސް ހެޔޮވާނެ. އަހަރެން މިއަދު ލަދުގަނޭ ތިކަހަލަ މީހަކަށް ބައްޕަ ކިޔާ ނަސީބުދެރަ ދަރިއަކަށް މި ދަރި ވީތީ. 'ބައްޕަ' މި މަތިވެރި ލަފްޒަށް ތިކަހަލަ ފިރިހެނުންގެ ސަބަބުން ގަދަރުކުޑަވެގެން ދަނީ. ނަސީބުދެރަކަމުން ތި އިންސާނާގެ ދަރިއަކު މިހާރުވެސް އަހަރެންގެ ހަށިގަނޑުގައި ހެދިބޮޑުވަމުން މިދަނީ. މިއަދު މި އެންމެންގެ ކުރިމަތީގައި އަހަރެން ކަލޭގެ ޙަޤީޤަތް މިބުނެދެނީ....." އާޝިގާ ވާހަކަދައްކަމުން ދިޔައެވެ. މަންމައަށް ރޮވޭކަން އިނގި އަސަލްވެސް ތުންފިއްތަމުން ދިޔައެވެ. އެހުރިހާ ވާހަކަތަކެއް އަޑުއަހަން ދެފަރާތުގައި ތިބި ޝިއުރާއާއި ލަކްޔަން އިސްއުފުލާލަންވެސް ނުކެރިފައި ހުއްޓެވެ. އެހުރިހާ ކަމެއް ލޮލަށް ދެއްކެވުމުގެ ކުރިން ބިންފަޅާފަ އަޑިއަށްދާނެ ނަމައޭ ކިތަންމެ ފަހަރަކު ދެމީހުންގެ ހިތަށް އަރައިފިއެވެ. އެކަމަކު ކޮންމެ ކަމަކަށްވެސް ރަނގަޅު ވަގުތެއް އޮންނާނޭ ބުނާ ފަދައިން އިކާންގެ ވިޔާނުދާ ދިރިއުޅުން އެންމެންގެ ކުރިމަތީގައި އިނގި ހާމަވާ ވަގުތު ޖެހުމުން ހިފެހެއްޓޭނެ އެއްވެސް މީހަކު ނެތެވެ.

"ޖަލުން ސަލާމަތްވެގެން އައިސް އަހަރެންނަށް އިކާން ގުޅީ. އަހަރެން މާލެ އައީ -ބޮޑުދައިތައަށް އެއްވެސް އިހުތިރާމެއްނުކޮށް. އަހަރެންނަކީ މާލެއަށް ނުފަރިތަ މީހަކަށްވާތީ އެއްވެސް ތަނަކަށް ދާން ނޭނގޭ. އިކާން އަހަރެންނާ ބައްދަލުކުރީ ގެސްޓްހައުސްއަކުން. އެންމެ ފުރަތަމަވެސް އިކާން އެދުނީ އަހަރެންގެ ހަށިގަނޑަށް. އެކަމަށް އަހަރެން އެއްބާރުލުން ނުދިނީ. ކައިވެނީގެ ބޭރުން އެފަދަ ފާފައަކަށް އައިގަންނަން އަހަރެންނަށް ނުކެރުނީ. އެހެން ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް އަހަރެންނަށް މުހިންމުވީ އަހަރެންގެ އަބުރާ އިއްޒަތް. އެކަމަށް އަހަރެން އެއްބާރުލުން ނުދިނީމަ އިކާން އަހަރެންނާ ކައިވެނިކުރީ. ބޭނުންވީ ހަލާލު ގޮތުގަ އިކާންގެ ބޭނުންތައް ފުއްދަން. ބޭނުން ހާސިލުވުމާއެކު ރައްކާވީ. މިއަދާ ހަމައަށްވެސް އަހަރެން އަންބެއްގެ ގޮތުގައި ބޭންދީ އަހަރެން ކުރި އާދޭސްތަކުން. އަހަރެން ބަނޑުބޮޑުވެ ދަރިފުޅަށް އަށްމަސް ވަންދެން ރޮއެފަ އާދޭސްކުރިން. ދަރިފުޅަށް ހަރަދުކުރަން ފެށީ އަހަރެން ކޯޓަށް ދާނަމޭ ބުނި ހިސާބުން" އާޝިގާ ވާހަކަދެއްކިއެވެ. ދުރުގައި ހުރި ސަމީރާ އައިސް އާޝިގާ އަތުން އަސަލް ނެގިއެވެ. އާޝިގާ ވަރުބަލިވެ ދެތިންފަހަރު ކައިރީގައި ހުރި ޝިއުރާގެ އަތުގެ ހިމާޔަތް ހޯދިތަން ފެނިފައެވެ.

"އެކަމަކު... ދެން އަހަރެން މިތެޅުން ނުތެޅޭނަން. އަހަރެންގެ ދަރިންނަށް ރިޒުގު ދެއްވަނީ ކަލެއެއްނޫން. އަންހެނެއްގެ އަބުރާ އިއްޒަތް ކަލޭ ނަގާލިކަން އިނގުނު ހިސާބުން އަހަރެން މުޅިން ފޫހިއްވެއްޖެ. ކަލޭ އަހަރެން ވަރިނުކުރިޔަސް އެކަން ކޯޓުން އަހަރެން ނިންމާނަން" އާޝިގާ ބުންޏެވެ. ދެން މަޑުމަޑުން ހިނގާފައި ދޮރާ ދިމާލަށް ދިޔައެވެ. މިފަހަރު އެގޭގައި މަޑުކުރަން ބުނެ ސަމީރާ އެއްވެސް ބާރެއް ނޭޅިއެވެ. އާޝިގާ މާލެ ގެނައީ ހުދު ސަމީރާ ބޭނުންވެގެންނެވެ. އެގޭގައި އާޝިގާ ހުންނާނީކަން ނޫނީ ނޫންކަން ނިންމާނީ ހުދު އާޝިގާއެވެ. މިއަދު އާޝިގާގެ ކޮންމެ ނިންމުމަކަށް ސަމީރާ ރުހޭނެއެވެ. އެއްވެސް ބަހެއްނުކިޔާ އާޝިގާ ގޮވައިގެން އެގެއިން ނިކުތީ އެހެންވެއެވެ.

ބޭރުން އައި މީހުން ނިކުމެ ގޭތެރެ ހިމޭންވިއިރުވެސް އިކާން ހުރި ފިޔަވަޅުމަތިން ގުޑާވެސް ނުލައެވެ. މުޅި ގޭތެރެއަށް ވެރިވެފައިވަނީ މަރުފަދަ ހަމަހިމޭންކަމެކެވެ. ލަކްޔަންވެސް ޝިއުރާވެސް ހުރިތަނުގައި ޖެހި ބުދެއްހެން ހުއްޓެވެ. އެކަކު އަނެކަކަށް ބަލައިނުލައެވެ. ކޮޓަރީގައި ތިބި އައްބާސް އަދި ފާރޫގް ބޭރަށް ނިކުތީ ކުއްލިއަކަށް ގޭތެރެއިން ވާހަކަދެއްކުމުގެ އަޑު ކެނޑުމުންނެވެ. ތިން މީހުން ތިބޮގޮތް ފެނިފައި އައްބާސް ކައިރިވީ ލަކްޔަންއާއެވެ. ޝިއުރާއަކީ ރުޅިގަދަ މީހެއް ނޫނެވެ. ރުޅިގަނޑު ކޮންޓްރޯލްނުވެ އަތުން ފައިން ގޯހެއްހަދާނީ ލަކްޔަންއެވެ. އައްބާސް އައިސް ލަކްޔަންގެ ކޮނޑުގައި އަތް ބޭއްވުމާއެކު ލަކްޔަން އިސްއުފުލާ އައްބާސްއަށް ބަލައިލިއެވެ. އެއާއެކު ދެލޯ ފުރިފައިވި ކަރުނަތައް ބަންޑުންވިއެވެ.

އައްބާސްގެ ގައިގައި ބައްދައިގަތް ގޮތަށް ލަކްޔަން ބާރަށް ރޮއެގަތެވެ. މިއަދު ޙަޤީޤަތުގައިވެސް އަމިއްލަ ދަރިއެއް ދުނިޔޭގައި ނެތްކަމުގެ އިހުސާސް ލަކްޔަންއަށް ކުރެވިއްޖެއެވެ. ރޮމުން ގިސްލަމުން އާޝިގާ ދެއްކި ހުރިހާ ވާހަކަތަކެއް ލަކްޔަންއަށް އަދިވެސް އިވޭ ކަހަލައެވެ.

ފާރޫގްގެ މޭގައި ލައްވެލައިގެން ހުރި ޝިއުރާއަށް ވެސް ރޮވެނީއެވެ. އިކާން އެހާ ނުބައި ނުލަފާ ވާންޖެހުނު ސަބަބަކާމެދު ޝިއުރާއަށް ވިސްނެމުން ދިޔައެވެ.

"ޝްޝްޝް.... މިއީ ތިގޮތަށް ކަރުއެލުވާލައިގެން ތިބެންވީ ވަގުތެއް ނޫން...." ފާރޫގް ޝިއުރާގެ ކަރުނަތައް ފޮހެދިނެވެ.

"ދެން ކިހިނެއް ހަދާނީ. އަހަރެންނަށް އިހުސާސްވަނީ ހެދުން އަޅައިގެން ހުރިއިރުވެސް ގައިގައި އެއްވެސް ފޭރާމެއް ނެތްހެން. އަހަރެން މުޅިން ލަދުގަންނުވައިފި. މިކަހަލަ ޖަނަވާރަކަށް ދަރިއެއްގެ ދަރަޖަ ދެވުނީތީ އަހަރެން ހިތާމަކުރަން. އަދިވެސް ބަލަހައްޓައިގެން އެބަހުއްޓެއްނު. ކަލޭ މިއަދު މަރާނަން..." ލަކްޔަންގެ އެތެރެހަށީގައިވާ ލޭ ކެކިގަތީ އަދި ކިރިޔާއެވެ. ކާމޭޒު ކައިރިން ދަމައިގަތް ގޮނޑި ނެގި ގޮތަށް އިކާނާ ދިމާލަށް މަޅައިގަތެވެ. އެހިނދު އަމިއްލަ ސަލާމަތަށް އެދި އިކާނަށް ދެއަތް މައްޗަށް ނެގުނެވެ. އިކާންގެ ބޮލަށް އަމާޒުވި ހަމަލާ އަރައިގެން ދިޔައީ ދެއަތަށެވެ. އެވަރުންވެސް ލަކްޔަން މައިތިރި ނުވެއެވެ. އިކާންގެ ގަމީހުގައި ހިފާ ބިމުން ހިއްލާލިގޮތަށް ތިރިއަށް ހޫރާލިއެވެ. ސޯފާގެ ބުޑުގައި ޖެހުނުއިރު އިކާންގެ އަނގައިން އާހެއްގެ އަޑު ބޭރުވެއްޖެއެވެ.

"އަހަރެން ކަލެއަށް ތިވައްތަރަށް އުޅެން ދަސްކޮށްނުދެން. އަންހެން ދަރިއަކުވެސް އަހަރެން ތަރުބިއްޔަތުކުރިން. ކިހާ ނަޞޭޙަތެއްދިނިން. ކިހާ ލޯތްބެއްދިނިން. މިނިވަންކަންވެސް ދިނިން. ފިއްތައިގެނެއްނޫން ގެންގުޅުނީ. ބޭނުންވި ދާއިރާއަކުން ކިޔަވައިދިނިން. އަހަރެން ހީކުރީ އަހަރެން ފަހްރުވެރިވާފަދަ ދަރިއަކަށް ކަލޭ ވާނެކަމަށް. އެހެން ބަފައިން ގޮތަށް އަހަރެންވެސް އުންމީދުތަކެއް ކުރިން. އެކަމަކު... ކަލޭ ބިރެއްނުގަނޭތަ؟ އެންމެފަހަރަކުވެސް ހެއްދެވިފަރާތެއް ވެޔޭ ހިތަކަށް ނާރާތަ؟ ކީއްވެގެންތަ ހިއްސުތައް މައިތިރިނުވެގެން ތިތެޅެނީ؟ ރީތި ދޮން އަންހެނަކު ފެންނައިރަށް ތިހާވަރު ވަންޏާ ސަލާމަތެއްނެތެއްނު. އަދި ބުނެފިއެއްނު އޮންލައިންކޮށް ކިޔަވާތީއޭ ރުފިޔާ ހޯދަނީ. ދައްތަމެންނަށް މިހާރު އިނގިއްޖެއްނު އޮންލައިންކޮށް މި ބީތާ ކިޔެވީ ކޯޗެއްކަން. އަހަރެން ކަލެއަށް އިންސާނެކޭ ނުކިޔާނަން. އަމިއްލަ ދަރިއަކު ދުނިޔޭގައި ހުރިކަން އިނގި އެ ޒިންމާއިން ރެކިގަތީ. ﷲ ދަރުބާރަށް ހާޒިރުވާންޖެހޭނެކަމެއް ނޭނގޭތަ؟ ކަލޭ އެކަލާނގެއަށް ކޮން މޫނެއް ދައްކާނީ؟ އެއްކޮޅަކުންވެސް ކަލެއަށް ސަލާމަތެއްނެތް. ހަނދާންކުރާތި! މިގެއިން ބޭރަށް އެންމެ ފިޔަވަޅެއް އެޅިޔަސް ފައިގެ އިނގިލިތައް ބުރިކުރާނަން. އަހަރެންނާ އެއްތަށި މައްޗަށް ކާން އަރައިފިއްޔާ އަހަރެންވަރުގެ ނުބައި މީހަކު ނުހުންނާނެކަން ހަނދާނުގަ ބަހައްޓާތި" ލަކްޔަންގެ އަޑު މުޅި ގޭތެރޭގައި ގުގުމަމުން ދިޔައެވެ. އެއްވެސް މީހަކު ލަކްޔަން ހުއްޓުވަން މަސައްކަތެއް ނުކުރެއެވެ. މީގެކުރިން އިކާނާ ދެކޮޅަށް ލަކްޔަން އެއްޗެއް ބުނެފިނަމަ އިކާނާ އެއްކޮޅަށް އަރާ ޝިއުރާވެސް އެ ހުރިގޮތަށް ހުއްޓެވެ. ސޯފާގައި އިން އައްބާސްވެސް ރޮމުން ދިޔައެވެ.

ގޭދޮރަށް މީހަކު އެރިހެން ހީވެގެން ލަކްޔަން އެނބުރި ބަލައިލިއެވެ. ހެވިދިލިފައި ހުރި ރާވީ ފެނުމުން މިފަހަރު ލަކްޔަންގެ އެތެރެހަށީގައި ރޯވެފައިވާ އަލިފާންގަނޑަށް ޕެޓްރޯލް އެޅިހެން ހީވިއެވެ. އިކާނަށް ނުބައި މަގު ދައްކާ އިބިލީސް އެވައްޓާލީވެސް ކޮންމެސް ވިޔާނުދާ ހަބަރަކައިގެންކަން ޔަގީނެވެ. ޝައިތާނަކު ކަސްތޮޅު އެޅެމުންދިޔަ ތަނަށް ދެވަނަ ޝައިތާނާ ހާޒިރުވެއްޖެއެވެ.

"އިކާން.. އިކާނާ ބައްދަލު..."

"ރައްކާވޭ މިތަނުން" ލަކްޔަންގެ ބާރު އަޑުން ރާވީ ސިހުނެވެ. ބުނަން އުޅުނު ޖުމްލަވެސް ހަނދާނުން ގޮސްފިއެވެ. "މީގެފަހުން ކަލޭ މިގޭކައިރިން ފެނުނަސް ހަނދާންކުރާތި ފުލުހުންނާ ކަލޭ ހަވާލުކުރާނަން" ރާވީ އާ ދިމާލަށް ލަކްޔަން ފުންމައިގަތެވެ. އަނގަ ހުތްވެ ރަކިވެފައި ބަލަހައްޓައިގެން ހުރި ރާވީއަށް ސޯފާގެ ބުޑުގައި އިން އިކާން ފެނުނީ ދެނެވެ.

"އަދިވެސް ހުރީތަ؟ ރައްކާވާށޭ..." ލަކްޔަންގެ ބާރު އަޑު އަނެއްކާވެސް އިވުނެވެ. މިފަހަރު ރާވީ ބިރުގަނެއްޖެއެވެ. ލިފްޓު ފެންނަން ހުއްޓާވެސް ދުއްވައިގަނެވުނީ ސިޑިއާ ދިމާލަށެވެ.

ބަންކިޔާފައި ލެއްޕުނު ދޮރުފަތުގެ އަޑާއެކު ގޭތެރޭގެ ހަތަރު ފާރަށް ގުޑުން އަރައިގެން ދިޔައެވެ. އެކަކު އަނެކަކާ އަނގައިން ނުބުނެ ހިނދުކޮޅެއް ފާއިތުވެގެން ދިޔައެވެ. އައްބާސް އިން ހާލު ފެނުމާއެކު ޝިއުރާގެ ހިތުގައި ރިއްސާލިއެވެ. އުމުރުން ދުވަސްވެފައި އިން މީހަކަށް ދަރިންގެ މެދުގައި ބޮޑު ކޯޅުންގަނޑެއް ފެނުމުން ހިތަށް ކުރާނެ އަސަރު ޝިއުރާއަށް އަންދާޒާ ކުރެވުނެވެ.

"ހިނގާ އެތެރެއަށް ބައްޕާ" ޝިއުރާ އައްބާސްގެ އަތުގައި ހިފިއެވެ. ފާރޫގް އައިސް އަނެއްފަރާތުގައި ހިފުމާއެކު ދެ ދަރިންނާއެކު ރޮމުން އައްބާސް ހިނގައިގަތެވެ.

އައްބާސް އެނދުގައި ބައިންދާފައި ފެންތަށި ޝިއުރާ ދިއްކޮށްލިއެވެ. އައްބާސް ފެންތަށި ބޯލާފައި ޝިއުރާގެ އަތުގައި ހިފައިގެން ގެނެސް ކައިރީގައި ބޭންދިއެވެ. އައްބާސް ހިތްހަމަޖެހެންދެން ކައިރީގައި ޝިއުރާ އިނެވެ.

މަސްދުވަސް ފާއިތުވެގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ހަވޭލީއަށް އުފާވެރިކަމެއް އައިސްފައި ވިއެވެ. ކައިވެންޏަށްފަހު ފުރައިގެން ދިޔަ މިކާލްގެ ދެމަފިރިން ގެއަށް އައި ވަގުތެވެ. އިތުރަށް ގޭތެރޭގައި އުފާވެރިކަން ވަށާލިހެން ހީވިއެވެ. ސިޔާ ގިނަވަގުތު ހޭދަކުރަނީ ޝެލީ އާ އެކުގައެވެ. މައިންބަފައިންގެ ގޭގައި ހިނގާދިޔަ އެއްވެސް ކަމެއް ސިޔާއަށް ނޭނގެއެވެ. ބަރާބަރަށް ލަކްޔަން ސިޔާއަށް ގުޅިޔަސް އިކާންގެ އެއްވެސް ވާހަކައެއްނުދައްކައެވެ. ސިޔާގެ އުފާވެރިކަން ގެއްލުވާލަން ބޭނުންނުވާތީއެވެ.

ހަވީރުގެ ސައި ތައްޔާރުކޮށްފައި އޮތީ ހަވޭލީގެ ގޯތިތެރޭގައެވެ. ސިޔާއާއި މިކާލް އެނބުރި އައުމުގެ އުފަލުގައި ހުރިހާ މީހުން އެއްތަނަކުން ބައްދަލުވެ މަޖާވަގުތުކޮޅެއް ހޭދަކޮށްލުމަށް ޝެލީ ރޭވި ސަޔެކެވެ. ޝެލީގެ އެދުމަށް ސިޔާގެ އާއިލާ ހުރިހާ މީހުން އައިސް ތިއްބެވެ. އިކާން ފިޔަވައެވެ. އެކަން ސިޔާއަށް ފާހަގަވިއެވެ. އެހެންކަމުން ކައިރީގައި އިން ޝިއުރާގެ އަތުގައި ސިޔާ ކޮށްޓާލިއެވެ.

"ދޮންބެ ކޮބާ؟" ސިޔާ އެހިއެވެ. އެހާ ދުވަހަކަށް ފަހު ސިޔާ ހުރީ އިކާން ދެކިލާހިތުންނެވެ.

"ދޮންބެ ކުޑަކޮށް ބަލިކޮށް އުޅެނީ. އެހެންވެ ނާދެވުނީ" ޝިއުރާ ބުންޏެވެ.

އިރުކޮޅަކުން ވަދެގެން އައި ސަމީރާއާއި ސާހިލްގެ އިތުރުން އާޝިގާ ފެނިފައި ޝެލީ ފުންމައިގެން ތެދުވިއެވެ. އެދިޔަގޮތަށް ގޮސް ފުރަތަމަވެސް ޝެލީ ހިފީ ސާހިލްގެ އަތުގައެވެ. ސާހިލް ޝެލީގެ މޫނަށް ފުން ނަޒަރަކުން ބަލައިލިއެވެ. ހުރިހާ މީހުންގެ މެދުގައި ޝެލީ އެފަދަ ކަމެއް ކުރުމުންނެވެ. މޭޒާ ދިމާލަށް ހިނގަމުން އައި ޝެލީގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. މިއަދު ޝެލީ އެންމެންގެ ކުރިމަތީގައި ކުރަން އުޅޭ ކަންތައް ހަނދާންވެފައި އެ ހިނިތުންވުން ފުންވިއެވެ. ޔަގީނުންވެސް ޝެލީގެ އެ ނިންމުމުގެ ސަބަބުން އެތައް ބަޔަކު އުފާކުރާނެއެވެ.