މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރޭ ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓައި އަދި ގައުމު ބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިން ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، އެ ސިނާއަތުގެ ތަރައްގީއަށް މަގުފަހިކޮށް ހިތްވަރުދިނުމުގެ ގޮތުން، "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022" ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެ އެވޯޑަށް ހުށަހަޅާ ހުށަހެޅުންތަކަކީ 1 ޖެނުއަރީ 2017 އިން ފެށިގެން 31 ޑިސެމްބަރު 2021 އަށް ބްރޯޑްކާސްޓްކޮށްފައިވާ ޑޮކިއުމެންޓްރީއެއް ކަމުގައިވާންވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އޭގެ ތެރޭގައި ނިއުސް ބުލެޓިން، ހަފުތާގެ ހަބަރުގެ ޕްރޮގްރާމް/ޝޯ، ވަގުތުން ގެނެސްދޭ ބްރޭކިން ނިއުސްގެ ރިޕޯޓު ނުވަތަ ވަކި މައުލޫއަކަށް ގެނެސްދޭ ހަބަރުގެ ޕްރޮގްރާމު ހިމެނިދާނެއެވެ.

ބްރޯޑްކޮމް އިން ވަނީ މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސްގައި ދޭ އެވޯޑުތައް ވެސް އިއުލާންކޮށްފައެވެ. އެގޮތުން އެވޯޑު ދިނުމަށް ނިންމާފައިވަނީ މައިގަނޑު ތިން ދާއިރާއަކުންނެވެ. އެއީ ޕްރޮޑަކްޝަން, ނޫސްވެރިކަމުގެ ދާއިރާ އަދި އިންޑަސްޓްރީއަށް ދޭ އެވޯޑުތަކެވެ. ކޮންމެ ދާއިރާއަކުން ވެސް ވަކިވަކި އެވޯޑުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

އެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު، އެވޯޑުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެވޯޑުތައް ދިނުމުގައި ބަލާނެ ކަންކަން ވެސް ބްރޯޑްކޮމް އިން ވަނީ އިއުލާންކޮށްފައެވެ. މިއީ ބްރޯޑްކޮމް އިން އެވޯޑެއް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.

  • އެންމެ މޮޅު ޑޮކިއުމެންޓަރީ ޕްރޮގްރާމް – ޗެނަލް
  • އެންމެ މޮޅު ޑޮކިއުމެންޓަރީ ޕްރޮގްރާމް – އަމިއްލަ
  • އެންމެ މޮޅު ކަރަންޓް އެފެއާޒް ޕްރޮގްރާމް
  • އެންމެ މޮޅު މުނިފޫހިފިލުވުމުގެ ޕްރޮގްރާމް
  • އެންމެ މޮޅު ކުޑަކުދިންގެ ޕްރޮގްރާމް
  • އެންމެ މޮޅު ޑޭޓައިމް ޕްރޮގްރާމް
  • އެންމެ މޮޅު ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް
  • އެންމެ މޮޅު ކުޅިވަރު ޕްރޮގްރާމް
  • އެންމެ މޮޅު ތިމާވެށި ޕްރޮގްރާމް
  • އެންމެ މޮޅު އުފެއްދުންތެރި ޕްރޮގްރާމް – ޗެނަލް
  • އެންމެ މޮޅު އުފެއްދުންތެރި ޕްރޮގްރާމް – އަމިއްލަ
  • އަހަރުގެ އިޖުތިމާއީ ޕްރޮގްރާމް – ޗެނަލް
  • އަހަރުގެ އިޖުތިމާއީ ޕްރޮގްރާމް – އަމިއްލަ
  • އަހަރުގެ އެންމެ މޮޅު ޕްރޮގްރާމް, އިޖުތިމާއީ ކެމްޕެއިން
  • އަހަރުގެ އެންމެ މޮޅު ޕްރޮގްރާމް, މާކެޓިން ކެމްޕެއިން
  • އެންމެ މޮޅު ނިއުސް އެންކަރު
  • އެންމެ މޮޅު ނޫސްވެރިޔާ
  • އެންމެ މޮޅު ޕްރޮގްރާމް ޕްރެޒެންޓަރު
  • އެންމެ މޮޅު ކެމެރާ ޕާސަން
  • އެންމެ އުންމީދީ ނޫސްވެރިޔާ
  • ބެސްޓް ބްރޯޑްކާސްޓިން ޗެނަލް (ޓީވީ, ރޭޑިއޯ)
  • ބެސްޓް އިންކްލޫސިވް ބްރޯޑްކާސްޓަރު (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދޭ މިންވަރު)
  • އެންމެ އުފެއްދުންތެރި ޗެނަލް
  • ބްރޯޑްކާސްޓިން ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތަށް ދޭ އެވޯޑު
  • ރީބްރޯޑްކާސްޓިން ހިދުމަތުގެ އެވޯޑު, ރީބްރޯޑްކާސްޓަރު މުޅި ރާއްޖެ
  • ރީބްރޯޑްކާސްޓިން ހިދުމަތުގެ އެވޯޑު, ރީބްރޯޑްކާސްޓަރު މާލެ ސަރަހައްދު
  • ރީބްރޯޑްކާސްޓިން ހިދުމަތުގެ އެވޯޑު, ރީބްރޯޑްކާސްޓަރު ވަކިވަކި ރަށްރަށަށް
  • ރީބްރޯޑްކާސްޓިން ހިދުމަތުގެ އެވޯޑު, ރީބްރޯޑްކާސްޓަރު ރިސޯޓް/ ހޮޓެލް