އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން މަދުކުރުމަށާއި އެފަދަ ޕްލާސްޓިކް އުފެއްދުންތައް ރާއްޖޭގެ ގޮނޑުދޮށްތަކަށާއި މޫދަށް އުކައިލުން ހުއްޓުވުމުގައި ދިވެހި ނޫސްވެރިން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބާގައި ރައަީސް ސޯލިހު ދެއްވި ހިތޯބުގައި ވިދާޅުވީ، ރާއްޖެއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު އެންމެ ފުރިހަމައަށް ލިބިދީފައިވާ ގައުމު ކަމަށާއި އެ ހައްގު ހިމާޔަތްކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް، ހަބަރާއި މައުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކުރިމަގުގައިވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިދޭނެ ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައި އޮތަސް، ކޮންމެ ނޫސްވެރިއެއްގެ ކޮނޑުގައި ވަރަށް މަތިވެރި ގައުމީ މަސްއޫލިއްޔަތެއް އެޅިފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެގޮތުން ގައުމީ ބޮޑެތި މައްސަލަތަކާ މެދު އާންމު ރައްޔިތުން ހޭލުންތެރިކޮށް، ގައުމީ ލޯތްބާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަކީވެސް، ނޫސްވެރިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ކޮވިޑުގެ ނުރައްކާތެރި ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ހޭލުންތެރިކުރުމަށް، ރާއްޖޭގެ ހުރިހާ ނޫސްވެރިން އެއްބައެއްގެ ގޮތުގައި ތިބެ ކުރި މަސައްކަތް ފާހަގަކުރައްވައި ކުރިމަގުގައި ވެސް ގައުމަށް ކުރިމަތިވާ އެފަދަ ބޮޑު ކޮންމެ ކަމެއްގައި، ނޫސްވެރިންގެ ޒިންމާދާރު ގައުމީ ހިދުމަތްތައް ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.