ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް މިއަހަރު 31 އަހަރު ފުރުމުގެ މުނާސަބަތު ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހާއްސަ ޕްރޮގްރާމުތަކެެއް ހިންގަން ނިންމައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެދުވަސް ފާހަގަކުރުމަށް އެ ދެ މުއައްސަސާ ގުޅިގެން ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމުތަކުގެ ތެރޭގައި ގައުމީ ކެމްޕެއިނަކާއި، ގްރޭޑް 11 އާއި 12 ގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ބަހުސެއްގެ އިތުރުުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިމެނޭ ކަމަށެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުތައް ރައްކާތެރި ކުރުމާއި، ނޫސްވެރިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަކީ ގައުމީ މުހިއްމު ސިޔާސަތެއް ކަމަށާއި އެ ގައުމީ ކެމްޕެއިން ކުރިއަށްގެންދިއުމުގެ ގޮތުން އެ ދެ މުއައްސަސާއިން ދޫކުރާ ހާއްސަ ބެޖު ބޭނުން ކުރުމާއި، ނޫ ކުލައިގެ ހެދުން ނުވަތަ ގަމީސް ތުރުކުރުމާއި، މިއަހަރުގެ ޝިއާރާ ގުޅުވައިގެން ހަރަކާތްތައް ހިންގުން ނުވަތަ މުވައްޒަފުން މެދުވެރިކޮށް އެ ޝިއާރުގެ މަގުސަދު ހާސިލުވާނެ ފަދަ މެސެޖެއް އާއްމުންނަށް ފޯރުކޮށްދިނުމާއި ފޮޓޯ ނެގުމަށްފަހު ސޯޝަލް މީޑިއާގައި "ފްރެސްފްރީޑަމް އެމްވީ" ހޭޝްޓެގް ބޭނުންކުރަން ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. މިއަހަރުގެ ޝިއާރަކީ "ޖާނަލިޒަމް އަންޑާ ޑިޖިޓަލް ސީޖް" އެވެ.

އެ ހަރަކާތް މީޑިއާ އިދާރާތަކުން ކުރިއަށްގެންދާނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ކަމަށްވާ މާދަމާ ކަމަށާއި، ސަރުކާރުގެ އޮފީސްތަކާއި މިނިސްޓްރީތަކުން އެ ހަރަކާތް ކުރިއަށްގެންދާނީ މިމަހުގެ އަށްވަަނަ ދުވަހު ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ސްކޫލު ކުދިންނަށް ކުރިއަށްގެންދާ ބަހުސްގެ ބޭނުމަކީ ސްކޫލު ނިންމާ ކުދިންގެ މެދުގައި ނޫސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންގެ މެދުގައި ނޫސްވެރިކަމަށް ލޯބި ޖެއްސުމާއި، ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުުމުގެ މުހިއްމުކަން ދަރިވަރުންނަށް އަންގައިދިނުމާއި، އާއްމު ރައްޔިތުންނަށް ނޫސްވެރިކަމުގެ މުހިއްމު ކަމާގުޅޭ މައުލޫމާތު ބަހުސެއްގެ ސިފައިގައި ގެނެސްދިނުމެވެ. އެ ބަހުސް އޮންއެއާ ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހު ހަފުތާގެ ތެރޭގައެވެ.

ލޭ ހަދިޔާ ކުރުމުގެ ކެމްޕެއިންގެ ބޭނުމަކީ ހާލުގައި ޖެހިފައިވާ ބަލި މީހުންނަށް ބޭނުންވާ ލޭ އަދި ލޭގެ ބާވަތްތައް ލިބެން ހުރިކަން ކަށަވަރުކުރުމަށް ގަވާއިދުން ލޭ ހަދިޔާކުރުމުގެ ބޭނުންތެރިކަމާ މެދު އާއްމު ރައްޔިތުން ހޭލުންތެރި ކުރުވުމެވެ.

އެ ކެމްޕެއިން ކުރިއަށްގެންދާނީ މިމަހުގެ 27 ވަނަ ދުވަހު މެންދުރުފަހު މޯލްޑިވްސް ބްލަޑް ސާވިސްގައެވެ. ލޭ ހަދިޔާ ކުރުމުގެ ހަރަކާތުގެ ތެރެއިން ލޮލުގެ ސްކްރީނިން ހިލޭ ކޮށްދިނުމާއި، ހަކުރު ބަލީގެ ސްކްރީން ހިލޭ ކޮށްދިނުން ކުރިއަށްދާނެއެވެ.

"ޝުކުރުވެރި ހިތާއެކު، ލޭ ހަދިޔާ ކުރަމާ" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ ލޭ ހަދިޔާކުރުމުގެ އެ ކެމްޕެއިންގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ނޫސްވެރިންގެ އިތުރުން ރައްޔިތުންނަަށްވެސް ވަނީ ހުޅުވާލައިފައެވެ.