މާދަމާއަކީ މި ރޯދަ މަހުގެ ފަހު ރޯދަ ކަމަށާއި ފިތުރު އީދަކީ އަންނަ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި ހަނދާ ބެހޭ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަދު އިރުއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް 1443 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެންމަތި ނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.
"ދިވެހިރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާ، މީލާދީ ސަނަތުން 2022 ވަނަ އަހަރުގެ މެއި މަހުގެ 1 ވާ އާދިއްތަ ދުވަހަކީ 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަހު ކަމުގައްޔާއި، މިހިނގާ މެއި މަހުގެ ދޭއް ވާ ހޯމަ ދުވަހަކީ 1443 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ،" މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ފާއިތުވި ދެ އަހަރު މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައެއް ނުވެއެވެ. ނަމަވެސް މިނިސްޓްރީން މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ވަނީ ނިންމައިފައެވެ.
އެގޮތުން މާލޭގައި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން އޮންނާނީ މާފަންނު ސްޑޭޑިއަމްގައެވެ. ހުޅުމާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނީ ހުޅުމާލެ ސްޓޭޑިއަމްގައެވެ. އަދި ވިލިމާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަން ހަމަޖެހިފައިވަނީ ވިލިމާލޭ ބަނދަރު ސަރައްދުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު