ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށީގެ ބްލޮކް އިންސްޓޮލޭޝަން މަސައްކަތުގެ 59 ޕަސަންޓް ނިމިފައިވާ ކަމަށެވެ. އަދި ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 31,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 276 މީޓަރުގެ ސަރަހައްދެއްގެ އެއްގަމުތޮށި ލުން ހިމެނެއެވެ. އަދި 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 1,380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.

މި މަޝްރޫއުގެ އަގަކީ 53.1 މިލިއަން ރުފިޔާއެވެ.