އިންޑިއާ ކަނޑުގައި ހޫނު ގަދަވަމުން އަންނާތީ ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން ބަލަމުން ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާ ކަނޑުގެ ހޫނުމިން ދަނީ އިންތިހާއަށް މަތިވަމުން ކަމަށާއި ހޫނު ގަދަވުމުގެ ސަބަބުން ފަރުތަކަށް ވާނެ ގޮތާ މެދު ފިކުރު ކުރަންޖެހޭނެ ކަމަށެވެ.
"އިންޑިއާ ކަނޑުގެ ހޫނުމިން މިދަނީ އިންތިހާއަށް މަތިވަމުން. ރާއްޖޭގެ ކަނޑުގެ ފިނިހޫނުމިން ބަލަމުން ގެންދިއުން ވަރަށް މުހިއްމު. ފަރުތަކަށް ވާނެ ގޮތަކާ މެދު ފިކުރު ކުރަން ޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި އިރު، މިމަހު ރާއްޖެއަށް ވަރަށް ހޫނު ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިންވެސް ވަނީ ބުނެފައެވެ. އަދި މިމަހުގެ 17 ވަނަ ދުވަހު މެޓް އޮފީހުން އާއްމުކުރި ރިޕޯޓުގައިވާ ގޮތުން އެދުވަހުގެ މެންދުރު މާލެ ސަރަހައްދުގެ ފިނިހޫނުމިން އިހުސާސްކުރެވޭ ވަރު 43.3 ޑިގްރީ ސެލްސިއަސްއަށް ވަނީ އަރައިފައެވެ. އެއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ހޫނުވި ދުވަހެވެ.
ހޫނު ގަދަވުމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އޭގެ ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ކަނޑުގެ ހޫނުމިން މަތިވަމުންދާ ވަރަކަށް މުރަކަތައް ހުދުވެ، ފަރުތަކުގައި ދިރިއުޅޭ ބައެއް ބާވަތުގެ މަސްތަކާއި އެހެނިހެން ދިރުންތައް މަރުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު