ސްރީ ލަންކާގެ ރަތުމަލާނަ އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވައަނުން ކުރަން ރާވާފައިވާ ޝެޑިއުލް ދަތުރުތައް މަޑުޖައްސާލަން އެ އެއާލައިނުން ނިންމައިފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން މިއަދު ކުރި އިއުލޭނެއްގައި ބުނެފައިވަނީ ރަތުމަލާނަ އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަނުން ކުރާ ދަތުރުތައް މުއްދަތެއް ނެތް ގޮތަށް މަޑުޖައްސާލަން ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ނިންމީ ލަންކާގެ އިގުތިސާދީ ހާލަތު މިވަގުތު އޮތް ގޮތުގެ ސަބަބުން ކަމަށާއި ލަންކާގެ ހާލަތު ބެލުމަށް ފަހު ދަތުރުތައް ފަށާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް އައިއޭއެސް އިން ބުނެއެވެ.
ރަތުމަލާނަ އެއާޕޯޓަށް މޯލްޑިވިއަންގެ ސީދާ ދަތުރުތައް ފެށެމަށް މިދިޔަ މާޗް 27 ގައި ހާއްސަ ފުލައިޓެއް ވެސް ވަނީ ބާއްވައިފައެވެ. ނަމަވެސް ރޯދަމަހަށް ދަތުރުތައް މެދުކަނޑާލުމަށްފަހު މޯލްޑިވިއަނުން ނިންމާފައި އޮތީ އީދު ދުވަހުން ފެށިގެން ޝެޑިއުލް ދަތުރުތައް ފެށުމަށެވެ.
މޯލްޑިވިއަންގެ އާއިޝަތު ޖެނިފާ އޭރު "ވަން"އަށް ވިދާޅުވެފައިވަނީ ރޯދައަށް ދަތުރުތައް މެދުކަނޑާލީ އާއްމުކޮށް ރޯދަމަހު ދިވެހިން ދަތުރުކޮށް ނަހަދާތީ ކަމަށެވެ.
މޯލްޑިވިއަނުން ވަނީ މީގެ ކުރިންވެސް ލަންކާއަށް ދަތުރުތައް ބާއްވައިފައެވެ. އެއީ ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށާއި އެ ގައުމުގެ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ނަމަވެސް ފަސިންޖަރުން ނުލިބުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ނުވެ ދަތުރުތައް ވަނީ ހުއްޓާލައިފައެވެ.
ލަންކާއަކީ ބޭރު ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ދިވެހިން ދިރިއުޅޭ ގައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު