މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތަކުގެ ތެރެއިން 49.6 ޕަސެންޓްގެ މަސައްކަތް ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލިސް މިއަހަރުގެ ފުރަތަމަ ދައުރުގެ ޗުއްޓީއަށް ހިނގައްޖެއެވެ.

މިދިޔަ އަހަރު ނުނިމި ހުރި ބައެެއް ކަންތައްތަކާއި، މިއަހަރު މަޖިލީހަށް ހުށަހެޅި ބިލުތަކާއި ގަރާރުތަކާއި މައްސަލަތައް ހިމެނޭގޮތަށް މަޖިލީހަށް ހުށަހެޅި 131 މަސައްކަތުގެ ތެރެއިން، 65 މަސައްކަތް މި ދައުރުގެ ތެރޭގައި މަޖިލީހުން ވަނީ ނިންމައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މި ދައުރަށް ހުށަހެޅި 28 ބިލުގެ ތެރެއިން 8 ބިލުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. ހުށަހެޅި 10 ގަރާރުގެ ތެރެއިން ދެ ގަރާރުގެ މަސައްކަތް ނިންމައި، ސަރުކާރުން ހުށަހެޅި އަށް މައްސަލައިގެ ތެރެއިން ހަތް މައްސަލަ ނިންމައި، މަޖިލީހުގެ ރިޔާސަތުން ހުށަހެޅި 8 މައްސަލައިގެ ތެެރެއިން ފަސް މައްސަލަ ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން މަޖިލިސް މެންބަރުން ހުށަހެޅި 10 މައްސަލައިގެ ތެރެއިން ހަތަރު މައްސަލަ ނިންމައި، އެހެނިހެން މައްސަލަތަކާ ގުޅޭގޮތުން ހުށަހެޅި ހަ ރިޕޯޓުގެ ތެރެއިން އެއް ރިޕޯޓު، އަދި ވަޒީރުންނާ ކުރުމަށް ހުށަހެޅި 49 ސުވާލުގެ ތެރެއިން 26 ސުވާލު ކޮށް، ހުށަހެޅި 12 މައްސަލައިގެ މަސައްކަތް މުޅިން ނިންމާލާފައިވާ ކަމަށެވެ.

މި ދައުރުގައި ބޭއްވި 35 ޖަލްސާއަށް 71 ގަޑިއިރާއި 11 މިނިޓް ހޭދަ ކޮށްފައިވާ ކަމަށާއި، ކޮމިޓީތަކުން ބޭއްވިި 170 ބައްދަލުވުމަށް 134 ގަޑިއިރާއި 18 މިނިޓު ހޭދަވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި ދައުރުގެ މަސައްކަތް ނިންމުމަށްފަހު އިއްޔެއިން ފެށިގެން މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު، މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފަށާނީ، އަންނަ މެއިމަހުގެ 16 ގަ އެވެ.