ގަލްފު ސަރަހައްދުގައިވާ އެންމެ ބިޔަ އަދި އެންމެ ބާރުގަދަ ދެ ގައުމަކީ އީރާނާއި ސައުދީ އަރަބިޔާއެވެ. އެސަރަހައްދުން ނުތަނަވަސްކަން ކަނޑުވާލައި އަމާން އޮމާން މާހައުލެއް ގާއިމު ކުރުމަށްޓަކައި އީރާނާއި ސައުދީ އަރަބިޔާގެ މެދުގައި ބަދަހި ގުޅުމެއް އޮންނާން ޖެހެއެވެ. ޝައްކުތަކާއި ވަހުމްތަކަށް ޖާގަނުލިބޭނޭ ފަދައިން އިތުބާރާއި ދެނެގަތުން އޮންނަން ޖެހެއެވެ. އެކަމަކު މި ދެގައުމުގެ މެދުގައި ކުޑަމިނުން ޑިޕްލޮމެޓިކް ގުޅުމެއްވެސް ނޯވެއެވެ. އެރި ސިޔާސީ ގަދަފަދަ ރޯޅިއެއްގައި 2016 ވަނަ އަހަރު ދެގައުމުގެ ސިޔާސީ ގުޅުންވެސް ވަނީ މުލުން ލުހެވިގެންގޮސްފައެވެ. އެރޯޅީގެ ބާރުގައި ސައުދީންގެ ބަސްވިކޭ އެހެން ބައެއް ގައުމުތަކުންވެސް އީރާނާ ގުޅުން ކަނޑައިލިއެވެ. ދިވެހިރާއްޖެވެސް ހިމެނޭގޮތުންނެވެ.
މިދެންނެވި ބީދައިން ގުޅުން ކަނޑައިލެވުނު ފަހުން ދެގައުމުގެ މެދުގައި ސީދާ މަޝްވަރާތަކެއް ބޭއްވިފައިވަނީ މަދުފަހަރެއްގައެވެ. އެހެންނަމަވެސް މިހާރު އޮއިވަރު ބަދަލުވާންއުޅޭ ކަމުގެ ކުލަވަރު ފެންނާން ފަށައިފިއެވެ. އީރާނާއި ސައުދީ އަރަބިޔާގެ މެދުގައި އިރާގުގެ ވެރިރަށް ބަޣުދާދުގައި ސީދާ މަޝްވަރާތަކެއް ހުސްވި ހަފުތާ ތެރޭގައި ވަނީ ބޭއްވިފައެވެ. ސައުދީ ވަފުދުގެ ވެރިޔަކީ އެގައުމުގެ ޖާސޫސީ އިދާރާގެ ވެރިޔާ ޚާލިދު ބިން އަލީ އަލްހުމައިދާނެވެ. އީރާނުގެ ވަފްދަކީ އެގައުމުގެ ސުޕްރީމް ނެޝަނަލް ސިކިއުރިޓީ ކައުންސިލްގެ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެކެވެ. މަޝްވަރާ ކުރެވުނު ކަމަށް އެނގިފައިވަނީ ދެގައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމްކުރުމާއި ޔަމަނާއި ސީރިޔާއާއި އިރާގުގެ މައްސަލަތަކާއިބެހޭ ގޮތުންނެވެ.
ސައޫދީ އަރަބިޔާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް ގެނެވޭތޯ އެންމެ ބޮޑަށް ބާރުއަޅައި އެކަމަށް މަސައްކަތްކުރާ ގައުމުތަކެއްވެއެވެ. މިފަހަރުގެ މަޝްވަރާތަކަކީ އެގޮތުން އިރާގާއި އޮމާނުގެ ބާރުއެޅުމުގެ މަތިން ބޭއްވުނު މަޝްވަރާތަކެކެވެ. ކުރީފަހަރުތަކާއި ޚިލާފަށް މިފަހަރުގެ ވާހަކަތައް ކުރިއަށް ގެންދެވުނީ ވަރަށް އެކުވެރި ވަރަށް އަމާން އޮމާން ޖައްވެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ހުސްވި އަހަރުގެ އެޕްރީލް މަހުން ފެށިގެން ދޭތެރެއަކުން ކުރިއަށް ގެންދެވޭ ސިލްސިލާއެކެވެ. މި ސިލްސިލާގައި މިހާތަނަށް ބޭއްވިފައިވާ މަޝްވަރާތަކާއި މިފަހަރުގެ މަޝްވަރާތައް ވަރަށް ތަފާތެވެ. މި ވާހަކަތަކުން ދެ ގައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކަށް މަގުފަހިވެ ޖިއްދާގައި އީރާނުގެ ޑިޕްލޮމެޓިކް މިޝަނެއް ގާއިމުކުރުމުގެ ދޮރު ވަނީ ހުޅުވިގެން ގޮސްފައެވެ.
ސައުދީ އަރަބިޔާ އާއި އީރާނުގެ ގުޅުން މީގެ ހަ އަހަރު ކުރިން ކަނޑައިލުމާ ވިދިގެން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީއަށްވެސް އެކަމުގެ ލޮޅުންތައް ވަނީ އަރައިފައެވެ. މިއީ ސައުދީ އަރަބިޔާގެ ޖިއްދާގައި ހެޑްކުއާޓަރު ގާއިމްކުރެވިފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރުވެސް ޖިއްދާއިން ވަނީ ބޭރުކޮށްލެވިފައެވެ. ހުސްވި ހަފުތާގައި ބޭއްވުނު މަޝްވަރާތަކަށްފަހު މިދެންނެވި މިޝަން އަލުން ހުޅުވުމަށް ވަނީ އެއްބަސްވެވިފައެވެ. މިއީ ވަރަށް އުފާވެރި ޚަބަރެކެވެ. މިއީ ގުޅުންތައް އަލުން ގާއިމުކުރުމުގެ މަގުގައި ކުރިއަށް އެޅުނު ވަރަށްވެސް މުހިއްމު ފިޔަވަޅެއްކަމަށް ގަބޫލުކުރެވެއެވެ. އެގޮތަށް ގަބޫލުކުރެވެނީ މިދޭތެރެއަކުން އަނެއްކާވެސް މަސްރަހު ނާމާންވަނީ ކަމަށް ހީކުރެވޭ ކަންތައްތަކެއް ހިނގާފައި އޮތުމާވެސްއެކީގައެވެ.
ކުރިންވެސް ލިޔެވުނުފަދައިން އޮމާނާއި އިރާގާއި ގަތަރުން އަންނަނީ މިދެގައުމުގެ މެދުގައި ސީދާ މަޝްވަރާތައް ބާއްވައި ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ދެތިން ބައްދަލުވުމެއްވެސް ބޭއްވިފައިވަނިކޮށް ހުސްވި މާރޗް މަހުގެ ތެރޭގައި އީރާނުން ވަނީ މުއްދަތެއް ނެތް ގޮތަށް މިސިލްސިލާ މެދުކަނޑާލަން ނިންމައިފައެވެ. އެގޮތަށް ނިންމީ ސައުދީ އަރަބިޔާއިން އެގައުމުގެ އިރުމައްޗަށް ނިސްބަތްވާ ޝީއީންގެ ތެރެއިން 80 ވަރަކަށް މީހުންނަށް މަރުގެ ހުކުމް އިއްވައި އެމީހުން ގަތުލުކުރުމާ ގުޅިގެންނެވެ. މީގެ ހައަހަރު ކުރިން ޑިޕްލޮމެޓިކް ގުޅުން ކަނޑައިލުމަށް މެދުވެރިވީވެސް މިކަހަލަ ކަމެއްގެ ސަބަބުން އުފެދުނު ނުތަނަވަސްކަމުގެ ތެރެއިންނެވެ. ސައުދީ އަރަބިޔާއިން ޝީއީ ދަންނަ ބޭކަލަކަށް މަރުގެ އަދަބު ދިނުމާ ގުޅިގެން އީރާނުގެ ރައްޔިތުން ތެހެރާނުގައި ހުންނަ ސައޫދީ އެމްބަސީއަށް ގެއްލުންތަކެއް ދިނީއެވެ.
އީރާނާއި ސައުދީ އަރަބިޔާއިން ސީދާކޮށް ހަނގުރާމައެއް ނުކުރިއަސް ފާއިތުވި ހަތް އަހަރުގެ ތެރޭގައި ނުސީދާ ހަނގުރާމައެއްގައި ދެގައުމު ދަނީ ކުރިމަތިލުންތަކެއް ހިންގަމުންނެވެ. އެއީ ޔަމަނުގެ ދާޚިލީ ހަނގުރާމައިގައެވެ. ޔަމަނުގެ ހޫސީ ހަނގުރާމަވެރިންނަށް ހުރިހާ ގޮތަކުންވެސް މަދަދު ކުރަމުންދަނީ އީރާނުންނެވެ. ހޫސީންނާ ދެކޮޅު ފަރާތްތަކަށް އެހީވަނީ ސައުދީ އަރަބިޔާއިންނެވެ. މި ހަނގުރާމަވެސް ހަތް އަހަރު ފަހުން ނިމުމަކަށް އައުމުގެ ކުލަވަރު މިހާރު ވަނީ ފެންނަން ފަށައިފައެވެ. މި ރަމަޟާންމަހާ ދިމާކޮށް ހަމަލާތައް ބަދަލުކުރުން ވަނީ މެދުކަނޑާލައިފައެވެ. އެ ނިންމުމަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން ޔަމަނަށް މިވަގުތު ވަނީ ހަމަހިމޭންކަން އައިސްފައެވެ. ރަމަޟާން މަސް ނިމުމުން އެއްބަސްވުން އައުކުރާނޭ ކަމަށްވެސް ވަނީ ބެލެވިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ