މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން އޮންނާނީ މާފަންނު ސްޑޭޑިއަމްގައި ކަމަށެވެ. ހުޅުމާލޭގައި އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ސްޓޭޑިއަމްގައި ކަމަށާއި ވިލިމާލޭގައި އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ވިލިމާލޭ ބަނދަރު ސަރައްދުގަ ކަމަށެވެ.

އީދު ނަމާދަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލައަކާއި ފެންފުޅިއެއްގެ އިތުރުން ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ހިފައިގެން ދިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ނިންމި ނަމަވެސް މޫސުން ތަންނުދޭނަމަ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން ނޯންނާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ކޮވިޑްގެ ސަބަބުން ފާއިތުވި ދެ އަހަރު މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އީދު ނަމާދުކުރީ މިސްކިތްތަކުގައެވެ.