ޚަބަރު

ގްރީން ފަންޑަށް ފެބްރުއަރީ މަހު ލިބުނު އަދަދު ދަށަށް، ހޭދަކުރިވަރު ނުވަގުނަ އިތުރު

އަލީ ޔާމިން

ގްރީން ފަންޑަށް މިދިޔަ ފެބްރުއަރީ މަހު ލިބުނު އަދަދު ދަށަށް ދިޔަ ނަމަވެސް އެ ފަންޑުން ހޭދަކުރި އަދަދު އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ގްރީން ފަންޑުގެ ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ ފެބްރުއަރީ މަހު ގްރީން ފަންޑަށް ލިބިފައިވަނީ 91 މިލިއަން ރުފިޔާއެވެ. އޭގެ ކުރީ މަހު އެ ފަންޑަށް ލިބުނީ، 95 މިލިއަން ރުފިޔާއެވެ. ފެބްރުއަރީ މަހު ގްރީން ފަންޑުން ވަނީ 107 މިލިއަން ރުފިޔާ ބޭނުންކޮށްފައެވެ. އޭގެ ކުރީ މަހު ބޭނުންކުރީ 11.8 މިލިއަން ރުފިޔާއެވެ. މިއީ 9 ގުނައިގެ އިތުރުވުމެވެ.

ރިޕޯޓް ދައްކާ ގޮތުން، ފެބްރުއަރީ މަހުގެ ނިޔަލަށް ގްރީން ފަންޑުގައި ބާކީ ހުރީ، 75 މިލިއަން ރުފިޔާއެވެ.

ގްރީން ފަންޑުން މިދިޔަ ފެބްރުއަރީ މަހު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ށ. ކޮމަންޑޫއަށެވެ. އެގޮތުން އެރަަަށަށް 37 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ ފައިސާ ހޭދަކޮށްފައިވަނީ އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަަށެވެ. މިއީ ފަހުގެ ތާރީހެއްގައި ގްރީން ފަންޑުން ވަކި ރަށަށް މިހާބޮޑު ހޭދައެއް ކުރި ފުރަތަމަ ފަހަރެވެ.

ކުނީގެ މައްސަލަ ހައްލުކުރަން ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރު ނަގާއިރު ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރު ނަގައެވެ.