ރާއްޖޭގެ ބޭންކަކަށް ލޯނެއް ދިނުމާ ގުޅޭ ގޮތުން ވިސްނަމުން އަންނަ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ޕްރައިވެޓް ސެކްޓާ އޮޕަރޭޝަންސް އެންޑް ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ނައިބު ރައީސް އަޝޯކް ލަވާސާ ވިދާޅުވެއްޖެއެވެ.

ލަވާސާ އެހެން ވިދާޅުވީ, މެނީލާގައި ހުސްވި ހަފުތާ ތެރޭގައި ބޭއްވި ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިޔުޓީޓީސީ) ގްލޯބަލް ސަމިޓުގައި އިންޑިއާގެ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ވަކި ބޭންކެއްގެ ނަން ހާމަނުކޮށް އޭނާ ވިދާޅުވީ, އެ ލޯނުގެ ސަބަބުން ރާއްޖޭގެ އެންމެ ކުދި, ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރާނެ ކަމަށެވެ.

"(ރާއްޖޭގެ ބޭންކަށް ދޭ ލޯނުގެ) 60 ޕަސެންޓް ދާނީ މައިކްރޯ އަދި ކުދި ވިޔަފާރިތަކަށް. 10 ޕަސެންޓް ދާނީ އަންހެނުންނަށް," ދޭ އަދަދެއްވެސް ހާމަނުކޮށް ލަވާސާ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ, އޭޑީބީން ރާއްޖޭގެ ސަރުކާރާއި ޕްރައިވެޓް ސެކްޓާއަށްވެސް އެހީތެރިވަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިންފްރާސްޓްރަކްޗާ ޕްރޮމޯޓްކޮށް ޓޫރިޒަމް ކުރިއަރުވަން ސަރުކާރަށް އެހީތެރިވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.