ފުވައްމުލަކު ސިޓީގައި އިމާރާތްކުރާ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދު ހަވީރު ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ރާއްޖެއަށް ކުރިއެރުން ލިބެންއޮތީ ރަނގަޅު ޖީލެއް ބިނާކުރެވިގެން ކަމަށާއި އެކަމަށްޓަކައި އެކިއެކި އިލްމު އުގެނިގެން ތިބި ފަރާތްތަކުން މަސައްކަތް ކޮށްދިނުމަށް އެދޭ ކަމަށެވެ.
އެރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އެ މަރުކަޒުގެ ތެރެއިން މުސްތަގިއްލުކަމާއެކު މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށާއި އަދި އެ ސަރަހައްދުގެ މައި މަރުކަޒަކަށް އެތަން ހައްދަވައިދެއްވާނެ ކަމަށެވެ.
ނައިބު ރައީސް މިދިޔަ އޮކްޓޯބަރު މަހު ފުވައްމުލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ސިޓީގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތް ވަރަށް ފުރިހަމަ ގޮތެއްގައި ފެށިގެންދާނެ ކަމުގައި ވިދާޅުވެފައެވެ. އެ ސެންޓަރަކީ މުޅި އެ ސަރަހައްދަށްވެސް ފައިދާ ކުރުވަނިވި ތަނަކަށް ހައްދަވާނެކަމުގެ ޔަގީންކަން އެ ދަތުރުފުޅުގައި އެމަނިކުފާނު ދެއްވިއެވެ.
ފުވައްމުލަކު ސިޓީގައި ގާއިމްކުރާ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި ރިސެޕްޝަނާއި މީޓިން ރޫމްގެ އިތުރުން އޮޑިޓޯރިއަމަކާއި ލައިބްރަރީއެއް ހިމެނެއެވެ. މި އިމާރާތުގައި އޮފީސް ހިންގުމަށް ވަކިން ބަޔަކާއި ގުދަނާއި ފާހަނާވެސް ހިމެނޭއިރު ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސްރޫމާއި ނަމާދުކުރަން ކޮޓަރިއެއްވެސް ހިމެނޭނެއެވެ.
ޖުމްލަ 12 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ މި މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައިޒާ ޕްރައިވެޓް ލިމިޓެޑާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު