ރާއްޖެއަށް މީހުން ޓްރެފިކްކޮށް، ހަށިވިއްކުމުގެ ކުށުގައި ބިދޭސީއަކު 30 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ ދެ މައްސަލައިގައި ކުރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކޮށްފައި ވަނީ، ބަންގުލަދޭޝް ރައްޔިތެއް ކަމަށްވާ މޮނީރުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ ދެ ދައުވާ ވަކިންނެވެ.

މީހުން ޓްރެފިކްކުރުމުގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ)އާއި ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުންނެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ، އެ ކުށުގެ އުގޫބާތެއްގެ ގޮތުން މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ)ގެ 14 ވަނަ ނަންބަރުގެ ދަށުން މޮނީރު 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކަނޑައަޅާ ކަމަށެވެ.

ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން މޮނީރު ތަންފީޒުކުރަންޖެހޭ ހުކުމުގެ މުއްދަތަކީ 12 އަހަރާއި އެއް މަހާއި ތިން ދުވަސްކަމަށް ކަނޑައަޅައި ހުކުމްކުރާ ކަމަށް އެ ހުކުމުގައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގައި ބުނަނީ، ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ޝަރީއަތުން ހުކުމްކުރަންދެން ދައުވާ ލިބޭ މީހާ ބަންދުގައި ހުންނަ ހާލަތުގައި، ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމުގައިވާ އަދަބަކީ ބަންދުކުރުން ކަމުގައިވާ ނަމަ، ހުކުމްކުރަންދެން ބަންދުގައި ހުރި މުއްދަތު، ހުކުމުގެ މުއްދަތުން ކަނޑަންވާނެ ކަމަށެވެ.

އެހެންކަމުން މޮނީރު ތަންފީޒު ކުރަންޖެހޭ މުއްދަތުގެ ގޮތުގައި 12 އަހަރާއި އެއް މަހާއި ތިން ދުވަސްކަމަށް ކަނޑައަޅާފައިވަނީ އެ މައްސަލައާ ގުޅިގެން އޭނާ ބަންދުކޮށްފައި ހުރި މުއްދަތު ކެނޑުމަށްފަހުގައެވެ.

ރާއްޖޭގައި މީހަކު ލައްވާ ހަށިވިއްކުވުމުގެ ކުށުގައި މޮނީރުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ، ޖިންސީ ކުށުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ދަށުންނެވެ.

އެ މައްސަލަ މޮނީރުގެ މައްްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުން، ޖިންސީ ކުށުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ރ)ގެ ދަށުން މޮނީރު 15 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކުރިއެވެ.