ހިޔާނާތުގެ 42 ދައުވާއެއް ކޮށްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލައިގެ ހުކުމްކުރުން އާދިއްތަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.
އެމައްސަލައިގެ ޝަރީއަތް ތާވަލުކޮށްފައިވަނީ ހެނދުނު 11:00 އަށެވެ.
ހިޔާނާތުގެ ގިނަ މައްސަލަތަކެއް ހުށަހެޅިފައިވާތީ އެ މައްސަލަތައް ނިމެންދެން އޭނާ ބަންދުކުރުމަށް ހުށަހެޅުމުން، ކުރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ. އެގޮތުން ތިންވަނަ ފަހަރަށް އައްމަޓީ ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ކުރިމިނަލް ކޯޓުގެ އެ ހުކުމް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން އިސްތިއުނާފަށް ހައިކޯޓަށް ހުށަހެޅީ އެމަހުގެ 23 ވަނަ ދުވަހުއެވެ.
އޭނާ ދޫކޮށްލާ ކޮންމެ ފަހަރަކު ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައެވެ. އެއިން ކޮންމެ ފަހަރަކު ކުރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، އޭނާ ބަންދުކުރަން ހައިކޯޓުން އަމުރު ކުރިއެވެ. އެގޮތުން އެންމެ ފަހުން އޭނާ ބަންދުކުރަން ހައިކޯޓުން އަމުރު ކުރީ، 15 ނޮވެމްބަރު 2021 ގައެވެ. އެއީ އެފަހަރު ކަފާލާތުގެ ދަށުން ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުންނެވެ. އެފަހަރު އައްމަޓީ ދޫކޮށްލީ، އޭނާގެ އަންހެން ދައްތަ އާއި ކޮއްކޮ ޖާމިނުވާ ގޮތަށެވެ. ނަމަވެސް އެންމެފަހުން އައްމަޓީ ދޫކޮށްލައިގެން ހައިކޯޓަށް ހުށަހެޅި މައްސަލަ، އިޖުރާއީ ގޮތުން ބެލެން ނެތްކަމަށް ކަނޑައަޅައި އެކޯޓުން ވަނީ ބޭރުކޮށްލައިފައެވެ.
އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން ދައުލަތުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ސުޕްރީމް ކޯޓުން މިހާރު ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފައެވެ.
އެ މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ސުޕްރީމް ކޯޓުން ވަނީ، އައްމަޓީއަކީ ކުށްވެރިއެއްގެ ގޮތުގައި ސިފަވާ ގޮތުން ވާހަކަ ދެއްކުން މަނާކޮށް އަމުރެއް ނެރެފައެވެ.
ސުޕްރީމް ކޯޓުން އެގޮތަށް އަމުރުކުރީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު، އައްމަޓީގެ މައްސަލައިގައި ކޯޓާއި ފަނޑިޔާރުންގެ ހައިބަތަށް އުނިކަން ލިބޭ ގޮތަށް ސޯޝަލް މީޑިއާ އާއި ޓުވީޓާ އާއި އަމިއްލަ ބްލޮގްތަކުގައި ލިޔަމުންދާތީ އައްމަޓީގެ ދިފާއީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަމުރަކަށް އެދުމުންނެވެ.
މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު، މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއެވެ. މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.
ދައުލަތުން އައްމަޓީގެ މައްޗަށްކުރާ ހިޔާނާތުގެ 42 ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު