ފުވައްމުލަކުގައި ސަފާރީތަކުން ނަގާ ފީ ކުޑަކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން އެސިޓީގެ ކައުންސިލުން ފާސްކޮށްފިއެވެ.
މިމަހުގެ 10 ވަނަ ދުވަހު ފުވައްމުލަކު ކައުންސިލުން ފާސްކޮށްފައިވަނީ އެސިޓީގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ 500 ޑޮލަރަށް ބޮޑު ކުރުމަށެވެ.
ކައުންސިލްގެ އެ ނިންމުމާ ގުޅިގެން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އާއި ފުވައްމުލަކުގައި ޓޫރިޒަމް ވިޔަފާރީކުރާ ފަރާތްތަކުގެ ފާޑު ކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ. އެހެންވެ ސިޓީ ކައުންސިލުން ވަނީ މިމަހުގެ 11 ވަނަ ދުވަހު ސަފާރީތަކުން ތަފާތު ދެ އަގެއް ނަގަން ނިންމައިފައެވެ.
އެއީ 100 ފޫޓަށް ވުރެ ކުޑަ ސަފާރީތަކުން ދުވާލަކަށް 150 ޑޮލަރާއި 100 ފޫޓަށް ވުރެ ދިގު ސަފާރީތަކުން ދުވާލަކަށް 200 ޑޮލަރެވެ. އެ ނިންމުމަށް އަމަލުކުރަން ޖެހެނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.
ނަމަވެސް މިއަދު ފުވައްމުލަކު ސިޓީ ކައުންސިލުން ބޭއްވި ކުއްލި ޖަލްސާއެއްގައި ނިންމާފައިވަނީ އެ ނިންމުމަށް އަމަލުކުރުން ފަސް ކުރުމަށެވެ.
ފުވައްމުލަކު ސިޓީ މޭޔަރު އިސްމާއީލް ރަފީގު މިރޭ "ވަން" އަށް ވިދާޅުވީ ސަފާރީތަކުން ނަގާ ފީ ކުޑަ ކުރަން ކުރިން ފާސްކުރި ނަމަވެސް މިހާރު އެނިންމުމަށް އަމަލުކުރަން ފަސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ނަގަމުންދަނީ ދުވާލަކަށް 500 ޑޮލަރު ކަމަށެވެ.
ސަފާރީތަކުން މީގެ ކުރިން ނަގަމުން އައީ ދުވާލަކަށް 50 ޑޮލަރެވެ. ސިޓީ ކައުންސިލުން އެ އަދަދު 500 ޑޮލަރަށް ބަދަލުކުރަން ނިންމީ، އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ގުޅިގެން އެކަން ހައްލުކުރުމަށް ކުރި މަޝްވަރާތަކުގެ ތެރެއިންނެވެ.
ކައުންސިލުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ބަނދަރުގެ ޖާގަ ކުޑަވެ، ބައެއް ފަހަރު އެރަށުގެ އުޅަނދުފަހަރަށް ވެސް ފަޅަށް ނުވަދެވޭ ހާލަތަށްދާ ކަމަށާއި އެ ނިންމުމަކީ ބަނދަރުގެ މައްސަލައަށް ހައްލެއް ލިބެންދެން ނިންމި ނިންމުމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު