ކީރިތި ގުރުއާންގެ ވަރަށް ގިނަ އާޔަތްތަކުގައި މާތް ﷲ މަދަހައިގެ ބަސް ވަހީ ކުރައްވާފައިވެއެވެ.
އެގޮތުން، ހަމަ ކަށަވަރުން ﷲ ވޮޑިގެން ވަނީ ކެތްތެރިންނާއި އެކުގައިކަން ކީރިތި ގުރުއާނުގެ އާޔަތެއްގައި އެކަލާނގެ ވަހީކުރައްވާފައިވެއެވެ. ދިރިއުޅުމުގެ ހަޔާތުގައި ކޮންމެ މީހަކަށްވެސް ކެތްތެރިވާން ޖެހޭކަމެއް، ނުވަތަ ޝުކުރުވެރިވާން ޖެހޭ ކަމެއް، ދިމާވާނެއެވެ.
އެއީ މުސީބާތެއް، ނުވަތަ އުފާކުރަންޖެހޭ ކަމެކެވެ.
އެހެންކަމުން މި ދެހާލަތުގައި ވެސް މުއުމިނުންނަކީ މިސާލެކެވެ. އެކަން ފާހަގަ ކުރައްވައިި، މުއުމިނުންގެ ކަންކަން އަޖާއިބެއްފަދައޭ، ކީރިތި ރަސޫލާގެ ހަދީސްބަސްފުޅެއްގެ މާނާގައިވެއެވެ.
މުއުމިނަކަށް އުފާވެރިކަމެއް ދިމާވެއްޖެނަމަ ޝުކުރުވެރިވެއެވެ. އަދި މުސީބާތެއް ކުރިމަތިވެއްޖެނަމަ ކެތްތެރިވެއެވެ. އެހެންކަމުން އަޅުގަނޑުމެނަށް ދިމާވާ މުސީބާތުގެ ވަގުތުގައި ކެތްތެރިކަން އިސްކޮށް، ނިއުމަތްތަކަށް ޝުކުރުވެރިވުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މުސީބާތުގެ ވަގުތުގައި ކެތްތެރިވުމުގެ ރީތި ނަމޫނާ ކީރިތި ރަސޫލާ ސައްލަﷲ އަލައި ވަސައްލަމަ އަޅުގަޑުމެންނަށް ވަނީ ދައްކަވައިފައެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅުގައި، އެކަލޭގެފާނުގެ އެތައް ދަރިކަލުންނެއް، އަދި އެތައް ދަރިކަނބަލުންނެއް ދުނިޔެ ދޫކުރެއްވިއެވެ. އެހެން ނަމަވެސް ކީރިތި ރަސޫލާ ސައްލަﷲ އަލައި ވަސައްލަމަ ވެގެންގޮސްފައިވަނީ ވަރަށް ކެތްތެރި، އެފަދަ ހާލަތްތަކުގައި ވެސް ރަނގަޅު ނަމޫނާ ދެއްކެވި ބޭކަލަކަށެވެ.
އެހެންވީމާ، މި ދުނިޔެއަކީ އިމްތިހާނެއްކަމުން، އަޅުގަނޑުމެންގެ ހަޔާތުގައިވެސް މި ދުނިޔޭގައި ދިމާވާނެ ތަފާތު ކަންތައް، އެ ހުރިހާ މުސީބާތްތަކެއް ވެސް އަދި އެ ހުރިހާ ހިތްހަމަނުޖެހުންތަކާވެސް ކުރިމަތިލާންވާނީ ވަރަށް ކެތްތެތެރިކަމާއެކުގައެވެ. އަދި މުސީބާތްތަކުގެ ފުރަތަމަ ވަގުތު ކެތްތެރިވުމަށް އިސްލާމްދީން ތަރުހީބު ދެއެވެ. އެއީ ފުރަތަމަ ވަގުތު ކެތްތެރިވެއްޖެނަމަ ފަހުންވެސް ކެތްތެރެިވާން އެމީހަކަށް ފަސޭހަ ވެގެންދާނެތީއެވެ.
ދުއާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް މި ދުނިޔޭގެ އިމްތިހާނުގައި ދިމާވާ އެންމެހާ ހިތްހަމަނުޖެހުންތަކަކަށް ކެތްތެރިވާ ބައެއްގެ ގޮތުގައި ﷲ ސުބުހާނަހޫ ވަތައާލާ މިންވަރު ކުރެއްވުމެވެ.
މެސެޖު ދެއްވީ: ޑރ. އަނާރާ ނައީމް / އިލްމު އިންސްޓިޓިއުޓް
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު