އދ. ހަންޏާމީދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލާފައިވާ ކަމަށް މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން މިއަދު ބުނީ ހަންޏާމީދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ފެނުގެ ނިޒާމުގައި ހިމެނޭ 4.91 ކިލޯމީޓަރު ދިގު ފެންހޮޅީގެ މައި ނެޓްވޯކުގެ ހޮޅި ވަޅުލުމުގެ މަސައްކަތާއި ބޯހޯލް ތޮރުފުމުގެ މަސައްކަތާއި އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގެ މަސައްކަތުގެ އިތުރުން ފެން ރައްކާކުރާ ތާންގީގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު މުޅިން ނިންމާލާފައިވާ ކަމަށް ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިންގެ ބޮޑު ބައެއްވެސް މިހާރު ނިމިފައިވާ ކަމަށް އެމްޑާބްލިއުއެސްސީން ބުންޏެވެ.

އޭގެ އިތުރުން ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި ގޭގެގައި ފެން މީޓަރު ބަހައްޓައިދިނުމާއި ފެނުގެ ކަނެކްޝަން ގުޅައިދިނުމާއި ފެނުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖެނެރޭޓަރު ސެޓާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާނެ ސާމާނު ފޯރު ކޮށްދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް ފެން ކުންފުންޏާއި ހަވާލުކޮށްފައިވަނީ 21.65 މިލިއަން ރުފިޔާއަށެވެ.