އއ. މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ.

މާޅޮހު ބަނދަރު މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތް މިދިޔަ މާޗު މަހު އެމްޓިސީސީން ވަނީ ނިންމާލައިފައެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 56.9 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ފަސް ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

އަދި 56 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަަސައްކަތްވެސް ހިމެނެއެވެ.