ކޮވިޑުގެ ބަލިމަޑުކަމަށްފަހު އޭޝިއާ ގައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ކުރިއަރާނީ ރާއްޖޭގެ އިގުތިސޯދު ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން އިއްޔެ ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑަށްފަހު އޭޝިއާ ގައުމުތަކުގެ ތެރެއިން އެންމެ ބާރަށް ކުރިއަރާނީ ޗައިނާ، އިންޑިއާ އަދި ރާއްޖޭގެ އިގުތިސޯދު ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ، އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގުތިސޯދު ކޮވިޑު-19ގެ ކުރިން ހުރި މިންވަރަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވޯލްޑް ބޭންކުން ލަފާކޮށްފައިވަނީ މިއަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ 7.6 ޕަސެންޓަށް އަދި އަންނަ އަހަރު 10.2 ޕަސެންޓަށް ކުރިއަރާނެ ކަމަށެވެ.

"ފަތުރުވެރިކަން ބާރަށް ކުރިއެރުވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު އިއާދަވާ މިންވަރު މައްޗަށް ދާނެ ކަމަށް ބެލެވޭ އިރު، 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އިގުތިސޯދު ކޮވިޑުގެ ކުރިން ހުރި މިންވަރަށް ދާނެ ކަމަށް ލަފާކުރެވޭ،" ވޯލްޑް ބޭންކުން ބުންޏެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނީ ރާއްޖޭގެ އިގުތިސޯދު ކުރިއަރާނެ ކަމަށް ބެލެވުނަސް، ބޭރު ދަރަނީގެ ސަބަބުން ރާއްޖެ ވަނީ ނާޒުކު ހާލަތެއްގައި ކަމަށާއި އެހެންކަމުން ރާއްޖެއިން ދަރަނި މެނޭޖްކުރުން ކޮންމެހެން ވެސް މުހިންމު ކަމަށެވެ. އަދި ރާއްޖެއިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނިތައް އިގުތިސޯދު ކުރިއަރާ މިންވަރަށް ވުރެ މަތިވުމުގެ ކަންބޮޑުވުންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން ރާއްޖޭގައި ހިންގާ ގިނަ މަޝްރޫއުތައް ހިންގަނީ ބޭރުގެ ފަރާތްތަކުން ދަރަންޏަށް ފައިސާ ނަގައިގެން ކަމަށް ވާތީ، އޭގެ ބަދަލުގައި ދިގު މުއްދަތުގައި ފައިދާވާނޭ އިގުތިސޯދީ މަޝްރޫއުތައް ހިންގުމަށްވެސް ވޯލްޑް ބޭންކުން ވަނީ ގޮވާލައިފައެވެ.

އެކި ގައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގައި އިންފްލޭޝަން މަތިވަމުންދާ އިރު، ހަކަތައިގެ ބާވަތްތަކުގެ އަގު ވެސް އުފުލޭނެ ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސޯދަކީ އިމްޕޯޓަށް ބަރޯސާވެފައިވާ އިގުތިސޯދަކަށްވުމުން އެކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާނެ ކަމަށްވެސް ރިޕޯޓުގައި ބުންޏެވެ.

"މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނެފައިވަނީ، ރާއްޖެއަކީ ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމެއް ކަމަށާއި އަދި އެހެން ދާއިރާތަކަށް އިގުތިސާދު ފުޅާކުރަން ހުރި ފުރުސަތުތައް ހަނިވުމަކީ ވެސް ރާއްޖޭގެ އިގުތިސޯދަށް ދިމާވާ ގޮންޖެހުމެއް ކަމަށެވެ.

ރާއްޖޭގެ އިގުތިސޯދާ ގުޅޭގޮތުން ވޯލްޑް ބޭންކުން ނެރެފައިވާ ރިޕޯޓުގައި ހުރި ކަންކަން އޭޝިއަން ޑިވަލޮޕްމަންޓް ބޭންކު (އޭޑީބީ)އިން މިމަހުގެ ދިހަވަނަ ދުވަހު ނެރުނު އޭޝިއަން ޑިވަލޮޕްމަންޓް އައުޓްލުކްގައި ވެސް ފާހަގަކޮށްފައިވެއެވެ.

އޭޝިއަން ޑިވަލޮޕްމަންޓް އައުޓްލުކްގައި ބުނެފައިވަނީ، ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ދިހަ ޕަސަންޓު ދަށަށް ދާނެ ކަމަށެވެ.

ރާއްޖޭގެ އިގުތިސޯދީ ދުވެލި 11 ޕަސަންޓުން ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާ އިރު، މުދަލުގެ އަގު އުފުލޭނެ ކަމަށް އޭޑީބީން ލަފާކުރެއެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ތިން ޕަސެންޓަށް އުފުލޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ލަފާކޮށްފައިވާ 2.6 ޕަސަންޓަށް ވުރެ މަތީ އަދަދެކެވެ.

ރާއްޖޭގެ އިންފްލޭޝަން ރޭޓު މައްޗަށްދާނެ ކަމަށް ލަފާކޮށްފައިވާ މައިގަނޑު ސަބަބަކީ މިމިމަމް ވޭޖާއި ތެލުގެ އަގު އުފުލުމެވެ.