ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ އިތުރު ކުރުން ލަސްވާ މައްސަލައިގައި ސުވާލުކުރުމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.
ރާއްޖޭގެ ދެކުނުގައި މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، މަސް ކިރުވާ އަދަދު އިތުރުވެ މަސްކިރަން ކިއުގައި ތިބި ދޯނިތައް އިތުރުވުމުން މިފްކޯއިން މަސް ގަންނަ އަދަދު މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ވަނީ ލިމިޓްކޮށްފައެވެ.
އެކަމާ ހިތްހަމަނުޖެހިގެން މިއަދު ހެނދުނުން ފެށިގެން ގިނަ އަދަދެއްގެ އަންނަނީ ކޫއްޑޫގައި ހިތްހަމަ ނުޖެހުން ފާޅުކޮށް ހަޅުތާލު ކުރަމުންނެވެ. އަދި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތަކަށްވެސް މަސްވެރިން އަންނަނީ ހުރަސް އަޅަމުންނެވެ.
މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހުށަހަޅާފައިވަނީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ. އޭނާ، މިނިސްޓަރާ ކުރެއްވުމަށް ހުށަހެޅުއްވީ ހަތަރު ސުވާލެކެވެ.
- ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމާއި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެތޯ؟
- މަސްވެރިން ބާން މަސް ކޫއްޑުއަށް ލިބޭތަނުން ތާޒާކަމާއެކު ވަގުތުން ދަޅުގައި ބަންދުކޮށް ހަރަދު ކުޑަކޮށް ޕްރޮސެސް ކުރުމަށް ކޫއްޑޫގައި ކޭނިން ފެކްޓަރީއެއް ގާއިމު ނުކުރެވިގެން އުޅެނީ ކީއްވެތޯ؟
- އެކަމަށް އެއްވެސް މަސައްކަތެއް މިހާތަނަށް މިނިސްޓުރީން ކޮއްފައިވާނެތޯ؟
- މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްނުކިރޭ މައްސަލައަށް އެކަށީގެންވާ ހައްލެއް ގެނައުމަށް ކުރެވެމުންދަނީ ކޮން މައްސައްކަތެއްތޯ؟
މި ވަގުތު ކޫއްޑޫގެ މަސް ރައްކާކުރުމުގެ ކެޕޭސިޓީއަކީ 2،000 ޓަނެވެ. އެހެންވެ ގިނަ މަސްދޯނިތަކެއް ހަތަރެއް ނުވަތަ ފަސް ދުވަހުވެސް ކިޔޫގައި މަޑުކޮށްގެން ތިބެން ވަނީ ޖެހިފައެވެ.
ދެކުނުގެ މަސްކިރުވުމުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ވަނީ ކޫއްޑޫ ފެސިލިޓީގައިވެސް 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމަށް ނިންމައިފައެވެ. މީގެ އިތުރުން ފެލިވަރުގައި 4000 މެޓްރިކް ޓަނުގެ އާ ކޯލްޑް ސްޓޯރޭޖަކާއި ކަނޑުއޮތްގިރި ފެސިލިޓީގައި 200 ޓަނު، ގދ. ތިނަދޫގައި 1،000 ޓަނު އަދި މ. މުލަކުގައި 500 ޓަނުގެ އާ ކޯލްޑް ސްޓޯރޭޖު ގާއިމު ކުރުމަށް ވަނީ ނިންމައިފައެވެ.
ސަރުކާރުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ފެލިވަރާއި ކޫއްޑޫއާއި ކަނޑުއޮތްގިރި ފެސިލިޓީ އަޕްގްރޭޑްކޮށް، ތިނަދުއާއި މުލަކުގައި އާ ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކޮށް ނިމުމުން މިފްކޯއަށް މަސްގަނެވޭ މިންވަރު ދުވާލަކަށް 61 ޕަސަންޓް އިތުރުކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިފްކޯއިން އަންނަނީ، މަސްވެރިންނަށް އައިސް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށް 15 ރަށެއްގައި އައިސްޕްލާންޓް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ދެ ރަށެއްގައި އައިސްޕާންޓް ހަދައި، އެތަނުގެ ހިދުމަތް ވަނީ ދޭން ފަށައިފައެވެ.
މިފްކޯއިން ވަނީ މަސްވެރީންނަށް މަސްކިރުވުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން އެ ކުންފުނީގެ ސްޓޯރޭޖު ކެޕޭސިޓީ އިތުރުކޮށް، މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގަނެ އަދި ފިނިކޮށް ރައްކާކުރުން ހަރުދަނާކުރުމަށް ދުވާލަކު 100 ޓަނު މަސް ފިނިކުރެވޭ އަދި 300 ޓަނު މަސް ސްޓޯރު ކުރެވޭ ބޯޓަކާއި މަސް އެސްޕޯޓްކުރުމަށް 2،400 ޓަނުގެ ރީފާ ކެރިއަރެއް ރާއްޖެ ގެނެސްފައެވެ.
މިދުވަސްވަރު މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައި ވާތީ، މަސް ކިރުމަށް ބޭރުން ބޮޑު ބޯޓެއް ގެންނަން މަސައްކަތް ކުރާ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު