މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މިދުވަސްވަރު މަދުވީ ކަމުގައިވީނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން އާންމުކުރި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތަކާ ގުޅޭ ރިޕޯޓުގައި ބުނެފައިވަނީ ވޭތިވެދިޔަ އަހަރުގެ މިދުވަސްވަރާއި އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކުރި މީހުންގެ އަދަދު އެވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. އަދި މިދުވަސްވަރު މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެހެން ނަމަވެސް ޑެންގޫ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މިދިޔަ އަހަރާ އަޅައި ބަލާއިރު މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކުރި މިންވަރު އިތުރުވެފައިވީނަމަވެސް ފެބުރުއަރީ މަހާއި އަޅައިބަލާއިރު މާޗު މަހުގައި ރިޕޯޓު ކުރި މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.
އެގޮތުން މިއަހަރުގެ ފެބުރުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން 16125 މީހަކު ރިޕޯޓު ކޮށްފައިވާއިރު މާޗު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވަނީ 14399 މީހުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އޭގެ އިތުރުން އިންފުލުއެންޒާއަށް ޝައްކު ކުރެވިގެން މާޗު މަހު ޓެސްޓު ކުރެވުނު އަދަދު ފެބުރުއަރީމަހަށްވުރެ އިތުރުވީނަމަވެސް ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެއް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.
ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލި ރިޕޯޓުކޮށްފައިވާ މިންވަރު މިދިޔަ އަހަރަށްވުރެ މިއަހަރު އިތުރުވެފައިވީނަމަވެސް މިއަހަރުގެ ފެބުރުއަރީ މަހާ އަޅައި ބަލާއިރު މި ބަލި ރިޕޯޓު ކުރި މިންވަރު މާޗު މަހު ދަށްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެގޮތުން ފެބުރުއަރީ މަހު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވަނީ 2739 މީހުންނެވެ. އަދި މާޗު މަހު ރިޕޯޓު ކޮށްފައިވަނީ 2063 މީހުންނެވެ.
ޚަބަރު
ޚަބަރު