ހިޔާ ފްލެޓުތަކުގެ މަހު ކުލި 6،600 ރުފިޔާއަށް ކުޑަކުރާ ނަމަ، އެ މަޝްރޫއަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގާފައިވާ ލޯނު ދައްކަން އިތުރު 9.2 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ މިއަދު ވިދާޅުވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް މިހެން ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ ކުލީގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތުދެއްވަމުންނެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މައުލޫމާތުދެއްވަމުން އޮޑިޓާ ޖެނެރަލް ވިދާޅުވީ، އެޗްޑީސީން މިހާތަަނަށް 700 މިލިއަން ޑޮލަރު (10.7 ބިލިއަން ރުފިޔާ) ގެ ނޯނު ނަގާފައިވާ އިރު، އޭގެ ތެރެއިން 400 މިލިއަނެއްހާ ޑޮލަރު (ހަ ބިލިއަން ރުފިޔާ) އަކީ ހިޔާ މަޝްރޫއަށް ނަގާފައިވާ ލޯނު ކަމަށެވެ.

އެހެންކަމުން ސާވިސް ފީއާއެކު ފްލެޓެއްގެ މަހު ކުއްޔަށް އެޗްޑީސީން ފުރަތަމަ ކަނޑައެޅީ 11،000 ރުފިޔާ ކަމަށާއި އޭރުންވެސް، މުޅި ޕްރޮޖެކްޓްގެ ތެރެއިން އެޗްޑީސީއަށް ލިބޭނީ ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުން ސަބްސިޑައިޒްކޮށްގެން ފްލެޓުތަކުގެ އަގު މިހާރު 8،500 ރުފިޔާއަަށް ބަދަލުކުރުމުން 138 މިލިއަނުގެ ކޭޝް ފްލޯގެ ޑެފިސިޓެއް މުޅި ޕްރޮޖެކްޓްގެ މުއްދަތުގައި ކުރިމަތިވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި 6،600 ރުފިޔާއަށް އަގު ކުޑަކޮށްފި ނަމަ، 9.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ދައްކާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓެއްގެ އަގަށް 25 އަހަރަށް މަހަކު 7،500 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ސަރުކާރުން މިހާރު ހަމަޖައްސާފައިވާ އިރު، ލޯނު ދެއްކުމަށް ސަރުކާރުގެ ބަޖެޓުން އިތުރަށް 3.2 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ލޯނު ރަނގަޅަށް މެނޭޖު ނުކޮށްފިނަމަ އެޗްޑީސީއަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެއީ ވަރަށް ރަނގަޅަށް މެނޭޖްކުރަން ޖެހޭނެ ޕްރޮޖެކްޓެއް ކަމަށާއި މިހާރުވެސް 30 ޕަސެންޓް ލޯނު ޑިފޯލްޓްގައި އެބައުޅޭ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ހިޔާ ފްލެޓުގެ މަހު ކުއްޔަށް 5،600 ރުފިޔާ ކަނޑައަޅާފައިވަނީ ނުބައިކޮށް ހިސާބު ޖަހައިގެން ކަމަށެވެ.

މީގެ ކުރިން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ތަކުރާރުކޮށް އެހެން ވިދާޅުވެފައެވެ. އަސްލަމް ވިދާޅުވީ، ކުރީ ސަރުކާރުން އެ އަގު ކަނޑައަޅާފައި ވަނީ، ބިމުގެ އަގާއި އެތަނުގެ އެހެން ހިދުމަތްތަކުގެ އަގު ވެސް ނުހިމަނައި ކަމަށެވެ. އަދި ލޯނު ދައްކަން ޖެހޭ މުއްދަތުގައި އޮންނަ އިންޓަރެސްޓް ވެސް އޭގެ ތެރޭގައި ހިމަނާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވީ، އެޗްޑީސީން މިހާރު މަސައްކަތްކުރަނީ 200-300 މިލިއަން ޑޮލަރުގެ ބޮންޑް އިޝޫކުރުމަށް ކަމަށާއި އެނޫން ގޮތަކަށް އެޗްޑީސީގެ ކޭޝް ފްލޯގެ ކަންކަން ހަމަޖެއްސިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެހެންކަމުން ފްލެޓު ގަތް މީހުން ވެސް ކަނޑައެޅިފައިވާ ގޮތަށް ފައިސާ ދައްކަން ޖެހޭނެ ކަމަށާއި، އެހެންނޫންނަމަ އެޗްޑީސީއަށް މާލީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށްވެސް ވިދާޅުވިއެވެ.