އޭޝިއާގެ ގައުމުތަކާއި ފެސިޕިކުގެ ޖަޒީރާ ގައުމުތައް ހިމެނޭ ގޮތަށް މި އަހަރު އެންމެ ބާރު ދުވެލީގައި ކުރިއަރާނީ ރާއްޖޭގެ އިގްތިސޯދު ކަމަށް އޭޝިއަން ޑިވަލޮޕްމަންޓް ބޭންކު (އޭޑީބީ)އިން ލަފާކޮށްފިއެވެ.
ކޮންމެ އަހަރަކު އޭޑީބީން ނެރޭ އޭޝިއަން ޑިވަލޮޕްމަންޓް އައުޓްލުކްގައި ހިމަނާފައިވާ 49 ގައުމުގެ ތެރެއިން ދެ ޑިޖިޓުގައި ކުރިއަރާނެ ކަމަށް ލަފާކުރާ ހަމައެކަނި އިގުތިސޯދަކީ ވެސް ރާއްޖެ އެވެ. އެގޮތުން ރާއްޖޭގެ އިގްތީސޯދު 11 ޕަސަންޓުގައި ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިގްތިސޯދީ ދުވެލި އެންމެ ދަަށްވާނެ ކަމަށް ލަފާކޮށްފައިވަނީ މިޔަންމާއެވެ. އެއީ 0.3- ޕަސަންޓުންނެވެ. އަދި ޕެސިފިކްގެ ގައުމުތަކުން އިގްތިސޯދީ ދުވެލި އެންމެ ދަށްވާނެ ކަމަށް ލަފާކޮށްފައިވަނީ ސޮލޮމޮން އައިލެންޑްސްއެވެ. އެއީ 3.0- ޕަސަންޓުންނެވެ.
ރާއްޖޭގެ އިގްތިސޯދީ ދުވެލި ބާރުވާނެ ކަމަށް އޭޑީބީން ލަފާކުރި ނަމަވެސް ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ދިހަ ޕަސަންޓު ދަށަށް ދާނެ ކަމަށް އެ ބޭންކުން ލަފާ ކުރެއެވެ. މިއަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވަނީ ރާއްޖެއަށް 1.6 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ.
އޭޑީބީން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިގްތިސޯދީ ދުވެލި ބާރުވާނެ ކަމަށް ލަފާކުރުމުގެ އެއް ސަބަބަކީ، ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތް ކުރިއަރަމުން އަންނާތީއެވެ.
ރާއްޖޭގެ އިގްތިސޯދީ ދުވެލި 11 ޕަސަންޓުން ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މުދަލުގެ އަގު އުފުލޭނެ ކަމަށް އޭޑީބީން ލަފާކުރެއެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން (މުދަލުގެ އަގު އުފުލޭ ނިސްބަތް) ތިން ޕަސެންޓަށް އުފުލޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ، އެމްއެމްއޭއިން ލަފާކޮށްފައިވާ 2.6 ޕަސަންޓަށް ވުރެ މަތީ އަދަދެކެވެ.
ރާއްޖޭގެ އިންފްލޭޝަން ރޭޓު މައްޗަށްދާނެ ކަމަށް ލަފާކޮށްފައިވާ މައިގަނޑު ސަބަބަކީ، މިމިމަމް ވޭޖާއި ތެލުގެ އަގު އުފުލުމެވެ.
ރާއްޖޭގެ އިންފްލޭޝަން ރޭޓު ތިން ޕަސަންޓަށް އިތުރުވާނެ ކަމަށް ލަފާކުރި ނަމަވެސް، ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތަކާ އަޅައި ބަލާއިރު ރާއްޖޭގެ އިންފްލޭޝަން ރޭޓު މަތިވާ މިންވަރު ކުޑައެކެވެ. އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ކުޑަ އިންފްލޭޝަން ރޭޓެއް އޮންނާނެ ކަމަށް ލަފާކޮށްފައިވަނީ ބުރުނާއީގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު