ފުވައްމުލަކު ސިޓީއަށް ބަނދަރުކުރާ ކޮންމެ ސަފާރީއަކުން، ކޮންމެ ދުވަހަކަށް 500 ޑޮލަރު ނަގަން ނިންމައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިމަހުން ފެށިގެން އެ ސިޓީގެ ބަނދަރަށް ވަންނަ ކޮންމެ ސަފާރީއަކުން ކޮންމެ ދުވަހަކަށް 500 ޑޮލަރު ނަގަން މިދިޔަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވި، އެ ކައުންސިލްގެ 33 ވަނަ އާއްމު ޖަލްސާއިން ނިންމާފައިވާ ކަމަށެވެ. އަދި މި މަހުން ފެށިގެން އެ އަދަދު ސަފާރީތަކުން ނަގާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ މެދު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ފިކުރީ "ވަން" އަށް މިއަދު ވިދާޅުވީ، ސަފާރީތަކުން 500 ޑޮލަރުގެ ފީއެއް ނެގުމާ ދެކޮޅަށް، އެ ނިންމުން ނިންމި ޖަލްސާގައި ތިން ކައުންސިރަލަކު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި ކަމަށެވެ. އަދި ފުރަތަމަ ހުށަހެޅީ، އެއްވެސް ސަފާރީއަކަށް ނުވަދެވޭ ގޮތަށް ނިންމުމަށް ކަމަށާއި ނަމަވެސް ފީއެއް ނަގާ ގޮތަށް ފަހުން އެ ނިންމުން ބަދަލު ކުރީ ކަމަށް ވިދާޅުވިއެވެ.
"އަންނަ ކޮންމެ ފަތުރުވެރިޔަކު އަތުން އެންޓަރެންސް ފީއެއް ނެގުމަށްވެސް ފުރަތަމަ ހުށަހެޅި. ނަމަވެސް އެ ހުށަހެޅުން ބަލައިނުގަތީ. ދެން އުޅުނީ ބޭން ކުރަން. އެގޮތްވެސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. އެހެންވެ، ފަހުން އަގުތައް އަލުން ރިވައިސްކުރާ ގޮތަށް 500 ޑޮލަރުގެ ޗާޖެއް ނެގުމަށް ނިންމީ." ފިކުރީ ވިދާޅުވިއެވެ.
ފިކުރީ ވިދާޅުވީ، ސަފާރީތަކުން ކޮންމެ ދުވަހަކަށް 500 ޑޮލަރުގެ ޗާޖެއް ނެގުމަކީ ބޮޑު އަދަދެއް ކަމަށާއި އެ އަދަދު ދަށް ކުރަން ޖެހޭ ކަމަށެވެ.
ކޮންމެ ސީޒަނެއްގައި ފުވައްމުލަކު ސިޓީއަށް ފަހެއް ނުވަތަ ހަތް ސަފާރީ ބަނދަރު ކުރެއެވެ. ބައެއް ސަފާރީތައް ހަފްތުއެއް ވަންދެންވެސް ބަނދަރުކޮށްފައި އޮވެއެވެ.
ސަފާރީ ބޯޓުތައް ރަށަކަށް ބަނދަރުކުރާނަމަ މިހާރު ނަގަމުން އަންނަނީ ދުވާލަކަށް 50 ޑޮލަރެވެ.
ފުވައްމުލަކު ސިޓީން ސަފާރީތަކުން ބޮޑު އަގު ނަގަން ނިންމާފައިވާތީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އެސޯސިއޭޝަންގެ ރައީސް އިސްމާއިލް ހަމީދު (ހައިރައިސް އިއްސެ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބޮޑު ފީއެއް ނަގަން ނިންމުމަކީ ދެރަކަމެއް ކަމަށާއި ފީއެއް ނަގާނަމަ ހަމަހަމަ އުސޫލަކުން ފީއެއް ނެގުމަކީ ރަނގަޅު ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު