އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން ދީނީ ދަރުސް ދިނުމުގެ ހުއްދައަށް އެދި އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީގައި "އިންޑިއާ އައުޓް" ސްޓޭމްޕް ޖަހައިފައި އޮތުމުން ދަރުސް ދިނުމުގެ ހުއްދަ ނުދިން ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފިއެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލް ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ދަރުސްތައް ދެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކުރުމުން ޕީޕީއެމް/ޕީއެންސީގެ ފަރާތުން އެކަމަށް އެދިފައިވާނެ ކަމަށެވެ. އަދި ދަރުސް ދޭން ބޭނުންވަނީ ކިންގް ސަލްމާން މިސްކިތުގައި ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީގައި އެދުނީ ބުރާސްފަތި ދުވަހުގެ ރޭ ދަރުސް ބޭއްވުމުގެ ހުއްދަ ދިނުމަށް ކަމަށެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ދަރުސް ބޭއްވުމުގެ ހުއްދަ ދީފައިނުވާ ކަމަށެވެ.
"އިއްޔެގެ ވަގުތެއްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް އަޅުގަނޑުމެން ސިޓީއަކުން ދެންނެވިން، ކިންގް ސަލްމާން މިސްކިތުގައި މި ޕާޓީގެ ފަރާތުން ދީނީ ދަރުސް ޕްރޮގްރާމެއް ހިންގުމަށް ބޭނުންފުޅުވާ ކަމަށް، އިއްޔެ ސިޓީގައި އެދިފައިވާނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވާ ގޮތަށް މިނިސްޓަރު ވިދާޅުވީ އޭގެ ވަކި ސްޓޭމްޕެއް ޖަހައިފައި އިނީމާ ކަމަށް، އަޅުގަނޑު ދެންނެވިން އިންޑިއާ އައުޓް ސްޓޭމްޕް ސިޓީގައި އިނީމަތޯއޭ ތި ވިދާޅުވީ އުސޫލުތަކާ ހިލާފު ކަމަށް، ވިދާޅުވީ އާދޭހޭ،" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ސަލްމާން މިސްކިތް މިހާރު ދެވެން ނެތް ކަމަށާއި ސިޔާސީ ޕާޓީތަކަށް ދަރުސް ދިނުމުގެ ހުއްދަ މިހާރު ނުދެއްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ފަހުން ވިދާޅުވި ކަމަށެވެ.
އަދާލަތު ޕާޓީއަށް އެކަނި އެ ފުރުސަތު ދެއްވާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެކަމުގެ ޝަކުވާ މިނިސްޓަރަށް ކުރުމުން، މިހާރު އަދާލަތު ޕާޓީއަށް ވެސް ދަރުސް ނުބޭއްވުމަށް އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު