މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެކްޓިން މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިބްރާހީމް ތޯހާ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑު (ޕީސީބީ)ގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ތޯހާ އައްޔަންކޮށްފައިވާކަން އެ ކުންފުނިން އަންގާފައިވާ ކަމަށެވެ.

ތޯހާގެ އިތުރުން އެމްއޭސީއެލްގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ޗެއާމަން މުހައްމަދު އުމަރު މަނިކާއި އިބްރާހިމް ނޫރައްދީނާއި އިބްރާހިމް ސިޔާދު ގާސިމާއި ޑރ. އިބްރާހިމް މަހުފޫޒާއި އައިޝަތު އަރޫޝާ އަދި އަހުމަދު އީމާން މޫސާއެވެ. އެކުންފުންޏަށް ސީއީއޯއެއް އަދި އައްޔަންކޮށްފައެއް ނުވެއެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަރު ތޯހާ، އެކްޓިން އެމްޑީއަކަށް އައްޔަންކުރީ މިދިޔަ ނޮވެމްބަރު މަހުގެ ދިހަވަނަ ދުވަހުއެވެ. އޭނާއާ އެ މަގާމު ހަވާލުކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުގައި ހުންނެވި އިނގިރޭސި ރައްޔިތެއް ކަމަށްވާ ގޯޑަން އެންޑްރޫ ސްޓުއަޓް ރަނގަޅު ނަތީޖާއެއް ނުދެއްކުމުން ވަޒީފާއިން ވަކިކުރުމަށް ފަހުއެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރި ތޯހާއަކީ އެ ކުންފުނީގައި 35 އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.