ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި) ގެ މައްޗަށް ސިވިލް ކޯޓުގައި ކުރާ ދައުވާއަކަށް ފަނޑިޔާރެއްގެ ނުފޫޒު ފޯރުވާ ކަމަށް ބުނާ މައްސަލައެއްގައި އެފަދަ ނުފޫޒެއް ނެތްކަން ކަށަވަރު ކުރަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އެސްބީއައިގެ ފަރާތުން މި މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވީ އެސްބީއައިއިން އެދިފައި ވަނީ، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިން ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ދައުވާ ސިވިލް ކޯޓުން ތަހުގީގު ކުރަމުން ގެންދާއިރު އެކޯޓުގެ އިސް ފަނޑިޔާރެއްގެ ނުފޫޒު ނެތްކަން ކަށަވަރުކޮށް ދިނުމަށް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޮމިޓީގެ މެންބަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެ ދައުވާއަކީ ސިވިލްކޯޓުން ތަހުގީގު ކުރާ ދައުވާއެއް ކަމަށް އެ ހުށަހެޅުމުގައި އޮތީ ގޯސްކޮށް ކަމަށެވެ. ރަނގަޅު ގޮތަކީ ކޯޓުގައި ކުރިއަށްދާ މައްސަލައެއްގެ ގޮތުގައި އޮތުން ކަމަށްވެސް ވިދާޅުވިއެވެ. އަދި މަޖިލިސް ގަވާއިދު ބުނާގޮތުން ޝަރީއަތާ ގުޅޭ މައްސަލަތަކަކީ ޖުޑިޝަރީ ކޮމިޓީން ބަލަންޖެހޭ މައްސަލަތަކެއް ކަަމަށްވާތީ އެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމަށް އަސްލަމް ހުށަހެޅުއްވިއެވެ.

ނަމަވެސް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ، ޝަރީއަތުގައި ހިނގާ މައްސަލަތަކުގެ ތެރެއަށް ކޮމިޓީން ވަދެގެން ނުވާނެ ކަމަށެވެ. އެ މައްސަލައިގައި ކަންބޮޑުވުމެއް އޮތިއްޔާ އެސްބީއައިއިން ދާންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ކަމަށާއި ފަނޑީޔާރުންގެ މައްސަލަތައް ބަލާނީ ޖޭއެސްސީން ކަމަށްވެސް ވިދާޅުވިއެވެ. އަދި ފަނޑިޔާރުންގެ މައްސަލަތަކަކީ މަޖިލިސް ކޮމިޓީއަށް ބެލޭނެ މައްސަލަތަކެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މެމްބަރު އަސްލަމް ހުށަހެޅުއްވި ގޮތަށް އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނިންމެވިއެވެ.