ކޮވިޑް ސާމްޕަލް މިހާރު ނަގައިދޭނީ ހަމައެކަނި ސެނަހިޔާއިންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން ރޭ ބުނީ، މިއަދުން ފަށައިގެން ދަރުބާރުގޭގައި ހުންނަ ސާމްޕަލް ކަލެކްޝަން ސެންޓާ ވެސް ބަންދުވާނެ ކަމަށެވެ. ސެނެހިޔާއިން ކޮވިޑް ސާމްޕަލް ނަގައިދޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 9 އިން ފެށިގެން ރޭގަނޑު 11 އަށް ކަމަށެވެ.
ރާއްޖޭގައި މިހާރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެޗްޕީއޭއިން ރޭ އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ދިޔަ މިދިޔަ ހަފުތާގައި އެ ބައްޔަށް ޕޮޒިޓިވްވީ 665 މީހަކެވެ. ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 177،658 މީހުންނެވެ.
މިދިޔަ މަހުގެ 27 އިން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް މާލެ ސަރަހައްދުން 72 މީހަކާއި އަތޮޅުތެތެރެއިން 481 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެ މުއްދަތުގައި މި ބަލީގައި މީހަކު މަރުވެފައެއް ނުވެއެވެ.
މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ބޮޑުތަނުން ދަށްވެފައިވާއިރު، މިދިޔަ ހުކުރު ދުވަހު ޕޮޒިޓިވްވެފައިވަނީ ހަ މީހުންނެވެ. އަދި ހޮނިހިރު ދުވަހު ޕޮޒިޓިވްވެފައިވަނީ ހަތަރު މީހުން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ކޭސްތަކުގެ އަދަދު ދަށަށް ގޮސްފައިވާއިރު ބައްޔަށް ޓެސްޓްކުރާ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ. އަދި މުޅި ރާއްޖޭގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް މިހާރު 11 ޕަސެންޓްގައި ހުރިއިރު، މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓު ހުރީ ހަތަރު ޕަސެންޓްގައި ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 297 މީހަކު ވަނީ މަރުވެފައެވެ. އެއީ 278 ދިވެހީންނާއި 19 ބިދޭސީންނެވެ.
ރާއްޖެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެން 2020 ވަނަ އަހަރު އިއުލާންކުރި ސިއްހީ ކުއްލި ހާލަތު ވަނީ މިމަހުގެ 13 ވަނަ ދުވަހު އުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު