ސްރީލަންކާގެ އިގުތިސޯދީ ހާލަތު ދަށްވެ ރައްޔިތުން ހާލުގައި ޖެހެމުންދާތީ، ލަންކާ ސަރުކާރާ ދެކޮޅަށް ހުޅުމާލޭ ފޭސް ދޭއްގައި އެގައުމުގެ ރައްޔިތުންތަކެއް މިއަދު މުޒާހަރާކޮށްފިއެވެ.

ހުޅުމާލޭ ފޭސް ދޭއްގައި މިއަދު ހަވީރު ބޭއްވި އެ މުޒާހަރާގައި 25 ވަރަކަށް ލަންކާ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އެ މީހުން މުޒާހަރާކޮށްފައިވަނީ ސަރުކާރާ ދެކޮޅު ޝުއޫރުތައް ލިޔެފައިވާ ބޮޑުތައް ހިފައިގެން ތިބެއެވެ.

އެ ބޯޑުތަކުގައި ލިޔެފައިވަނީ، 'ގޯ ހޯމް ރާޖުޕަކްސާސް، ގޯތާ ގޯ ހޯމް" އަދި ލަންކާއަށް ޒިންމާދާރުވެރިން ބޭނުންވާ ކަމަށެވެ. އަދި ކޮރަޕްޝަން ހުއްޓާލުމަށް ބޯޑުތަކުގައި ލިޔެފައިވެއެވެ.

ލަންކާގެ އިގްތިސޯދީ ހާލަތު ދަށްވުމުގެ ސަބަބުން ސަރުކާރާ ދެކޮޅަށް ގިނަ ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. ލަންކާގެ ރައީސް ގޮތަބާޔަ ރާޖަޕަކްސާ ވަނީ މިދިޔަ ހުކުރު ދުވަހު މުޅި ގައުމުގައި ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ. އަދި އޭގެ އެއް ދުވަސް ކުރިން ގިނަ ބަޔަކު އެއްވެ ކޮލަމްބޯގައި ރައީސް ދިރިއުޅުއްވާ ގެއަށް ވަނީ ގާ އުކައި ހަމަނުޖެހުން ހިންގައިފައެވެ. އެ ސަރަހައްދަށް އެއްވި މީހުން ދުރުކުރުން ލަންކާ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައެެވެ.

މި ހަފުތާގައި ލަންކާ ސަރުކާރުން ވަނީ އެގައުމުގައި ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށް، މުޒާހަރާތައް ހުއްޓުވުމަށް ކާފިއު ހިންގައިފައެވެ. ނަމަވެސް ވީޕީއެން ބޭނުންކޮށްގެން ގިނަބަޔަކު ދަނީ ސޯޝަލް މީޑިއާގައި ސަރުކާރާ ދެކޮޅު ހިޔާލުތައް ފާޅުކުރަމުންނެވެ. އަދި ކާފިއު އިއުލާންކޮށްފައިވީ ނަމަވެސް، ގިނަ ބަޔަކު ދަނީ މަގުތަކަށް އެއްވެ މުޒާހަރާކުރަމުންނެވެ.

ލަންކާގެ ހަބަރުތައް ބުނާ ގޮތުގައި، ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ މިއަދު އިސްތިއުފާ ހުށަހަޅުއްވައިފައެވެ. ނަމަވެސް ރައީސް ގޮތަބާޔަ ރާޖަޕަކްސާ، އަދި އިސްތިއުފާ ގަބޫލުފުޅުނުކުރައްވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.