ދުވަހުގެ ކަންތަކުން އަވަދިވާނެ އިރެއް ނޭނގޭވަރަށް އަދިވެސް އެތައް ކަމެއް ގޭގައި ނުނިމި އެބަހުއްޓެވެ. ދުވާލަކަށް އިރުއަރައިގެން ގޮސް އިރުއޮއްސޭއިރު، އަތުގެ އިނގިލިތަކުން ނޭވާލާން ޖެހޭނަމަ ހަމަޔަގީނުންވެސް އޭނާ ހުންނާނީ ގިނަވަތުގު ނޭވާ ނުލައެވެ. އެހެނީ އެއިނގިލިތަކުން އެދެއަތުން މަސައްކަތެއް ނުކޮށް ދެއަތް ހުސްކޮށް އޮންނާނީ މަދުފަހަރަކު ކަމަށްވާތީއެވެ. ހިތްހަމަ ޖެހޭވަރަށް ގައިން ތާހިރުވެ، ނަލަ ހެދުމެއް ލައިގެން މީރުވަސް ދުވާ ސެންޓެއް ޖަހައިގެން އަރާމުކޮށްލަން ތަނެއްގައި އިށީނދެލާނެ ނުވަތަ އޮށޯވެލާނެ ވަގުތެއް ނުލިބެއެވެ. ރޭގަނޑު ނިދަން ތަންމަތީގައި އޮށޯވެލެވޭއިރު ހުންނަނީ ގަޑިން މެންދަމުން އަލިވުމަކާ ގާތްވެފައެވެ. އެންމެ ހިތަށް ތަދުވާ އެއްވަގުތަކީ އެއީއެވެ. ވަރުބަލިވެ ލޮޑުވެގެން ގޮސް ކުރާނެކަމެއް ނެތި ގައިގެ ހުރިހާ ކަށިތަކެއް ހޯހޯ ގޮވާއިރުވެސް ނިދުމަކީ ފަސޭހަނޫން ކަމެކެވެ. ގިނަރޭރޭ އެހެން އޮވެއޮވެ ގައިގައި ރިއްސައި ބޮލުގައި ރިހެމުން ހިތުގެ ތަދަށް ކޫސް ދަމަމުން ގޮސް ނިދެނީ ތިނެއް ޖަހާ ފަހުންނެވެ. ގިނަރޭރޭ ނިދަނީއެއްވެސް ނޫނެވެ. ލޮޑުވެގެންގޮސް މީހާ ހަނާވެ ދެމެނީއެވެ.

ބަދިގެތެރޭގައި ހުރި މަސައްކަތްތައް ނިމެނީއެވެ. ކާމޭޒުމަތީ ހުރި ތަށިތައް ނަގައި ތެލިތަށި ދޮވެ ނިމުނީއެވެ. ކާތަކެއްޗާއި އެހެނިހެން ކުނި އަޅާފައި ހުރި ކޮތަޅު ހިފައިގެން ޒަމީރާ ހިނގައިގަތީ، ގެއިން ބޭރަށް ކުނިކޮތަޅު ލުމަށެވެ. އެވަގުތު ނަށަމުން ފުމެމުން އައިސް ގޭގެ ދޮރާށިން ވަން ފަޒުނާ އޭނާގެ ގައިގައި ލައިގެންފާނެތީ ޒަމީރާ އެއްފަރާތަށް ޖެހިލިއެވެ.

ޒަމީރާ ފަޒުނާއަށް ބަލައިލީ ފޫއްސާއި ނަފުރަތުން ފުރިގެންވީ ލޮލަކުންނެވެ. މިގޭގައި މީހެއްގެ ބަސްވިކޭނަމަ ވިކޭނީ ފަޒުނާގެ ބަހެވެ. ޒަމީރާއަކީ އެއްވެސް މީހެއް ނޫނެވެ. އެކަމަކު މިގޭގެ އަސްލު ވެރިޔަކީ ޒަމީރާއެވެ. ތެޅިގަލާއި ފަނުން މިގެ ހުއްޓައި ސިމެންތިން ރާނައި ސީލިން ކޮށް، މަދިރިގެއިން އޭސީއަށް ބަދަލުކުރުމުގައި ފަޒުނާގެ އެއްވެސް ދައުރެއް ނެތެވެ. އެކަމަކު ކުޅިފަސް އަތުލީ ފަޒުނާއެވެ.

ގޭގެ ވެރިޔަކީ ޒަމީރާއަށް ވީ ދުވަސް މާދުރަށްގޮސް އޮބާލައިފިއެވެ. މިހާރު ޒަމީރާއަކީ މިގޭގެ ބަދިގޭގެ ވެރިޔާއެވެ. ކެއްކުމާއި ތެލިތަށިދޮވުމާއި ކުނިކަހައި ހިރަފުސް ފޮޅުމުން ގޮސް ދޮވެ އިސްތިރި ކުރުމާ ހަމައިން ނިމުނީއެއް ނޫނެވެ. ދަރިންގެ ހުރިހާ ކަންތައް ވަގުތުން ވަގުތަށް ކުރުމަށް ޒަމީރާއަށް ވާޖިބެވެ. އެއީ ހަމައެކަނި އޭނާގެ ދަރިން ކަހަލައެވެ. އެއްވެސް އެހެން މީހެއްގެ ދައުރެއް އެކުދިން ދުނިޔެއަށް އައުމުގައި ނެތްކަހަލައެވެ. 

އާދޭސްކޮށްކޮށް ޒަމީރާ ވަރުބަލިވެގެން ހަނުހުރިތާ ކިތަންމެ ދުވަހެކެވެ. މާދިހުގެ އާދަތަކަށް އެއައި ތަފާތު ބަދަލުގައި ޒަމީރާގެ ކުށެއް އޮތްނަމަ އެދުވަސް އަނބުރާ ގެނައުމަށް ކޮންމެ ކަމެއް ކުރުމަށްވެސް ތައްޔާރަށް ހުރި ކަމަށް ބުނެ އޭނާ މާދިހުގެ ފައިގައި ހިފައި ގިސްލަމުން ގޮސް ވަރުބަލިވީއެވެ. މިހާރުދެން އޭނާއަށް ވަރިހަމަކަހަލައެވެ. ކޮންމެ ގޮތެއްވިޔަސް މާދިހަކަށް އޭނާ މިގެއިން ނެރެ އެއްލައެއް ނުލެވޭނެއެވެ. ހަތަރު ކުދިންގެ މަންމައަކީ އޭނާއެވެ. ހަމައެކަނި އެއެއް ނޫނެވެ. މާދިހުގެ އެއްވެސް ކަމެއް ޒަމީރާ ފުރިހަމަ ކުރާ ގޮތަށް އެހެން އަންހެނަކަށް ނުކުރެވޭނެއެވެ. ހަމަ އެންމެ ކަމެއް ފިޔަވައެވެ. އެއީ މާދިހު އަމިއްލައަށް ބޭނުންވެގެން ބަދަލުކޮށްލި ކަމެއްވީމަ އޭގައި ޒަމީރާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތީއެވެ. ޒަމީރާގެ އަތުން ބާޒީ އަތުލުމުގައި ފަޒުނާއަށް ކުރިއަށް ދެވުނު ހަމައެކަނި ސަބަބަކީ މާދިހުގެ އުމުރުން މަތިވާވަރަކަށް ޅަވަމުންދިޔަ ހިތުގެ އެދުމެވެ. މިއީ ޒަމީރާ ގަބޫލު ކުރާ ގޮތެވެ. އަދި ޔަގީންކުރާ ގޮތްވެސްމެއެވެ. 

ކުނިކޮތަޅު ބަހައްޓާފައި ހިންދެމިލި ވަގުތު އުނަގަނޑަށް ތަދެއް އަރައިފިއެވެ. މިހާރުދެން މިތަދެއްވެސް އޭނާގެ ގައިން ފިލާކަށް ނޫޅެއެވެ. ދުވަހެއް ދުވަހަކަށް ތަދުދަނީ ބޮޑުވަމުން ތަދު އަރާވަރުގެ ދޭތެރެވެސް ކައިރިވަމުންނެވެ. އެކަމަކު މިވާހަކަ ބުނާނީ ވަކި ކާކުކައިރީހެއްޔެވެ؟ މާދިހަށް އޭނާގެ އެއްވެސް ޝަކުވާއެއް އަހާލާނެ އަދި ހާލު ދެކެލާނެ ވަގުތެއް ނުވެއެވެ. ވިޔަފާރީގެ އެކިކަންކަމުގައި ބުރަކޮށް އުޅެފައިމެ ގެއަށް އައިސް ވަނުމާއެކު ބޮލަށް ސަވާރުވާ ޖިންނިއެއްހެން ފަޒުނާ މާދިހުގެ ސިކުނޑިއަށް ވެރިވެގަންނާނެއެވެ. ދެން ހީވާނީ ފުރާވަރުގެ ދުވަސްއައީހެނެވެ. ނިދާކޮޓަރީގެ ތެރެއިން ބޭރަށް އަޑު ނީވޭ ގޮތަށް ހަމަޖައްސާފައި ހުންނަކަމީ އެއީ ހަމަހެޔޮ ނަސީބެވެ. އެހެންނޫންނަމަ ބައެއް ފަހަރު ދަރިންކުރިމަތީގައި ލަދުންގޮސް މަރުވެދާވަރުގެ އަޑުއަޑު އިވޭނެކަން ޔަގީނެވެ.

 

އެނބުރި ބަދިގެއަށް ވަދެ ކާމޭޒުދޮށުގައި ހުރި ގޮނޑީގައި އިށީނުމާއެކު ޒަމީރާގެ ހިތަށް ތަދުވެއްޖެއެވެ. ބަދިގެއަށް ވަންއިރު އައިސްއަލަމާރި ކައިރީގައި ހުރި މާދިހަށް ހަމަ އޭނާ ނުފެންނާނީ ހެއްޔެވެ. ނޫނީ ބަދިގެއަށް ވަންގޮތަށް މާދިހުގެ ގައިގައި ހަރުފައެއްހެން އޮޅިގަތް ހަގުއަނބިމީހާގެ ޖާދޫ މާދިހުގެ ދެލޯވެސް ހަމައެހާ ކަނުކޮށްލީހެއްޔެވެ؟ 

 

މާދިހު، ފަޒުނާގެ އުނަގަނޑުގައި އަތްއަޅުވައިގެން ގޮސް ބަދިގެއިން ނުކުމެއްޖެއެވެ. ފަންސާސް އަހަރުގައި މާދިހުގެ ބޮލަށް އަރާ އިށީނދެގެން އެއިނީ ހަމަރަނގަޅަށްވެސް ރަނގަޅު ޝައިތާނެކެވެ. އެހެންނޫންނަމަ ނުހަނު ޅަ އުމުރުގައި އިންތިހާއަށް ލޯބިވެގެން މުޅި ދުނިޔެއާ ދެކޮޅަށް ކުރި ކައިވެންޏާއި ބޭނުންވެގެން އަމިއްލައަށް އެދިގެން ހޯދި ހަތަރު ދަރިންނާމެދު މާދިހު ޣާފިލެއް ނުވީހެވެ. އެކަމަކު ބައެއް ފަހަރު ޒަމީރާގެ ހިތަށް އަރައެވެ. އޭނާގެ ހަމައެއްވެސް ކުށެއް މީގަ ނެތި މިހިސާބަށް މިކަން ހިނގައިދާނެބާވައެވެ؟

ޒަމީރާގެ ފޯނު މޭޒުމަތީގައި އޮތެވެ. ފަހަކަށް އައިސް އޭނާއަށް ރައްޓެއްސެއްގެ ހާލުވެސް ބަލައެއްނުލެވެއެވެ. އެކަމަކު މާގިނައިން އެއްނަންބަރަކުން ގުޅާތީ އޭނާ ފޯނު ނަގައި ޖަވާބުދީފިއެވެ. ވާހަކަދެެއްކީ ގާތް އެކުވެރިއެކެވެ. މާރީތި ފިލްމެއް ނުކުމެގެން އުޅޭތީ ބަލާށޭ ކޮންމެހެންވެސް ޒަމީރާ ބަލަން ޖެހޭ ފިލްމެކޭ ކިޔާފައި ލިންކުވެސް ފޮނުވައިފިއެވެ.

ވެފައި އިން ވަރުބަލިކަމާއެކުވެސް ކޮން ހިތެއް ޖެހިގެން ކަމެއް ނޭނގެއެވެ. ފިލްމު ކުޑަކޮށް ބަލައިލަން ކަމަށް ޒަމީރާ އެ ލިންކު ހުޅުވާލިއެވެ. އެއީ ތަފާތު ވާހަކައެއްގެ މައްޗަށް ކުޅެފައި އޮތް ފިލްމެކެވެ. ކައިވެންޏެއް ކޮށް ދަރިން ހޯދުމަށް އިންޑިޔާގައި އޮންނަ ގޮތާއި ދަރިއެއް ލިބުމަށްފަހު ފިރިމީހާއާ ގުޅުން ނޯންނަކަމާއި އަދި އަންހެނުންގެ އިހުސާސްތަކަށް އެއްވެސް ސަމާލުކަމެއް ގަދަރެެއް ނެތުމުން ދިމާވާ ކަންތަކަކަށް ކުޅެފައިވާ ފިލްމެކެވެ.

ފޯނު ބޭއްވުމަށްފަހު ޒަމީރާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި މޭޒުގައި އުޅަބޮށި ވިއްދާލައިގެން ދަތްދޮޅީގައި އަތްއަޅުވާލައިގެން އިނދެ ވިސްނާލިއެވެ. އެވަގުތު ލޯ ކުރިމަތީގައި ފިލްމެއްގެ ސްކްރީނެއްގެ މަންޒަރުތަކެއްހެން ސައުވީސް އަހަރު ކުރީގެ މަންޒަރުތައް އޮޅެމުން ނިއުޅެމުން ކުލަވާން ފެށިއެވެ.

1995ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ދުވަހެކެވެ. ޒަމީރާއަކީ ރަށު ބޮޑުކަތީބުގެ އިން ހަމައެކަނި ދަރިފުޅުކަމުން މުޅި ރަށުގައިވެސް ޒަމީރާއަށް ބޭނުން، ފޮނިގޮތަކަށް އުޅެވެއެެވެ. ރަށުގެ ކުދިބޮޑު އެންމެންވެސް ޒަމީރާގެ ބައްޕައާއި މަންމައަށް ކުރާ ގަދަރާއި އިހުތިރާމް ހަމަ ޒަމީރާއަށްވެސް ކުރެއެވެ. ރަށުން ކިޔެވޭނެ އެންމެ މޮޅަކަށް ކިޔަވައިގެން ޒަމީރާ މާލެ ފޭބީ ކަތީބު ޖަމީލުގެ ތިމާގެ މީހެއްގެ ގޭގައި އިނދެގެން ކިޔަވައި މަތީ ސަނަދު ނަގައި މޮޅު މީހަކަށް ވުމަށްޓަކައެވެ. ޒަމީރާ ކިޔެވިއެވެ. އޭލެވެލް ފާސްނަގައިގެން އޭރުގެ އެންމެ މަގުބޫލު، އާންމުންނަށް އެންމެ ބޭނުން ޖެހޭ ދާއިރާއެއްކަމަށްވާ ޓީޗަރެއްގެ ވަޒީފާ އަދާކުރަން ފެށިއެވެ.

ޑިސެމްބަރުމަހުގެ ހޫނު ދުވަހެއްކަމުން ސުކޫލުން ނިމިގެން ޒަމީރާ ގެއަށް ދިއުމަށް ހިނގައިގަތީ އާންމު ގޮތެއްގައިވެސް ބޮލަށް ނަގާ އަވިކުޑަ ނަގައި އަވިއައިނު ލޮލަށް ހެޔޮވަރުކުރަމުންނެވެ. ބައިސްކަލެއްގައި އައި އެޒުވާނާ ޒަމީރާގެ ގައިގައި ލައިގަތީ ހަމަކުއްލިއަކަށް ގޯޅިއަކުން ލަނބާލިގޮތަށް ބައިސްކަލުގެ ބުރަކި ހިފާލުމާއެކުގައެވެ.

ލޮލުގައި އޮތް އަވިއައިނު ވިއްސައިގެން ދިޔުމުން ޒަމީރާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. އަނދުންއަޅާ ކުލަގަދަ ކޮށްފައިވާ އޭނާގެ ދެލޯ ބޮޑުކޮށްލަމުން އެނުދަންނަ ޒުވާނާއަށް ބަލައިލީ ކާލަފާނެހެން ހީވާގޮތަކަށެވެ. އޭރުވެސް އެ ޒުވާނާ ފާޑަކަށް ހެވިފައި ބައިސްކަލުގެ ދަގަނޑުމަތީ ބަނޑު އަޅައިގެން ހުއްޓެވެ. ޒަމީރާގެ ރީތިކަމަށް ތައުރީފުކުރަން، އެޒުވާނާ ހިންދީލަވައެއްގެ އަސަރުގަދަ ތަންކޮޅެއް ކިޔާލީ ޒަމީރާގެ ރުޅިވެރި ބެލުމަށް ރައްދުދެމޭ ބުނާކަހަލަ އިޝާރާތެއް ބޮލަށް ގެނައި ހަރަކާތުން ބުނެދެމުންނެވެ.

"ޗެހެރާހޭ ޔާ ޗާނދްކިލާހޭ ޒުލްފު ގަނޭރީ ޝާމްހެ ކިޔާ، ސާގަރްޖޭސޭ އާނކޯވާލީ ޔޭތޮބަތާ ތެރަ ނާމްހެކިޔާ"

"އޭ…ރިޝީކަޕޫރު!…ތަންދައްކާ!.. އަހަރެންގެ އައިނު ހަލާކުވެއްޖެއްޔާ ހަނދާންކުރާތި….ކޮން ޗެހެރޭއެކޭ ކިޔާކަށް..."

ޒަމީރާއަކަށް މާދިހުގެ ނަމެއް ނޭނގޭވިއްޔާއެވެ. އޭގެ ކުރިއަކުން ޒަމިރާއަށް މާދިހު ފެނިފައެއް ނެތެވެ. މާލެތެރެއަށް މާގިނައިން ނުކުމެ ނޫޅޭތީ ޒަމީރާއަށް ގޭދޮށުގައި އުޅޭ މީހުންގެ ތެރެއިންވެސް އެނގެނީ ވަރަށް މަދުބައެކެވެ.

އެއީ ފުރަތަމަ އަޅައިގަތުމެވެ. ފުރަތަމަ ފެނިލުމެވެ. ކުޑަވަރެއްގެ ޒުވާބަކުން ނިމުނު އެއަޅައިގަތުމުން ފެށުނީ ދިގުލައިގެން ދިޔަ ހުސްވުމެއް ނެތް ވާހަކަތަކަކާއި ވަކިވެގެންދާން ބޭނުންނުވާ އަނެއްފަހަރު ބައްދަލުވުމަށް ކެތްމަދުވެފައިވާ ބައްދަލުވުންތަކެކެވެ. ޒަމީރާއާ އަޅައި ބަލާއިރު މާދިހަކީ ހަމަ ވަރަށް އާދައިގެ އާއިލާއެއްގެ ހަތަރު ކުދިންގެ ތެރެއިން ދެވަނަ ފިރިހެން ދަރިފުޅެވެ. މާދިހުގެ މަންމައާއިބައްޕަ ވަކިވެގެން ދިޔައިރު ދިޔައީ ބަހާލެވުނު ގެއާއިއެކު ދަރިންވެސް ބަހާލައިގެންނެވެ. އެގޮތުން މާދިހު ލިބުނީ މަންމައަށެވެ.

ވަރަށް ކުރިއްސުރެ މާލެ ފައިބައި މާލޭގެ ލޮނުޒިޔާރަތްކޮޅު ހިއްކައި އެތަނުން ބިން ލިބިގަތް މީހުންގެ ތެރޭގައި މާދިހުގެ މަންމަގެ ފަރާތު މާމައާއި ކާފަހިމެނެއެވެ. އެހެންނަމަވެސް ލިބުނު ދަރިންގެ އަދަދު ގިނަކަމާއި އެދަރިންގެ ދަރިންނަށްވެސް ބައި އަޅަން ޖެހުމުން މާދިހުގެ މަންމައަށް ލިބުނު ބައިން މާދިހަށް ލިބުނު ތަންކޮޅު މާބޮޑު ނޫނަސް ފުދޭވަރެއްވެއެވެ. އެހެންވިޔަސް މާދިހަކީ އަތްފައިން މަސައްކަތްކުރަން އެނގުނަސް އަދި ވިޔަފާރި ކުރެވޭކަހަލަ ވިސްނުމާއި ފިކުރު ހުއްޓަސް އެއިން ކަމަކަށް އެއްވެސް މަގެއް ފެންނަން އޮތް މީހެއް ނޫނެވެ.

މާދިހުގެ ޗާލާކީ އަސަރުގަދަ ތައުރީފުކުރުންތަކާއި ނުހަނު ފޮނި ލޯބީގެ ބަސްތަކުގެ ތެރެއަށް ގެބިގެން ދިޔަ ޒަމީރާގެ މައިންބަފައިން މިކަމާ ކިތަންމެ ދެކޮޅު ހެދިޔަސް ދަރިފުޅުގެ އުފަލަށްޓަކައި އެމީހުންނަށް ޖެހުނީ ޒަމީރާގެ ކުސްޖެހުމަށް އާނބަސްބުނާށެވެ. ޒަމީރާގެ ބައްޕައަކަށް އަދި މަންމައަކަށްވެސް ކައިވެންޏަށްފަހު ޒަމީރާ އުޅެން ޖެހިފައިހުރި މާދިހުގެ ޖިފުޓިގަނޑު ގަބޫލެއް ނުކުރެވުނެވެ. އެމީހުން ނުހަނު ލޯބިން ދެލޯ ފަދައިން ބޮޑުކުރި ދަރިފުޅުގެ ދިރިއުޅުން އެފަދަ ހާލެއްގައި ދޫކުރާކަށް އެދެމީހުންގެ ހިތަކަށް ކެތެއް ނުވިއެވެ.

ކަތީބުޖަމީލަށް މާދިހުގެ ވިސްނުންތޫނު ވިޔަފާރީގެ ހިޔާލު ހުންނަ ބުއްދިވެރިކަން ވަރަށް ކަމުދިޔައެވެ. އެހެންކަމުން މާދިހަށް އަމިއްލަ ވިޔަފާރިއެއް ޒަމީރާގެ ނަމުގައި ފަށްޓައިދިނުމަށް ޖަމީލު ފައިސާ ހަރަދުކުރިއެވެ. ފަހުން އަދާކުރަން ޖެހޭ ލޯނެއްގެ ގޮތުގައެއް ނޫނެވެ. އެކަމަކު ދަރިފުޅުގެ ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައެވެ.

ވިޔަފާރީގެ ވިސްނުން ހުންނަ މީހަކަށް ވުމުން މާދިހު ކުރިއަރައިގެން ދިޔައީ ވަރަށް އަވަސްހަލުވި މިނެއްގައެވެ. ޒަމީރާ ގޮވައިގެން ދުނިޔޭގެ އެކި ގައުމުތަކަށް ކުރާ ދަތުރުތަކަކީ ހަމައެކަނި ވިޔަފާރި ދަތުރުތަކެއް ނޫނެވެ. ކައިވެނީގެ ފުރަތަމަ ދެއަހަރު މުޅިންވެސް ހޭދަވީ މަޖަލާއި އަރާމާއި ދުނިޔޭގެ އެކި ތަންތަނުން ހިތްހަމަޖެހުން ހޯދުމުގައެވެ.

މިދެއަހަރުތެރޭގައި މާދިހުގެ ސަމާލުކަން މުޅިންވެސް ހުރީ ދެކަމަކަށް ހުއްޓިފައެވެ. އެއްކަމަކީ ވިޔަފާރީގައި ކުރިއަރައި ދިއުމެވެ. އަނެއްކަމަކީ އޭނާގެ ރީތި ނަލަނަލަ އަނބިމީހާ ގޮވައިގެން ދުނިޔޭގެ އެކި ގައުމުތަކުން އެކި ކުންފުނިތަކުގެ ވެރިންނާއެކު ބޭއްވޭ ޕާޓީތަކުން ތަފާތު ގޮތްގޮތަށް އެނަލަނަލަ އަނބިމީހާ އިޝްތިހާރު ކުރުމެވެ. ތެދަށް ބުނަންޏާ ޒަމީރާ އަކީ މާދިހަށް ލިބުނު ހުރިހާ ކުރިއެރުމެއްގެ ހަގީގީ ސޮޔެވެ. ކޮންމެ ކުންފުންޏަކާއެކުވެސް ބާއްވާ އެންމެ މުހިންމު ބައްދަލުވުމުގައި ޒަމީރާ މާދިހު އެންޓަޕްރައިޒަސް ތައާރަފުކޮށްދޭއިރު ހިނިތުންވެލާފައި އެހުންނަ ގޮތް އެއީ އެއްވެސް ވިޔަފާރިވެރިއަކަށް ދެކޮޅުހަދާލާފައި ދާން ނުކެރޭވަރުގެ ގޮންޖެހުމަކަށްވިއެވެ.

މާދިހުގެ ފުރަތަމަ ކާމިޔާބު އުފެއްދުން ތައާރަފު ކުރި ދުވަހަކީ އެދެމީހުންގެ އަލަތު ދަރިފުޅު ވިހެއި ދުވަހެވެ. ޒަމީރާވެސް މާދިހުވެސް ބޭނުންވި ގޮތަށް ލިބުނީ ފިރިހެން ދަރިފުޅެކެވެ. ދެމެދުގައި މާދުރުމިން ނުބަހައްޓައި ދެވަނަ ދަރިފުޅު ހޯދީ ދެކުދިން އެކުއެކީގައި ބޮޑުކުރުމުން ލިބޭނެ ފައިދާތަކަށް ވިސްނައިފައެވެ. އެކަމަކު މާދިހު ބޭނުންވި ގޮތަކަށް ދެވަނައަށް ލިބުނީ އަންހެންކުއްޖެއް ނޫނެވެ. އަންހެން ކުއްޖަކަށް ބޭނުންވެގެން އިތުރު ދެކުދިން ހޯދީއެވެ. ހަގު ދަރިފުޅު އަންހެންކުއްޖަކަށް ވުމުން އިތުރަށް ދެން ކުދިން ނުހޯދުމަށް ދެމީހުންވެސް އެއްބަސްވިއެވެ.

ދުނިޔޭގެ ބަދަލުވަމުންދާ ކުލަތަކާއެކު މަޑުމަޑުން ޒަމީރާއާއި މާދިހާ ދެމެދުގައި އޮތް ލޯބި އާއިލީ ލޯތްބަކަށް ބަދަލުވާން މާގިނަ ދުވަހެއް ނުނެގިއެވެ. އެހެން ކަންތައް ވީ ހަމައެކަނި މާދިހުގެ ވިޔަފާރިއަށް ޒަމީރާ ދިން ހާއްސަ ސަމާލުކަން ނެތެން ފެށުމުން އެކަންޏެއް ނޫނެވެ. ޒަމީރާއަށް ވިސްނައިނުލެވުނަސް ގާތްގާތުގައި ހަތަރު ކުދިން ލިބުމުގެ ސަބަބުން އޭނާއަށް ފަރުވާކުޑަކޮށްލެވުނު ކިތަންމެ ކަމެއް ހުއްޓެވެ.

ކުދިން ބަލަހައްޓަން މީހަކު ގެނައުމަށާއި ހަށިގަނޑުގެ ދުޅަހެޔޮކަމަށާއި ރީތިކަމަށް އަދި އަމިއްލަ ނަފުސުގެ އުފާތަކަށް ވަގުތު ދިނުމަށް މާދިހު ނަސޭހަތްވެސް ދިނެވެ. އެކަމަކު ޒަމީރާއަށް ނަމޫނާ ފެނިފައި ހުރީ އޭނަގެ އާއިލާއާއި ގާތްތިމާގެ މީހުންގެ ފަރާތުންނެވެ. އެއިން އެއްވެސް އަންހެނަކު ދަރިން ބަލާކަށް މީހަކު ނުގެނެއެވެ. ވަޒީފާއަކަށް ނުުދެއެވެ. ގޭތެރެއާއި ދަރިންގެ ކަންތައް ފުރިހަމަކޮށް ދިނުމުގައި އެމީހުން ހުރިހާ ވަގުތެއް ހުސްކުރެއެވެ. އޭގެ ސަބަބުން އެމީހުންގެ ފިިރިން އެމީހުންނަށް މަރުދެއެވެ. މީހާ ހުންނަ ސިފައަކަށް އެފިރިހެނުން ނުބަލައެވެ.

ކަސްރަތާއި ދުޅަހެޔޮ ކާނާ އާއި އަމިއްލަ ނަފުސަށް ސަމާލުކަން ނުދިނުމުން ކަމެއް އުމުރުން ދުވަސްވެގެން ކަމެއް ނޭނގެއެވެ. އެހެންވިޔަސް ލޭމައްޗަށް ދިއުން، ކޮލެސްޓްރޯލް މަތިވުން، ހަކުރުބަލި، ހިތުގެ މައްސަލަ، މިކަހަލަ އެތައް ކަމެއް ދިމާވިޔަސް އެމީހުންގެ ފިރިން ތިބެނީ ހަމަ މަރުދީ ފުރާނަ ދޭން ތައްޔާރަށެވެ. އެކަމަކު ޒަމީރާއަށް ނުވިސްނުނީ ނޭނގުނީ ދެމަފިރިއެއްގެ ދެމެދުގައި ޖެހޭ މައްސަލައެއް ކޮންމެ ފަހަރަކު އެންމެނަށް ނޭނގޭނެއެވެ. ކިތަންމެ އޮމާންކޮށް ހެވިފައި މީހުންގެ ތެރެއަށް ނުކުމެ އުޅުނަސް އެމީހުންގެ ކޮޓަރީގެ ހަތަރުފާރުން އެތެރޭގައި ހިނގާ ކަންތަކެއް އެކަކަށްވެސް ނޭނގޭނެއެވެ.

މިއަދު ވިސްނާލީމަ ޒަމީރާއަށް ބައެއްކަހަލަ ކަންތައް ފަހުމުވާން ފަށައިފިއެވެ. މާދިހު ކައިވެނިކޮށްގެން އެކުގައި ދިރިއުޅުން ހޭދަކުރަން ބޭނުން ވަނީ ހުރިހާ ޒަމާނަކަށްވެސް ފެތޭ މާދިހާއެކު މީހުންގެތެރެއަށް ނުކުމެ އުޅެވޭ މީހަކާއެކުގައެވެ. ހަތަރު ކުދިންގެ ކަންތައް ކޮށްފައި ގޭތެރޭގެ މަސައްކަތުން އަވަދިވެގެން ގިނަ ރޭރޭ ޒަމީރާއަށް ނިދެނީ ފެންވަރާ ހެދުންވެސް ބަދަލުނުކޮށް ސޯފާގައި ނޫނީ ސަަރަންފީގައި އޮވެއެވެ. ކިތަންމެ ރެޔަކު މާދިހު ފިހާރައާއި ހޮޓަލުގެ ހިސާބުކިތާބު ނިންމާލާފައި ގެއަށް އައިސް، ނިދިފައި އޮންނަ ޒަމީރާއަށް ގޮވައެވެ. ކާންހަދާފައި ހުންނާނެ ކަމަށް ބުނެފައި އޭނާ ދަނީ ކޮޓަރިއަށެވެ. ކުދިން ގާތުގައި އޮށޯވެލުމާއެކު އަނެއްކާވެސް ޒަމީރާއަށް ނިދެނީއެވެ. މާދިހު ކޮބައިތޯ ކެއިތޯ ނުވަތަ އެހެން ކަމަކަށްވެސް މާދިހު ގޮވާލާތޯ ބަލާކަށް ޒަމީރާ ނުހުރެއެވެ.

ދުވަހެއް ދުވަހަކަށް ހީނަރުވަމުން ދިޔަ ޒަމީރާއާއި މާދިހުގެ ގުޅުމާއެކު އެދެމެދުގައި ކުރިއަށްދިޔަ ހަމަހިމޭން ފިނި ހަނގުރާމައިގެ އެއްވެސް އަސަރެއް ކުދިންކޮޅަށް ފޯރިޔަ ނުދޭން ދެމީހުންނަށް ކުރެވުނު ހުރިހާ ކަމެއް އެމީހުން ދިޔައީ ކުރަމުންނެވެ.

ކުރީކޮޅު މާދިހު ޒަމީރާއަށް ވަރަށް ވިސްނައިދިނެވެ. އެކަމަކު މީހާގެ ބުރުސޫރަ ބަދަލުވުމާއެކު ހަކުރާއި ލޭ މައްްޗަށް ގޮސް ޒަމީރާ މާބޮޑަށް ބަލިވާ ދުވަސް ދިމާވާން ފެށިއެވެ.

މާދިހުއަކީ ހިލޭ އަންހެނުންނާ ގުޅުން ބާއްވާކަހަލަ މީހެއް ނޫނެވެ. އެކަމަކު އެއީ ޒަމީރާއަށް ކުރިން ހީކުރެވުނު ގޯހެކެވެ. މާދިހުވެސް ބޭނުންވާ ކަންތައް ހަމަޖެހޭނެ ގޮތެއް ހޯދާނެކަން ނުވިސްނުނީއެވެ. ޒަމީރާ ކަހަލަ ބަލިކަށިވެ ބައްޓަން ގެއްލި ދެދަތްދޮޅިލާފައި އިން އަންހެނަކު މާދިހު ކަހަލަ ޒަމާނާއެކު ފެޝަނަށް ތަބާވާ މީހަކަށް ބޭނުމެއް ނުވާނެ ނޫންހެއްޔެވެ. އަމުދުން މާދިހުގެ އެއްވެސް ބޭނުމަކަށް ޒަމީރާ ނުވިސްނާ ނަމަ މާދިހަށް އޮތީވެސް ކޮން ގޮތެއް ހެއްޔެވެ؟

ފަޒުނާއާ މާދިހު ބައްދަލުވީ ބާލިންގެ ފެއާގެ ތެރެއިންނެވެ. އެއީ ކުރީގައި ޒަމީރާ މާދިހާއެކު ގޮސްއުޅުނު ވިޔަފާރިފެއާއެކެވެ. އެކަމަކު މިވޭތުވެދިޔަ ފަސްވަރަކަށް އަހަރު ތެރޭ މާދިހާއެކު ޒަމީރާ އެއްވެސް ތަނަކަށް ގެއިން ބޭރަށްވެސް ދިޔަނަމަ ގޮސްފައިވާނީ ހޮސްޕިޓަލަކަށް، ކުލިނިކަކަށް ނުވަތަ ދަރިންގެ ކޮންމެވެސް ސުކޫލު ކަމެއްގައެވެ. އެހެންނޫނީ ޒަމީރާއަކަށް މާދިހާއެކު ހޭދަކޮށްލާނެ ވަގުތުކޮޅެއް ލިބޭ ކަމަކަށްނުވެއެވެ.

މާދިހު ފަޒުނާ ގޮވައިގެން ގެއަށް އައި ފުރަތަމަ ދުވަހުވެސް ޒަމީރާއަށް އިސްކުރެވުނީ ރުޅިއެވެ. އެކަމަކު މާދިހުގެ މަގާމުގައި ހުރެގެން ޒަމީރާއަކަށް އެދުވަހަކު ވިސްނައެއްނުލެވުނެވެ. ދެން ނަތީޖާއަކަށްވީ ފަޒުނާ އަނތްބަކަށް ހަދައިގެން ގެއަށް ގެނައުމެވެ. އަދި މަޑުމަޑުން ޒަމީރާގެ މަގާމު ހަމައެކަނި ގެވެހި ބައިގެ މަސައްކަތުބައިގެ ވެރިޔާއަށް ބަދަލުވެގެން ހިނގައްޖެއެވެ.

ދަތްދޮޅިން އަތްނެއްޓިގެން ގޮސް މޭޒުމަތިން އުޅަބޮށި ކައްސާލުމުން ޒަމީރާއަށް ހޭވެރިކަން ވެއްޖެއެވެ. ވެފައިހުރި ވަރުބަލިކަމާއި ލޮޑުވެފައި އިން ހަށިގަނޑު ކޮޅަށް ނަގަމުން ޒަމީރާ ގޮނޑިން ތެދުވިއެވެ. މިގޮތަށް މާދިހާއި އޭނާއާ ދެމެދު ޖެހުނީ ކޮން މައްސަލައެއްތޯ ވިސްނާލާ ކޮންމެ ފަހަރަކު ކޮންމެވެސް ހިސާބެއްގައި އޭނާގެ ވަރަށް ބޮޑު އިހުމާލެއް އޮތްކަމުގެ އިހުސާސް އޭނާއަށް ކުރެވެއެވެ.

ކައިވެނީގެ ކުރިން އަންހެންކުއްޖާގެ ފަރާތުން ފެންނާނީ މުޅީން ތަފާތު ރީތިކަމަކާއި ކުދިކުދި ކަންތަކަށްވެސް ސަމާލުވާ ނުހަނު ހަރުދަނާ، ވަގުތަށް ކަމޭހިތާ ޝަހުސިއްޔަތެކެވެ. ކައިވެންޏަށްފަހު މީގެ ތެރެއިން ބައެއް ކަންތައް ގެއްލިގެން ގޮސް ދެން އިތުރުވާނީ ފިރިމީހާ އެދޭ ކޮންމެ އެދުމަކަށް ހުޝިޔާރުވާ ފިސާރި ކެރޭ އަނތްބެކެވެ. ދެން މަންޒަރު ބަދަލުވާނީ ދަރިފުޅަކު ލިބޭ ހިސާބުންނެވެ. އެހިސާބުން ލަގަންވެސް ދޫކޮށްލެވެނީއެވެ.

ބަހަނާއަކީ ދަރިންނެވެ. އެކަމަކު ދަރިންނަށްވެސް ރަނގަޅު ގޮތަކީ އެދަރިންގެ ބައްޕައާއެކު މަންމަ އުފަލުގައި އުޅުން ނޫންބާވައެވެ؟ ދަރިފުޅަކު ލިބުމުގެ މާނައަކީ އަންހެންމީހާ ހިލިހިލާ އެޅުމެއް ނޫނެވެ. ހިންދުސްތާނުގައި އޮންނަ ބައެއް ގަވާއިދުތައް ދިވެހިންގެ ތެރޭގައިވެސް އޮވެއެވެ. އެގަވާއިދުގައި ދަރިން ލިބުމުން ފިރިމީހާއާއި އަނބިމީހާގެ ގުޅުން ހަމައެކަނި ރަސްމީ މަންމަ އަކާއި ބައްޕައަކަށް ބަދަލުވެ އެނިމުނީއެވެ.

ޒަމީރާގެ އާއިލާ ތެރޭގައިވެސް އެއީ އޮންނަ އާދައެކެވެ. އެއާއިލާގެ ހުރިހާ އަންހެންކުދިންނާއި ގެއަށް އަންނަ ފަހަރިން އެއީ އެއްބައެކެވެ. ފިރިންނަށް ކައްކައި ކާން ހެދުމާއި އަންނައުނު ދޮވެ އިސްތިރިކޮށް މިފަދަ ހިދުމަތްދޭން ޖެހޭނެއެވެ. އެކަމަކު ފިރިމީހާއާ އެއްކޮޓަރިއެއްގައި ނިދުމުގެ ބަދަލުގައި ދަރިންލިބުމަށްފަހު އަންހެނުން އުޅޭނީ ދަރިންނާއެކު ވަކިންނެވެ. ދަރިފުޅަށް ދެއަހަރު ނުވަނީސް ފިރިމީހާއާ އެއްތަންމައްޗެއްގައި ނިދުމަކީ ސުންޕާކަމެކެވެ. އަދި މިހެން ގޮސް ދެވައްތަރުން ކުދިން ލިބުމުން އިތުރަށް ފިރިމީހާއާއެކު އުޅުމުގެ ހަމައެއްވެސް ބޭނުމެއް ނޯވެއެވެ. މިއީ ކޮންފަދަ ގަމާރު އަދި ނާތަހުޒީބީ އާދައެއް ހެއްޔެވެ.

ޒަމީރާއަށް މިރޭ އެހެންޏާ އޭނާއަށް ނުވިސްނޭ އެއްޗެއް ވިސްނިއްޖެއެވެ. ތައުލީމު ލިބިގެން އިން ބޯދާ ހިޔާލުގެ ގަމާރު ފިކުރުތަކެއްގެ ސަބަބުން އޭނާގެ ހަޔާތުގައި ކޮންފަދަ ބޮޑު ގޯހެއް ހެދިއްޖެކަން އިހުސާސްކުރެވިއްޖެއެވެ. އަސްވިއްކިޔަސް ލަގަން ނުވިއްކާށޭ މީހުން ބުނެއެވެ. އަސް ދާނެދިމާއަކަށް ދާން ދޫކޮށްލިއިރު ލަގަނުންވެސް ދޫކޮށްލެވުނީއެވެ. ގައިމުވެސް ލަގަން އަތުގައި އޮތްނަމަ ހިފައި ދަމައިގަތުމުން އަސް އެނބުރި އަންނާނެއެވެ. ދެންވެސް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދިރިއުޅުމުގެ ބާކީ އޮތްތަން ސަލާމަތްކުރެވޭނެ ވިސްނުމެއް އައީތީ ޒަމީރާ ޝުކުރުކުރިއެވެ. އަދި ގަދަ އަޒުމަކާއެކު ހިނގައިގަތީ މާދިހުގެ ކޮޓަރިއާ ދިމާއަށެވެ. އަމިއްލަ ހައްގު ލިބިގަނެ މާދިހު ގާތު މާފަށް އެދުމަށްޓަކައެވެ. އޭނާއަކަށް ފަޒުނާ ގެއިން ނެރޭކަށް ނުބުނެވޭނެއެވެ. އަދި އެހެން އެކަމެއް އޭނާ ނުވެސް ކުރާނެއެވެ. އެކަމަކު ޔަގީނުންވެސް މާދިހު މިރޭ ބަދިގެއިން ނުކުތްއިރު އޭނާއަށް ނުދިން ސަމާލުކަން މީގެފަހުން ދޭންޖެހޭނެއެވެ. ލަގަންދޫވިޔަސް އަދި އޭނާ އެއަހަކުން ނުވެއްޓެއެވެ.