ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރަން ފަށައިފިއެވެ.
އެ މިސްކިތް ރަސްމީކޮށް އަދި ނުހުޅުވި ނަމަވެސް، ރޯދަމަހާ ދިމާކޮށް މިސްކިތުގައި ނަމާދުކުރަން ފަށާފައިވަނީ މިއަދުގެ ހުކުރު ނަމާދުންނެވެ. ހުތުބާ ދެއްވައި އިމާމުވެ ހުކުރު ނަމާދު ކުރެއްވީ ދީނީ އިލްމްވެރިޔާ އިލްޔާސް ހުސެއިންއެވެ.
މިއަދުގެ ހުކުރު ނަމާދަށް ގިނަ ބަޔަކު ސަލްމާން މިސްކިތަށް ގޮސްފައިވާ އިރު، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުވެސް ހުކުރު ނަމާދަށް ވަޑައިގެންނެވީ އެ މިސްކިތަށެވެ.
އެ މިސްކިތުގައި މިއަދުން ފެށިގެން ދެން ހުރިހާ ވަގުތެއްގައިވެސް ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެ މިސްކިތުގައި ތަރާވީހު ނަމާދާއި ދަމުނަމާދުވެސް އޮންނާނެއެވެ.
ސައޫދީ ރަސްގެފާނުގެ ހިލޭ އެހީގައި މާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކުރަން ހަމަޖައްސައި، އެކަމާ ގުޅޭ މަސައްކަތްތައް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ ބަޖެޓަކާއެކުއެވެ.
އިސްލާމިކް ސެންޓަރެއްގެ ކޮންސެޕްޓަށް ހަ ބުރިއަށް ހަދާފައިވާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް އެއްކޮށް ނިމިފައި ހުންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ.
ނަމަވެސް އެ މިސްކިތް ރަސްމީކޮށް ނުހުޅުވައި ހުރީ، އެ މިސްކިތަކީ ސައުދީގެ އެހީގައި އިމާރާތްކުރި މިސްކިތަކަށް ވެފައި އެބޭފުޅުންގެ ވެސް ބައިވެރިވުމާއެކު އެތަން ހުޅުވަން ބޭނުންވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު