(27 މާޗުގެ އަދަދާ ގުޅޭ)
ލ.ކައްދޫ އެއާޕޯޓު ރަންވޭގައި ފަނަރަ ވަރަކަށް މިނިޓު ކުރިން ޖެއްސި ފުލައިޓުން ފޭބި، މަޝްހޫރު އެހާމެ މީހުންގެ މެދުގައި މަގުބޫލު ކުޅަދާނަ ލިޔުންތެރިޔާ، ޒަޔާންޒޯހާން އޭނާގެ ލޮލުގައި އޮތް އަވިއައިނު ނަގާ ދެކޮޅު ހޯދާލިއެވެ. އިރު އޮއްސުމަކާ ގާތްވަމުން އަންނާތީ ރަތްވިލާ އުދަރެހުގައި ގިނަވާން ފަށާފައިވާ މަންޒަރު މޫސުމް ރީތި ދުވަހެއްކަމުން ވަރަށް ސާފުކޮށް ފެނެއެވެ. އެހާމެ މަންޒަރު ހިތްގައިމެވެ. ޒަޔާންޒޯހާންގެ ނަޒަރު ހޯދަމުން ދިޔަ މީހާއަށް އޭނާ ފެނިއްޖެއެވެ. ދެމީހުންގެ ހަަތރުކަޅި ބައްދަލުވުމާއެކު އެކަކު އަނެކަކަށް އަތްހޫރާ ސަލާމަށް ގޮވާލިއެވެ.
ޒަޔާންޒޯހާން ބަލާއައިސް ހުރީ މިއަތޮޅުގެ މަޝްހޫރު ކޮލިގަނޑުވަރުގެ މާމަދަރިފުޅެއް ކަަމަށްވާ ނިރާއެވެ. އެންމެނަށްވެސް އެނގޭ އެތައްބަޔަކު ނުހަނު ލޯބިވާ މަރުހޫމު މުހައްމަދު ސައްތާރު ސައީދުގެ ހަނގު ދަރިފުޅެވެ. ޒަޔާންޒޯހާންގެ ކޮލެޖުދައުރުގެ އެކުވެރިއެކެވެ. ރާއްޖެއިން ބޭރުގައި ދެމީހުން ތައުލީމު ހާސިލު ކުރަމުން އައިސް، ނިރާ ކުއްލިއަކަށް ރާއްޖެ އަންނަން ޖެހުނީއެވެ. އާއިލާގެ ހާލަތު ތަންކޮޅެއް ގޯސްވެ ފަހަރިއަކު ބަލިވުމާއެކު މާމަވެސް ވަރަށް ހާލުދެރަވެ އާއިލާ ތެރޭގަ މައްސަލަތަކެއްވެސް ޖެހުމުންނެވެ. ދެމެދުގައި އޮތް އެކުވެރިކަމަށްވުރެ ގާތްގުޅުމާއެކުވެސް ނިރާ އެގޮތަށް ރާއްޖެ އަންނަން ޖެހުނު ސަބަބެއް ނުބުނެއެވެ.
އޭގެ ފަހުން ވޭތުވެދިޔަ ހައެއްކަ އަހަރު އެދެމީހުންގެ ދެމެދުގައި ވަރަށްބޮޑު ދުރުކަމެއް އުފެދިފައިވީ ނަމަވެސް އަބަދުވެސް ދެމީހުން އެކަކު އަނެކަކުގެ ހާލު ބަލައި އުޅެއެވެ. ދެން ކުއްލިއަކަށް ދާދި އިހަކަށްދުވަހު ނީރާއަށް ޒަޔާންޒޯހާންގެ ވަރަށް އާދޭސްކޮށްފައި ކަމަކަށް އެދިފަ ވާ މެސެޖެއް ލިބުނެވެ. ކިޔަވައިގެން ރާއްޖެ އައިފަހުން މިވީ ދޮޅު އަހަރެއްހާ ދުވަސްތެރޭ ޒަޔާންޒޯހާން ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސް، އަމިއްލަ ވިޔަފާރިއެއްގެ ގޮތުން އިނގިރޭސި އަދި ދިވެހިން، ދުނިޔޭގެ ފެންވަރުގައި، މުޅި ދުނިޔެއަށް މަޝްހޫރު މަޖައްލާއެއް ކަމަށްވާ 'ހަކިބަ' ނެރޭތާ ހަތްމަސް ވެއްޖެއެވެ. އަދި މިއަންނަ މަހުގެ ހަކިބަ ގެ 'ކަވަރސްޓޯރީ' މަހުގެ ބޮޑު ވާހަކައަކަށް ގަމުގައި ހުންނަ ރީތިކަމުގެ މިސާލެއް ނެތްހާ ފުރިހަމަ، އަދި ތަފާތު، މިސްކިތުގެ ވާހަކަ އެހެން ނޫސް މަޖައްލާތަކުގައި ހުރި ވަރަށްވުރެ، ތަންކޮޅެއް ފުޅާކޮށް ތަފުސީލުކޮށް ލިޔުމަށް ޒަޔާންޒޯހާން ވަނީ ނިންމާފައެވެ.
މިމިސްކިތަކީ އިލްމީ ހަޒާނާއެެއްކަހަލަ ލައިބްރަރީއެއް ހުރުމާއެކު އެމިސްކިތުގެ ލައިބްރަރީން ތަފާތު ކޯސްތައް ކިޔަވައިދޭ، މުދިމުކޯސް، ގިރާއަތުކޯސް، ނުހަނު ކުުޑަކުޑަ އަގެއްގައި އަދި ސުންނަތުގެ ހަދީޘް އިލްމު ހިލޭސާބަހަށް ކިޔަވައިދޭ މިސްކިތެކެވެ. މިސްކިތުގެ ނަމާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ތުންތުންމަތިން ދައްކާ އުޅުނަސް އެކަމަށް ސައްހަ ހަބަރެއް އެއްވެސް ނޫހެއްގައި ޖެހިފައެއް ނެތެވެ. މިސްކިތުގެ ނަމަކީ "މަސްޖިދުލް ކައުޘަރު" ކަމަށްވާއިރު މީހުން ކިޔާ ގޮތުންނަމަ އެއީ ގަނޑުވަރު ސައީދުގެ ހަނގު ފިރިހެން ދަރިފުޅު އޭނާގެ އަނބިމީހާގެ ނަމުގައި އެއަނބިމީހާއަށް ބިނާކޮށްދީފަވާ މިސްކިތެކެވެ.
އެހެންނަމަވެސް އެންމެނަށްވެސް އެނގޭ ގޮތުގައި، މުހައްމަދު ސައްތާރު ސައީދުގެ، "ކައުޘަރު" ކިޔާ ޅީދަރިފުޅެއްވެސް އަދި ދަރިފުޅެއްވެސް ނެތެވެ. އަދި ކޮލިގަނޑުވަރުގެ އާއިލާގެ ދުރުހިސާބުންވެސް މިނަން ކިޔާ އެއްވެސް މީހަކު އުޅެފައެއްވެސް ނެތެވެ. އެހެންކަމުން މިނަމާއި މިސްކިތާއި ހުރީ ކޮންގުޅުމެއްތޯއާއި އަދި އެނަމާއި ގަނޑުވަރު އާއިލާއާ ހުރި ގުޅުން ދެނެގަންނަން މީހުން ނޫސްތަކުގައި ލިޔުމަށް ކުރި ސުވާލަށް ގަނޑުވަރުން ދިން އެއްވެސް ޖަވާބެއްގައި "ޖަވާބެއް ނެތް" "ނޯކޮމެންޓްސް" އެއީ ހަމަ ލޯބިވާ މީހެއްގެ ނަމެއް، މިފަދަ ސިއްރުން ފުރިފައިވާ މައުނަވީ ޖަވާބު ނޫން ޖަވާބެއް ނެތެވެ. އަދި އެއްވެސް މީހަކަށް ގަނޑުވަރާ ބެހޭގޮތުން ތޯތޯ ވާހަކައެއް ނުލިޔެވޭނެއެވެ. އަދިވެސް އަތޮޅާއި ގައުމުގައިވެސް އެމީހުންގެ އާއިލާ ބާރުގަދައެވެ.
ޒަޔާންޒޯހާން އައީ ވަރަށް ވަރުގަދަ ދެއުއްމީދަކާއެކުގައެވެ. ފުރަތަމަ އުއްމީދަކީ ނިރާއަށް ކައިވެނި ހުށަހަޅާ އާނބަސް ލިބި ނިރާ ލައްވާ ރަން ކިޔުއްވުމެވެ. އަނެއް އުއްމީދަކީ މިފަހަރު އޭނާގެ މަޖައްލާ އޭނާ ބޭނުންވާ މައުލޫމާތު ލިބިގެން ފުރިހަމަ ކަމާއެކު ނެރެވޭ ގޮތްވުމެވެ. މިދެކަމުގައިވެސް އޭނާއަށް ބޭނުންވަނީ ނިރާގެ އެހީތެރިކަމެވެ. އަދި އޭނާ މިއަތޮޅަށް ދަތުރު ހަދައިގެން އައީ ނިރާގެ އާނބަސް ލިބުނު މެސެޖަށްފަހުގައެވެ. އޭނާގެ އާއިލާގެ ގާތްތިމާގެ މީހަކަށްވެސް އިނީ ލޯބޯކޮށިވެފައި އިން ހުވަފަތް ބޮޑުދައިތައެކެވެ. ޅައުމުރުގައި ޔަތީމު އަރީބަކަށް މިސްކީނަކަށް ވި ޒަޔާންޒޯހާން މިއަދު މަޝްހޫރު މޮޅު ލިޔުންތެރިއަކަށް ހެދީ އޭނާގެ އަޒުމާއި ހިތްވަރާއި ބުރަ މަސައްކަތެވެ.
މިދަތުރުގައި ބޮޑުދައިތަ ގެންނަން ބޭނުންވިޔަސް ދައިތަ އެދުނީ އޭނާ އެކަނި އައިސް ޅީދަރިފުޅު ގޮވައިގެން ދައިތަ ގާތަށް އައުމަށެެވެ. އަދި ޒަޔާންޒޯހާން އައީ އެގޮތަށް އަޒުމު ކަނޑައަޅައިގެން އެހުރިހާ ކަމަކަށް ތައްޔާރުވެގެންނެވެ. މިހާރު ނިރާއާ އެކު ކޮލިގަނޑުވަރާ ދިމާއަށް ދަތުރުކުރަމުން ދިޔަ އަމިއްލަ "ރޭންޖްރޯވާ"ގެ ތެރޭގައި އިން ޒަޔާންޒޯހާންގެ ހިތުގެ ތެޅުން ދަނީ ބޮޑުވަމުންނެވެ. އަނެއްކާ އޭނާގެ މިސުވާލުތަކަށް ޖަަވާބު ދޭން ޖެހުމުން އެއާއިލާ އަލުން އެއްވެސް ހިތާމައެއް ތަކުލީފެއް އުފުލަން ޖެހިދާނެބާވައެވެ. އޭރުން ވާނީ ކިހިނެއްބާވައެވެ.
ޒަޔާންޒޯހާންގެ ހިތުގެ އަޑު ނިރާއަށް ފޯރީ ކަމަށްވެެސްވެދާނެއެވެ. ނިރާ ޒަޔާންޒޯހާންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. އަދި ހަަތަރުކަޅި ހަމަކޮށްލުމާއެކު ބޮޑުހިނިތުންވެލުމެއް ދެމުން ލޯމަރާ ބޯހަލުވާލިއެވެ. ހާސްނުވާށޭ، ވާނީ ރަނގަޅަށޭ. ބުނެލި ކަހަލައެވެ. އޭރު ރޭންޖްރޯވާ ގަނޑުވަރުގެ ބޮޑު ދޮރާށްޓާ އަރާހަމަވެއްޖެއެވެ. ޒަޔާންޒޯހާން އެދިމާއަށް ބަލާލިއެވެ. ހަމަހަގީގަތުގައިވެސް މިއީ ގަނޑުވަރެކެވެ. ތަނަވަސް ބޮޑު ގޭޓު ހުޅުވާލުމުން އެތެރެއަށް ވަދެގެން ދިޔަ ރޭންޖްރޯވާގެ ފަހަތުން ގޭޓު ލައްޕާލާފައި ދޮރުވާނު ދުވެފައި އައިސް ކާރުގެ ދޮރުހުޅުވާލަދިނެވެ.
ނިރާއާއެކު މެންދުރުގެ ކެއުމުގައި ޒަޔާންޒޯހާން ބައިވެރިވީ އެއާއިލާގެ އެހެން އެންމެން ކައިނިމިގެން ކާކޮޓަރިން ގޮސްފައި ވާތީ އެކަނި ކަހަލަ ގޮތަކަށެވެ. މެންދުރުގެ ކެއުމަކަށްވުރެ އެއީ ކުޑަވަރެއްގެ ލުއި ސަޔެކޭ ބުނިއްޔާ ރަނގަޅު ވާނެއެވެ. އަސުރު ނަމާދަށް ކައިރިވަމުން އަންނާތީ ޒަޔާންޒޯހާން ބޭނުންވެފައި އިނީ ވީހާވެސް އަވަހަކަށް ‘މަސްޖިދުލް ކައުޘަރު’ މިސްކިތަށް އަސުރު ނަމާދަށް ދިއުމަށެވެ.
އެބަހަނާގައި ނަމާދު ކުރެވުމާއެކު މިސްކިތްވެސް ފެނުނީއެވެ. އަދި ނަސީބު ހުރި ހެޔޮގޮތިއްޔާ މިސްކިތް އެޅި މީހާއާއި ބެހޭ ގޮތުން ރަނގަޅު މައުލޫމާތެއްވެސް ލިބޭނެއެވެ. ފަހަރެއްގައި އެމީހާ އާ ބައްދަލުވެސް ވެވިދާނެ ތޯއްޗެކެވެ.
އެއްވެސް ނޫހަކަށް އަދި އެމިސްކިތުގެ ފަރުމާކުރުމާއި އެމަސައްކަތުގެ އިސްފަރާތުގެ ސައްހަ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތެވެ. އަދި އެއަންހެންމީހާއާ ބެހޭ މައުލޫމާތެއްވެސް ލިބިފައެއް ނެތެވެ. ޒަޔާންޒޯހާން ބޭނުންވަނީ އޭނާގެ މަޖައްލާ މިބޮޑު ސިއްރު ހާމަކުރުމަށެވެ. އެއީ ލޯބީގެ ރީތި އުފާވެރި ވާހަކައެއްކަން ޔަގީނެވެ.
އަސުރު ނަމާދަށް ޒަޔާންޒޯހާން ދިޔައީވެސް ނިރާއާއެކުގައެވެ. ނިރާ އަންހެނުންގެ ބަޔަށް ނަމާދަށް ވަނުމުން ޒަޔާންޒޯހާން މިސްކިތުގެ ލައިބްރަރީތެރޭގައި ކެމެރާއާއި ދަބަސް ބެހެއްޓުމަށްފަހު ނަމާދަށް ވަނެވެ.
ނަމާދުން ނިމިގެން ޒިކުރު ކޮށްލައިގެން ޒަޔާންޒޯހާން ނުކުތްއިރު އޭނާގެ އިންތިޒާރުގައި ނިރާ މިސްކިތުގެ ލައިބްރަރީގެ ތެރޭގައި އިނެވެ. ދަބަސްނަގާ ކެމެރާ ކޮނޑުގައި އަޅުވައިގެން ނިރާއާއެކު މިސްކިތުން ނުކުންނަމުން ޒަޔާންޒޯހާން މަޑުކޮށްލިއެވެ. ނޫނެކެވެ. ފުރަތަމަ މަޑުކޮށްލީ ނިރާއެވެ.
“ބޯއްތާ...ނަންނައަކަށް ތިއްތި މަލެއް ނުދިން..”
ކިހިލީގައި މުސައްލައެއް ޖަހައިގެން އައީ ދިހަވަރަކަށް އަހަރުގެ ކަޅު އެހެނަސް ރީތި އަންހެންކުއްޖެކެވެ. ކަލާނގެ ކުޅަދުންވަންތަކަމެވެ. އެކުއްޖާގެ ބޮލުގައި އޮތީ ވަރުގަދަ ދިގު އިސްތަށިގަނޑެކެވެ. ފުރަގަހަށް އައްސާ ގަތާފައި އޮތްއިރު ކުއްޖާގެ އިސްކޮޅާ ހަމައިން އުނަގަނޑުން ތިރިއަށް އިސްތަށިގަނޑު އަރައެވެ. އެކުއްޖާ ނިރާގެ އަތުގައި ހިފާ ޝަކުވާކޮށްލީ ދުރުން އައި ހަަމއެވަރުގެ ދޮން ފިރިހެންކުއްޖަކު ދައްކާފައެވެ.
“އަނހާ...ނަންނައަށް ދޭން ގެނައި މަލެއްނު މިއޮތީ…..ތިއްތި ނަންނައަށް ނުދީ އެކައްޗެއްވެސް އެކަނި ބޭނުމެއް ނުކުރާނެ.”
ރީތި ފިސާރި ޝަހުސިއްޔަތު ވަރުގަދަ ފިރިހެން ކުއްޖެކެވެ. އަތުގައި އޮތް ފިނިފެންމާ އަންހެންކުއްޖާއަތަށް ދެމުން އެކުއްޖާ ހީނލީ ބީރައްޓެހިވެފައި ހުރި ޒަޔާންޒޯހާނަށެވެ.
“ދޮންބެއާއި ދޮންބެ ދައްތަގެ ދެކުދިން...ޖަންނަތާއި ފިރުދައުސް...ޖަންނަ އެއީ ހަމަ ދޮންބެދައްތަ….ފިރުދައުސް އެއީ ހަމަ ދޮންބެ..ދެން އެއަންނަނީ މިކުދިންގެ ބޮޑުދޮންބެ، ޒިމޫދައްތަގެ ނޫރު..”
ދުރުން އައި ސާދަފަނަރަ ވަރަކަށް އަހަރުގެ ފުރާވަރުގެ ފިރިހެން ކުއްޖެކެެވެ. އިސްކޮޅުން ދިގު ހިމަތޮޅި ދޮންދޮން ފިރިހެންކުއްޖެކެވެ.
ނުދަންނަ މީހާއާ ދިމާއަށް ހިނިތުންވެލި ގޮތަށް ފިރުދައުސް ހާސްވެއްޖެއެވެ. ބައްޕައެކޭ އެއްގޮތަށް ކަންބޮޑު ވީމާ ފިރުދައުސްވެސް ބޯކަހާލާފައި ލައިގެން ހުރި ހަރުވާޅުގެ ދެޖީބަށް އަތްމަހާލިއެެވެ. މިމަންޒަރު ފެނުނު ޖަންނަތު ބޭބެގެ އަތުގައި ހިފައިގެން ދާން ހިނގައިގަތީ ގެ ހުންނަ ދިމާއަށެވެ. އެއީ ނޫރުގެ އިޝާރާތަށް އަމަލު ކުރުމުގެ ގޮތުންނެވެ. ތިންކުދިންގެ މިގުޅުމުން ދޭހަވަނީ އެކުދިން ވަރަށް ތުއްތު އިރުއްސުރެ އުޅެމުން އަންނަނީ އެކީގަކަމެވެ.
“ބޯއްތާ….މިދަނީ ގެއަށް ދާން...އިނގޭ….”
ނޫރު ނިރާއަށް ބުނެލީ ޒަޔާންޒޯހާނަށް ހީނލަމުންނެވެ. އަދި ޖަންނަތުވެސް ފިރުދައުސްގެ އަތުގައި ހިފައިގެން ގެއާއި ދިމާއަށް ހިނގައިގަތުމުން ޒަޔާންޒޯހާން ހައިރާންވެފައި ނީރާއަށް ބަލާލިއެވެ.
“އެކުދިންގެ މަންމައާއި ބައްޕަ ކޮބާ...؟”
ނިރާގެ ލޯތެމުނުތަން ރީއްޗަށް ޒަޔާންޒޯހާނަށް ފެނުނެވެ. އަދިދެން އޭނާގެ ހުރިހާ ސުވާލަކަށް ނިރާ ޖަވާބުދީފިއެވެ. އޭނާއަށް މާބޮޑަަށްވެސް ލަސްކުރެވުނީއެވެ.
ޝާމިންގެ ވަގުތުތައް މުޅިންހެން އަޅުކަމަށް ހުސްވެގެން ދިޔައީ ތިއްތިބޮޑުމަންމަ ދޮންދީދީއާއި މަންމަ ޝިޔާމާގެ ވަކިވުމަށްފަހުގައެވެ. ޒަމާނުގެ އޮއިގައި ޝާމިންެގެ އެންމެ ލޯބިވާ ގާތް މީހުންނާއި އޭނާ ވަކިވާން ޖެހޭ ކޮންމެ ފަހަރަކީ ހިތްވަރަށް އިތުރުވަމުން ދިޔަ ބޮޅެކެވެ. ޝަކީލާއަށް އަދަބު ލިބުމަށްފަހު އޭނާއާ ބެހޭ އެއްވެސް ވާހަކައެއް ކޮލިގަނޑުވަރުތެރެއަކު ނުދައްކައެވެ. މިދެކުދިންގެ ހުރިހާ ޒިންމާއަކާއި ހަވާލުވެގެން ތިބީ ޒިމްނާއާއި ސަމަދުއެވެ.
ޝާމިންގެ ގިނަ ވަގުތު ހޭދަވާން ފެށީ މިސްކިތުގައެވެ. ރޯދައަށް ހުންނަ ދުވަސްތައް އިތުރުވާން ފެށިއެވެ. މަޑުމަޑުން އޭނާ އިއުތިކާފުގެ ގަޑި އިތުުރުކުރަން ފެށިއެވެ.
އެދުވަހަކީ ހައްޖު ދުވަހެވެ. އަދި ހުކުރު ދުވަހެއްމެއެވެ. ހިމަފޮދު ވާރާގެ ތިކިތަކުން ސަލާމަތްވެގެން ނިރާއާއި ޒިމްނާ މިސްކިތަށް ދިޔައީ ތިންކުދިންވެސް ގޮވައިގެން ރޯދަވީއްލުމަށް ޝާމިނަށް ސާމާނު ގެންގޮސްދިނުމަށެވެ. މިސްކިތުގެ ގޯތިތެރޭގައި ހުރި މާގަސްތަކާއި ކުޅެން ތިބި ކުދިން ދޫކޮށްލާފައި ޒިމޫއާއެކު ނިރާ ދިޔައީ ލައިބްރަރީއާ ދިމާއަށެވެ. އެއްވެސް ތާކުން ޝާމިން ނުފެނުނީމަ އިންނާނީ އެތަނުގައިކަން ޔަގީންވާތީއެވެ.
ހީވީ ރަނގަޅަށެވެ. ޝާމިން އިނީ ލައިބްރަރީގެ ތެރޭގައި ގުރުއާން ބަހައްޓާފައި ހުންނަ ޝެލްފު ކައިރީގައި އިށީނދެގެން ގުރުއާން ކިޔަވާާށެވެ. ދެމީހުން ދެފަހަރަކު ގޮވާލުމުން ޝާމިންގެ ހިލަމެއް ނުވިއެވެ. އިސްއުފުލާ ނުލިއެވެ. ގުރުއާން ކިޔަވަން އިންދާ ނިދުނީކަން ނޭނގެއެވެ. ފާރަށް ލެގިލައިގެން އިން އިރު މޫނުވަނީ އަތުގައި އޮތް މުސްހަފުގެ ތެރޭގައެވެ. ކުރިއަށް ޖެހި ދޮންބެގެ ކޮނޑުގައި އަތްޖައްސާލުމާއެކު… ………
ވާހަކަ އެހިސާބަށް ކިޔައިދެވުނުއިރު، ނިރާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެކަމަކު އެދުވަހު ނުރޮއެވެ. ދޮންބޭބެ އެދިޔައީ ހެޔޮސާއަތެއްގައި ރަނގޅު ފާލެއްގައވެ. ހުރިހާ ލޯބިވާ މީހުންނާ ސުވަރުގެއިން ބައްދަލުވުމަށް ކޮންމެ ދުވާލަކު އެތައް ދުއާއެއް ކުރެއެވެ. ކަލާނގެ ކުޅަދުންވަންތަކަމާއި ރަހުމާންވަންތަކަމުން އެފުރާނަ ގެންދެވީ އެންމެންގެދޫމަތީ އޭނާއަށްޓަކައި ހެޔޮބަހާއި ތައުރީފާއި ސަނާ ލައްވާފައެވެ.
ރަށުގެ އާސަހަރާގައި ކައިރިކައިރީގައި ހުރީ ހަތަރުމަހާނައެވެ. ދޮންދީދީއާއި ޝިޔާމާގެ މަހާނައިގެ ވެއްޔަށްވުރެ ޝާމިންގެ މަހާނައިގެ ވެލި އަލެވެ. އެއާ ޖެހިގެން ހުރީ ކުޑަކޮށް ދުވަސްވީ މަހާނައެކެވެ. އެކަށިތައް ފުރޭނި ވެއްޔާ އެކުވަމުންދަނީއެވެ. އަދި މިހާރުދެން އެދެރޫހު ވަކިވާކަށް ފަހަރެއްގައިވެސް ނުޖެހޭނެއެވެ.
“އެމިސްކިތުގެ ނަމަކީ ޝައުފާއަށް ލޯބިން ޝާމިން ދިން ނަމެއް…އެކަމަކު އޭގެ އެތައް އެތައް އަހަރެއް ކުރިން މުހައްމަދު ސައްތާރު ސައީދު ދުނިޔޭގައި ހުންނެވިއިރު ޝާމިންގެ އުމުރުން އެންމެ ދިހަ އަހަރުގައި އެއްދުވަހަކު ބުނެފައިވޭ، ޝާމިން ބޮޑުވެގެން މިސްކިތެއް ބިނާކުރާނަމޭ، އެއީ ޝާމިން ލޯބިވާ މީހުންނާއެކު ސުވަރުގޭގައި ލެއްވުމަށް ދުއާ ކުރަން އުޅެނިމިދާންވެގެންނޭ. އަދި އަބަދުވެސް މިބިންމަތީގައި ﷲއަށް އަޅުކަން ކުރަން މީހުން ބޭނުން ކުރާނެ ބިމެއް ބިނާކުރުމަށޭ. އެމިސްކިތަށް ކިޔާނީ މަސްޖިދުލްކައުޘަރު އޭ، އަދި އެއީ ޝާމިންގެ އަނބިމީހާއަށް ލޯބިން ޝާމިން ކިޔާނެ ނަމޭ.”
ޒަޔާންޒޯހާންގެ ކައިވެނީގެ ހަބަރާއެކު މުޅި ރާއްޖޭގައި އޭނާގެ ‘ހަކިބަ’އިގެ އެމަހުގެ އަދަދު ވިކުނީ އިތުރު ދިހަބާރަ ފަހަރު ޗާޕަށް އޯޑަރުދޭން ޖެހޭހާ ބާރުމިނުގައެވެ. ހަބަރުތަކުގެ ފަލަ ސުރުހީތަކާއި ނޫސްތަކުގެ މައި ވާހަކައަކަށް މިވާހަކަ ހިމެނުނެވެ. އަދި ޒަޔާންޒޯހާން އޭނާގެ މަޖައްލާގައި ޝާއިއު ކުރަން ފެށި ސިލްސިލާ ވާހަކަ “ވަކިވާން ޖެހުމުން” ގެ ހުލާސާ ސުރުހީ “ޝާމިންއާއި ޝައުފާގެ ލޯބީގެ ގުޅުން، މަސްޖިދުލް ކައުޘަރަކީ ލޯބީގެ ނިޝާނެއް، އެކަމަކު އެއީ ﷲއަށްޓަކައި ބިނާކުރެވުނު، ﷲދެކެ ވާ ލޯބީގެ ރަމްޒީ ހަނދާނެއް!” އާންމުންގެ ތެރޭގައި ވަރަށް މަގުބޫލުވެ ފިލްމު، ޑްރާމާ ހަދާ މީހުން މިވާހަކަ ބޮޑު އަގުގައި ލިބިގަތުމަށް ޒަޔާންޒޯހާނާ ބައްދަލު ކުރަން ފެށިއެވެ. އަދި "ވަކިވާން ޖެހުމުން" މިވާހަކަ އެއްކޮށް ނެރުމަށް ހަފުލާއެއް ބޭއްވޭނެ ވާހަކަ ހަބަރުތަކުގައި ވަނީ އަޑުއުފުލިފައެވެ.
އަހަރުތަކަކަށްފަހު ޖަންނަތާއި ފިރުދައުސަށް ހަމަގައިމުވެސް އެކުދިންގެ މަންމަ ނިޔާވިގޮތް އޮޅުވައެއް ނުލެވޭނެއެވެ. އަދި އެކުދިންގެ މަންމައާއި ބައްޕަގެ ނުހަނު ތޯހިރު އެހާމެ މާތް ގުޅުމަށްޓަކައި އެކުދިން ފަހުރުވެރިވާނެއެވެ. އެއީ މުޅި ކޮލިގަނޑުވަރުގެެވެސް އަދި ޒިމުނާމެން ޒިޔާދުމެން އެންމެންގެވެސް އެދުމެވެ. ދޮންދީދީ ނެތް ދުނިޔޭގައި އޭނާގެ ވަސިއްޔަތެއްވެސް މެއެވެ.
ހަމައެހެންމެ މިހުރިހާ އަޑުތަކެއް މަންޒަރުތަކެއް ކަރުނަ ހިނދިފައިވާލޮލަކުން އެހެނަސް ފަހުރުވެރި ނަޒަރަކުން ޔުއާނާވެސް ބަލާނެއެވެ. އެއްކަމެއްގެ ފަހުރު އޭނާގެ ހިތަށް ހަމަޖެހުން ދޭނެއެވެ. އޭނާ ހިތުގެ އަޑިން ލޯބިވާ އިންސާނާއަކީ ނުހަނު މާތް މީހެއްކަމުގެ އުފާ އޭނާ އިހުސާސްކުރާނެއެވެ. ޝާމިންދެކެ ލޯބިނުވާނީ ކާކުހެއްޔެވެ. ކޮންމެ އަންހެނަކުވެސް އެފަދަ ފިރިހެނެއްދެކެ ލޯބިވާނެއެވެ. އަދި ޝައުފާ ފަދަ އަންހެނަކަށް ގަދަރު ކުރާނެއެވެ.
(ނިމުނީ)ސހަފ
ވާހަކަ
ވާހަކަ