އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ އިގުތިސޯދީ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގާއިމުކުރި ރާޑަރު ސިސްޓަމްތައް ދިވެހި ސިފައިން އޮޕަރޭޓް ކުރަން ފަށައިފިއެވެ.

އެމްއެންޑީއެފްއިން މިއަދު ހަވީރު ބުނީ ރާއްޖޭގެ އިގުތިސޯދީ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މެރިޓައިމް ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގެ ބޭނުމުގައި ކޯސްޓަލް ސަވެއިލަންސް ސިސްޓަމެއް ގާއިމުކުރެވިފައިވާ ކަމަށެވެ. އެ ސިސްޓަމްތައް ގާއިމުކުރެވިފައިވަނީ ދެ ފޭސްއަކަށް ބަހާލައިގެން ކަމަށެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 10 ސަރަހައްދެއްގައި ކޯސްޓަލް ރާޑާ ސިސްޓަމް ވަނީ ގާއިމުކޮށްފައެވެ. އެ ޕްރޮޖެކްޓަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

އެމްއެންޑީއެފްއިން ބުނީ، އެ ރާޑާ ސްޓޭޝަންތައް އޮޕަރޭޓް ކުރުމުގައި މިހާރު ހަރަކާތްތެރިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގައި މަސައްކަތްކުރާ، އެކަމަށް ހާއްސަ ތަމްރީނުތަކެއް ލިބިފައިވާ ސިފައިން ކަމަށެވެ.

ރާޑަރު ސިސްޓަމް ބޭނުންކުރަން ފެށުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ މިނިސްޓާ އޮފް ފޮރިން އެފެއާސް ސުބްރަމަންޔަމް ޖޭޝަންކަރު އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެމްއެންޑީއެފްގެ ފަރާތުން އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ކޯސްޓުގާޑުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.