"ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" އަކީ ދިވެހި ރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަށް އަދި ދާހިލީ ރައްކާތެރިކަމާއި ރައްޔިތުންގެ ސަލާމަތް ކަށަވަރުކޮށް ދިނުމަށްޓަކައި ހުޅުވުނު މުހިންމު މުއައްސަސާއެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާނު މިހެން ވިދާޅުވީ "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް"ގެ ނަމުގައި އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ޕޮލިސް އެކެޑެމީ ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ މިއަދު އެއްވެ ތިބީ ޒަމާންތަކެއް ވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވާ ދުވަސް ދެކެން ކަމަށެވެ.
"މިއަދަކީ ދިވެހި ރާއްޖޭގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ވުޖޫދުވާ ދުވަސް. މިއަދު ގާއިމުކުރެވިގެންދާ ފުލުހުންނާއި ގާނޫނު ތަންފީޒު ކުރާ އެހެން އިދާރާތަކުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދޭ މި މަރުކަޒަކީ، ނަތީޖާއެއްގެ ގޮތުން ދިވެހި ރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަށް އަދި ދާހިލީ ރައްކާތެރިކަމާއި ރައްޔިތުންގެ ސަލާމަތް ކަށަވަރު ކޮށްދިނުމަށްޓަކައި ހުޅުވިގެންދާ މުހިންމު މުއައްސަސާއެއް." މިނިސްޓަރު ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ މި މުއައްސަސާގެ ދަށުން ދިވެހި ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ފޯރުކޮށްދީ، ސަލާމަތާއި މިނިވަންކަން ހޯދައިދެވިގެންދާނެ ކަމަށެވެ. އަދި މިއަދު ހުޅުވި މި މުއައްސަސާއަކީ ވޭތުވެދިޔަ ތިން ސަރުކާރުން އެކަމަށްޓަކައި މަސައްކަތްކޮށް އެ މަސައްކަތް މިހާތަނަށް ގެނެސްދީ މިކަމާމެދުގައި ދިވެހި ސަރުކާރު ތަކުގައި ދެބަސްވުމެއް ނެތް އެންމެން އެއްބަސްވެވިފައިވާ ހަގީގަތެއް ކަމަށެވެ. އެހެންކަމުން މި މަސައްކަތުގައި ހުރިހާ ސަރުކާރަކުން ދެމިތިބެ ދިވެހި ފުލުހުންނަށްޓަކައި މި މުހިންމު ބިނާ ގާއިމު ކޮށްދެއްވީތީ އެ ހުރިހާ ސަރުކާރުތަކުގެ އިސްވެރިންނަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ރަހުމަތްތެރި އިންޑިއާ ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކުރައްވައިގެން އެތައް މިލިއަން ޑޮލަރެއް އެ މަރުކަޒަށް އިންވެސްޓުކޮށް ހިލޭ އެހީއެއްގެ ގޮތުގައި އެ މަސައްކަތް ކޮށްދެއްވާފައިވާތީ އިންޑިއާ ސަރުކާރަށް، ދިވެހި ސަރުކާރާއި ފުލުހުންނާއި ރައްޔިތުންގެ ނަމުގައި މިނިސްޓަރު އިމްރާނު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ ތަސައްވަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ތަސައްވުރެއް ކަމަށާއި މިއަދު މި ގާއިމުކުރެވޭ މަރުކަޒުގެ ސަބަބުން މުޅި ރާއްޖޭގެ ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ ފުރިހަމަ ތަމްރީނާއި ހުނަރު ލިއްބައިދެވޭނެ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އުފެދިގެންވާ ފުލުހުންގެ މުއައްސަސާއަކަށް އެންމެ ބޭނުންވަނީ ފުރިހަމަ ތަމްރީނާއި ހުނަރު. މި މުއައްސަސާއަކީ (ޕޮލިސް އެކެޑެމީ) އޭގެ ނަތީޖާއެއްގެ ގޮތުން ޒަމާނީ ފުލުހުންގެ ތަމްރީނު ފޯރުކޮށްދޭ ޒަމާނީ ހިދުމަތް ރައްޔިތުންނާއި ހަމަޔަށް ގެނެސްދެވޭނެ މުއައްސަސާ އެއް. މި މުއައްސަސާ އަކީ އައްޑު އަތޮޅުގައި ގާއިމުކުރަމުންދާ މުއައްސަސާއަކަށްވުމާއެކު އައްޑު އަތޮޅުގެ ރައްޔިތުންނާއި ކައިރީގައިވާ އަތޮޅުތަކުގެ ރައްޔިތުންނަށް ފުލުހުން ހިދުމަތް ފޯރުކޮށްދިނުމުގައި މިހާތަނަށް ކުރިމަތިވެފައިވާ އިންސާނީ އަދި އެހެނިހެން ވަސީލަތްތަކުގެ މަދުކަން މި މުއައްސަސާ ގާއިމުކުރުމުން ފުރިހަމަވެގެންދާނެ. އަދި ވަކިން ހާއްސަކޮށް މި އަތޮޅުތަކުގެ ރައްޔިތުންނާއި ގާތުން އިޖުތިމާއީ ހިދުމަތެއްގެ ގޮތުން މަދަނީ ފުލުހުންގެ ހިދުމަތެއް ފޯރުކޮށްދިނުމަށް މިކަމުން މަގުފަހިވެގެންދާނެ." އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ 1933 ވަނަ އަހަރު މާޗު މަހުގެ 29 ވަނަ ދުވަހު އައްސުލްތާނު މުހައްމަދު ޝަމްސުއްދީން ހަ ވަނަ، ދިވެހި ރާއްޖޭގެ ފުލުހުންގެ ހިދުމަތް ފެއްޓެވީއްސުރެ، ވޭތުވެގެންދިޔަ 88 އަހަރު ތެރޭގައި ވަކިން ހާއްސަކޮށް 2004 ވަނަ އަހަރު ދިވެހި ފުލުހުންނަކީ ވަކި މުއައްސަސާއަކަށް ބަދަލުވިފަހުން، ވޭތުވެ ދިޔަ 17 އަހަރުގެ ތެރޭގައި ފުލުހުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗާއި ތަކުލީފަކީ ފުލުހުންގެ ފުރިހަމަ ތަމްރީނުދޭ އަމިއްލަ މަރުކަޒެއް ނުވަތަ އަމިއްލަ ޓްރެއިނިން ސެންޓަރެއް ނެތުން ކަމަށެވެ. އެހެން ނަމަވެސް މިއަދު މިގާއިމުކުރެވޭ އެކެޑެމީ އާއެކު އެއީ ފުލުހުންނަށް މާޒީއަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
"މިއަދު މި ހުޅުވި ޕޮލިސް އެކެޑެމީއާއެކުގައި ފުލުހުންގެ ހިދުމަތްތައް ދިނުމުގައި ޒަމާނީ ފެންވަރަށް މި ހިދުމަތް ބައްޓަން ކުރެވި ކުރިއަރައިގެންދާނެ. މިއީ ހަމައެކަނި ދިވެހި ފުލުހުންނަށް ހާއްސަ ކުރެވޭ ކޮލެޖެއް ނޫން. ދިވެހި ރާއްޖޭގެ ލޯ އެންފޯސްމަންޓާ ގުޅޭ ހުރިހާ މުއައްސަސާތައް ގުޅިގެން ތަމްރީނުދިނުމަކީ ޓްރެއިނިންތައް ހެދުމަކީ ދިވެހި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް އޮތް އެންމެ މުހިންމު އެއް މަގު. އެހެން ކަމުން ގުޅިގެން ކުރެވޭ ތަމްރީނާއި އެންމެންގެ ވިސްނުމާއި ފިކުރު އެއްކޮށް، އަޅުގަނޑުމެންގެ އެތެރޭގެ ހުރި ތަފާތު ކުރުންތައް ނައްތާލެވި ކުރިއަށްދެވޭނެ މަގު ހޯދައިދިނުމަކީ މި މުއައްސަސާގެ ތެރެއިން ކޮންމެހެން ނެރެންޖެހޭނެ މަގެއް." އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ރައްޔިތުންގެ އިގުތިސާދީ ތަނަވަސްކަމާއި ހަމަޖެހުމާއި އެންމެ ބޮޑު ގުޅުމެއް އޮތީ ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ކަމަށާއި މިއަދު އެ މުއައްސަސާގެ ސަބަބުން މިކަން ކަށަވަރު ކުރެވި ރައްޔިތުންގެ ސީދާ ދިރިއުޅުމާ ގުޅުންހުރި ކަމަކަށް މިކަން ބަދަލުވެގެންދާނެ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ. އަދި އެއީ ކޮންމެ ރަށަކަށް، ކޮންމެ އަތޮޅަކަށް، އަދި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށާއި ދިވެހި ރައްޔިތުންގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
އިމްރާން އިތުރަށް ވިދާޅުވީ ފުޅާވެ ތަނަވަސްވަމުން އަންނަ އިގުތިސާދު ބިނާވަނީ ބޭރުން އަންނަ މެހެމާނުންނަށް ކަމޭހިތުމުގެ މައްޗަށާއި އަދި ރައްކާތެރިކަމާއި އަމާންކަމާއި ހަމަޖެހުމުގެ މައްޗަށް ކަމަށެވެ. އަދި މިކަން ކަށަވަރު ކުރެވޭނީ މި ގައުމުގައި އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށާއި މިކަމުގައި ދިވެހި ފުލުހުންނަށް ލިބިގެންމިދިޔަ މުއައްސަސާއަކީ އެންމެ ބޮޑު އެއް އެހީތެރިކަން ކަށަވަރު ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު އައްޑުގައި ހުޅުވި ޕޮލިސް އެކެޑެމީން ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ހިދުމަތް ފޯރުކޮށްދޭ އަދި މިހާރު ހަދާފައިވާ ޒަމާނީ ގާނޫނުތައް އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަށް ބޭނުންވާ ފުރިހަމަ ހުނަރާއި ގާބިލުކަން މި އެކެޑެމީގެ ތެރެއިން ހޯދައިދިނުމަށްޓަކައި ދުނިޔޭގެ ތަފާތު ގައުމުތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ހުރިހާ މުއައްސަސާއެއް އެކުގައި ގުޅިގެން ޒަމާނީ ފެންވަރުގެ ފުލުހުންގެ ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާނެ ތަމްރީނު މި މުއައްސަސާއިން ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު