މާފަންނު ގެއެއްގެ ތަޅުންގަނޑު ދަށުގައި ފޮރުވާފައި ހުއްޓައި މިދި ބުރާސްފަތި ދުވަހު އަތުލައިގަތް 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ހުސައިން ފުލުހުންނަށް ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކުރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި މުއްދަތު މަޖިލީހުގައެވެ.
އިއްޔެގެ މުއްދަތު މަޖިލީހުން ވަނީ އަހުމަދު ހުސައިންގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ.
އިއްޔެގެ މުއްދަތު މަޖިލީހުގައި، އަހްމަދު ހުސައިން ބުނީ ފުލުހުން ހޯދި މަސްތުވާތަކެތި ފެނިފައި ވަނީ އެންމެންނަށް ވަދެވޭ ގޮތަށް ހުރި ތަނަކުން ކަމަށާއި، އެއީ އޭނާއާ ދެކޮޅު ފަރާތަކުން ދެރައެއް ދިނުމަށް ކުރިކަމެއް ކަމަށެވެ.
ނަމަވެސް ފުލުހުން ބުނީ، އެ މައްސަލައާ ގުޅިހެން ފުލުހުންނަށް ފިލުމަށްޓަކައި އޭނާ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ފޯނު ނަންބަރު ބަދަލު ކުރުމުޖުގެ އިތުރުން ފޯނުވެސް ބަދަލުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި، އޭނާގެ މައްޗަށް ފުލުހުން ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
އަހުމަދު ހުސައިން ހައްޔަރު ކުރުމާ ގުޅިގެން އޭނާ ނިސްބަތްވާ، ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޕީއެންސީ ގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި އަހްމަދު ހުސައިން ގެ މައްޗަށް ކުރެވޭ ތުހުމަތެއްގައި އޭނާ ހައްޔަރު ކުރި ކަމުގެ މައުލޫމާތު ލިބުމާއެކު، އެމައްސަލަ ބެލުމަށްފަހު ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެޅޭ ފިޔަވަޅެއްގެ ގޮތުގައި އޭނާ ޕާޓީގެ ކައުންސިލް މެންބަރު ކަމުން ވަކިކޮށް، ޕާޓީގެ އާންމު މެންބަރެއްގެ ގޮތުގައިވެސް ޕާޓީގެ އެއްވެސް ހަރަކާތެއްގައިވެސް ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދަށް ބަލާއިރު، ޕާޓީގެ ސިޔާސަތުތަކާއި ހިލާފުވެ، ގާނޫނާއި ހިލާފު ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ޕާޓީގެ އަސާސީ ގަވާއިދުން ޕާޓީއަށް ލިބިދީފައިވުމާއިއެކު، އަހުމަދު ހުސައިންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ ކުޑަބޮޑުމިނަށް ބަލައި، އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މީގެ ކުރިންވެސް މިފަދަ ކަންކަމުގައި އަމަލުކުރެވިފައިވާ ގޮތްތަކަށް ރިއާއަތް ކުރުމަށްފަހު ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު